މާލޭގެ މ. ތޮއިބާ މިސްކިތް ކައިރީގައި ހުރި ކެމިކަލް ގުދަނެއްގައި މިރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ސަރަހައްދުގެ ބައެއް ގެތަކުން ކަރަންޓު ކަނޑާލައި، ގެތަކުން މީހުން ހުސްކުރަން ފަށައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މިރޭ 21:30 ހާއިރު، މ. ކައިރުގޭގައި ހުންނަ "ޕްރައިމް ފާޓިލައިޒާ" ގެ ގުދަނެއްގައެވެ. އެމްއެންޑީއެފުން މައުލޫމާތު ދޭގޮތުގައި މިއީ ގަސްކާނާއާއި ގިނަ އަދަދެއްގެ ކެމިކަލް ރައްކާކޮށްފައި ހުރި ތަނެކެވެ. އަލިފާން ކޮންޓްރޯލްކޮށް ނިއްވާލުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްއާއި ފުލުހުން އަންނަނީ މެދުކެނޑުމެއްނެތި ހަރަކާތްތެރިވަމުންނެވެ.
މި ހާދިސާއާ ގުޅިގެން ގުދަނާ ކައިރީގައި ހުރި ގެތަކުން ނުކުންނަން ޖެހުނު މީހުންނަށް އެހީތެރިވުމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން މިހާރު ވަނީ ސޯޝަލް ސެންޓަރުގައި އިމަޖެންސީ އިވެކުއޭޝަން ސެންޓަރެއް ގާއިމްކޮށްފައެވެ. ދައުލަތުގެ މީޑިއާ، ޕީއެސްއެމްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މިހާތަނަށް 4 ގެއަކުން 18 މީހަކަށް އެ ސެންޓަރުގައި އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
އެންޑީއެމްއޭ އިން ބުނެފައިވާ ގޮތުގައި، މި ހާދިސާއާ ގުޅިގެން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެ އޮތޯރިޓީގެ ހޮޓްލައިން 115 އަށް ގުޅައިގެން ނުވަތަ ސީދާ ސޯޝަލް ސެންޓަރަށް ގޮސްގެންވެސް އެހީތެރިކަން ހޯދޭނެއެވެ.
އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ސްޓެލްކޯއިން މާފަންނު ތޮއިބާ މިސްކިތް ހިމެނޭ ސަރަހައްދުގެ ބައެއް ގެތަކުން ކަރަންޓު ކަނޑާލާފައިވާއިރު، މި ނުރައްކާތެރި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަން އަދި މިހާތަނަށް ކަށަވަރުކުރެވިފައެއް ނުވެއެވެ. ކަމާބެހޭ ފަރާތްތަކުން އަންނަނީ ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ