މާލޭގެ މ. ތޮއިބާ މިސްކިތް ކައިރީގައި ހުރި ގުދަނެއްގައި މިރޭ ރޯވި ބޮޑު އަލިފާނުގެ ހާދިސާއާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ސަރަހައްދުގެ ބައެއް ގެތަކުން ވަގުތީގޮތުން ކަރަންޓު ކަނޑާލައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މިރޭ 21:30 ހާއިރު، މ. ކައިރުގޭގައި ހުންނަ "ޕްރައިމް ފާޓިލައިޒާ" ގެ ގުދަނެއްގައެވެ. އެމްއެންޑީއެފުން މައުލޫމާތު ދޭގޮތުގައި މިއީ ގަސްކާނާއާއި ގިނަ އަދަދެއްގެ ކެމިކަލް ރައްކާކޮށްފައިވާ ގުދަނެކެވެ.
އަލިފާން ކޮންޓްރޯލްކޮށް ނިއްވާލުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްއާއި ފުލުހުން އަންނަނީ މެދުކެނޑުމެއްނެތި ހަރަކާތްތެރިވަމުންނެވެ. މި ހާދިސާއާ ގުޅިގެން ސްޓެލްކޯއިން ބުނެފައިވަނީ، އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މާފަންނު ތޮއިބާ މިސްކިތް ހިމެނޭ ސަރަހައްދުގެ ބައެއް ގެތަކުން ކަރަންޓުގެ ޚިދުމަތް މެދުކަނޑާލާފައިވާ ކަމަށެވެ.
އަލިފާނުގެ މި ނުރައްކާތެރި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަން ނުވަތަ ނޫންކަން އަދި މިހާތަނަށް ކަށަވަރުކުރެވިފައެއް ނުވެއެވެ. އޮފިޝަލުން އަންނަނީ ހާލަތު މޮނިޓަރކޮށް، ސަރަހައްދު ރައްކާތެރިކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ