މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމް.އެމް.އޭން ބެންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އަނެއްކާވެސް އިތުރުކޮށްފިއެވެ.
އެމް.އެމް.އޭން ވިދާޅުވީ ޑޮލަރު ދޫކުރާ މިންވަރު އިތުރުކުރުމަށް ނިންމާފައިވަނީ ބޭރު ފައިސާގެ ބާޒާރަށް އޮތް ޕްރެޝަރު ކުޑަކުރުމަށް އެހީވެދިނުމަށްކަމަށެވެ. އަދި މިއަހަރު ނިމެންދެން މި ބަދަލަށް ޢަމަލުކުރަމުން ގެންދިއުމަށް އެމް.އެމް.އޭން ވަނީ ނިންމާފައެވެ.
ވިޔަފާރި ބެންކުތަކަށް ދިމާވެފައިވާ ބޭރު ފައިސާ އާއި ދިވެހި ރުފިޔާ ލިކުއިޑިޓީގެ ދަތިކަން ހައްލުކުރުމަށް ވިޔަފާރި ބެންކުތަކުން އެމް.އެމް.އޭގައި ބަހައްޓަންޖެހޭ ދިވެހި ރުފިޔާ އަދި ބޭރު ފައިސާގެ މިނިމަމް ރިޒަރވް ރިކުއަޔަރމަންޓް (އެމް.އާރް.އާރް)ގެ އަދަދުވެސް އެމް.އެމް.އޭން މިހާރު ވަނީ ދަށް ކޮށްފައެވެ. އެގޮތުން އޭޕްރީލް މަހުގެ ތެރޭގައި ކުރިން ހުރި 10 އިންސައްތަ މިހާރު ވަނީ 7.5 އިންސައްތައަށް ދަށް ކޮށްފައެވެ. އަދި ޖުލައިމަހުގެ ތެރޭގައި ބޭރު ފައިސާގެ އެމް.އާރް.އާރް 7.5 އިންސައްތައިން 5 އިންސައްތައަށް ދަށް ކޮށްފައި ވާކަމަށް ވެސް އެމް.އެމް.އޭން ވިދާޅުވެއެވެ.
ކޯވިޑް-19ގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ އަދި އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަތުމަށް އެމް.އެމް.އޭން ގިނަ މަސައްކަތްތައް ކުރަމުންދާކަމަށާއި، ޚާއްސަކޮށް ބޭރު ފައިސާގެ ބާޒާރަށް ކުރިމަތިވި ޕްރެޝަރު ކުޑަކުރުމަށް މަސައްކަތް ކުރަމުންދާކަމަށް އެމް.އެމް.އޭން ވިދާޅުވެއެވެ. އެގޮތުން ކުރިން ބެންކުތަކަށް ދޫކުރަމުން އައި ޑޮލަރުގެ އިތުރުން، ޒަރޫރީ ބޭނުންތަކަށް މުދާ އިމްޕޯޓް ކުރުމަށްޓަކައި އިތުރު ޑޮލަރު، ބެންކުތައް މެދުވެރިކޮށް ދޫކުރަމުންދާކަމަށް އެމް.އެމް.އޭން ވިދާޅުވެއެވެ.
ކޯވިޑް-19ގެ ސަބަބުން ދިމާވާ އިޤްތިޞާދީ އަދި މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް މިހާތަނަށް 354 މިލިއަން ޑޮލަރު ލިބިފައިވާކަމަށް ވެސް އެމް.އެމް.އޭން ވަނީ ވިދާޅުވެފައެވެ. އެ އޮތޯރިޓީން ވިދާޅުވީ ކޯވިޑްގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައިވާއިރު އިގްތިސާދު ކުރިއަރަމުން އަންނަކަމުގެ ނިޝާންތަކެއް މިހާރު ފެންނަމުން ދާކަމަށެވެ.
ރާއްޖޭގެ ރަސްމީ ރިޒާވަށް އިތުރުވާ ބޭރުފައިސާގެ އެންމެ ބޮޑުބައެއް ހިއްސާކުރަނީ ފަތުރުވެރިކަމުގެ ސިނާއަތުން ޓެކުހާއި ފީގެ ގޮތުގައި ސަރުކާރަށް ލިބޭ ފައިދާއެވެ. ފަތުރުވެރިކަން މަޑުޖެހިފައިވާ މި ދަނޑިވަޅުގައި މީގެ ސަބަބުން ރާއްޖޭގެ ރަސްމީ ރިޒާވަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށްޓަކައި އެމް.އެމް.އޭން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. އެގޮތުން އިންޑިއާ ސަރުކާރުން ރާއްޖެއަށް 250 މިލިއަން އެމެރިކާ ޑޮލަރުގެ ފައިނޭންސިންގ ދިނުމަށް ހަމަޖެހިފައި ވާކަމަށް އެމް.އެމް.އޭން ވިދާޅުވެއެވެ.