ކެމިކަލް ގުދަނުގައި ރޯވި އަލިފާންގަނޑު ފެތުރުމުގެ ބިރުބޮޑުވެ، ރާއްކާތެރި ވުމަށް އިލްތިމާސް ކޮށްފި

ކެމިކަލް ގުދަނުގައި ރޯވި އަލިފާންގަނޑު ފެތުރުމުގެ ބިރުބޮޑުވެ، ރާއްކާތެރި ވުމަށް އިލްތިމާސް ކޮށްފި

Author
ޙަސަން މުޙައްމަދު
19 މާރޗް 2026 12:05
0

މާލޭގެ މާފަންނު ފުލޫނިޔާމަގުގައި ހުރި ކެމިކަލް ގުދަނެއްގައި މިރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އަލިފާންގަނޑު ފެތުރުމުގެ ބިރު އޮތުމުން، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ މިރޭ 21:30 ހާއިރު، މ. ތޮއިބާ މިސްކިތް ކައިރީ، ފުލޫނިޔާމަގުގައި ހުންނަ "ޕްރައިމް ފާޓިލައިޒާ" ގެ ގުދަނެއްގައެވެ. ގަސްކާނާއާއި ގިނަ އަދަދެއްގެ ކެމިކަލް ރައްކާކޮށްފައި ހުރި މި ގުދަނުގައި ރޯވެ އަނދަމުންދާ އަލިފާންގަނޑު އިތުރަށް ފެތުރުމުގެ ފުރުސަތު އޮތުމުން، އާންމުން ރައްކާތެރިވެ ތިބުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އެދިފައެވެ. އަލިފާން ކޮންޓްރޯލްކޮށް ނިއްވާލުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްއާއި ފުލުހުން އަންނަނީ މެދުކެނޑުމެއްނެތި ހަރަކާތްތެރިވަމުންނެވެ.

މި ހާދިސާއާ ގުޅިގެން ގުދަނާ ކައިރީގައި ހުރި ގެތަކުން މީހުން ހުސްކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ހާލުގައި ޖެހުނު މީހުންނަށް އެހީތެރިވުމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ ސޯޝަލް ސެންޓަރުގައި އިމަޖެންސީ އިވެކުއޭޝަން ސެންޓަރެއް ގާއިމްކޮށްފައެވެ. މިހާތަނަށް 4 ގެއަކުން 18 މީހަކަށް އެ ސެންޓަރުގައި އެހީތެރިކަން ފޯރުކޮށްދެމުން އަންނައިރު، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެ އޮތޯރިޓީގެ ހޮޓްލައިން 115 އަށް ގުޅައިގެން ނުވަތަ ސީދާ ސޯޝަލް ސެންޓަރަށް ގޮސްގެންވެސް އެހީތެރިކަން ހޯދޭނެ ކަމަށް އެންޑީއެމްއޭ އިން ބުނެއެވެ.

އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ސްޓެލްކޯއިން ވަނީ އެ ސަރަހައްދުގެ ބައެއް ގެތަކުން ކަރަންޓު ކަނޑާލާފައެވެ. މި ނުރައްކާތެރި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަން އަދި މިހާތަނަށް ކަށަވަރުކުރެވިފައި ނުވާއިރު، ކަމާބެހޭ ފަރާތްތަކުން އަންނަނީ ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.