އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑް އަތުން ލިވަޕޫލް މުހިންމު 3 ޕޮއިންޓް ހޯދައިފިއެވެ.
ލިވަޕޫލްގެ އެންފީލްޑްގައި ކުޅުނު މި މެޗު ލިވަޕޫލުން ކާމިޔާބުކުރީ 0-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުން މޮޅުވެގެން ހޯދި މުހިންމު 3 ޕޮއިންޓާއެކު ލިވަޕޫލް ވަނީ 27 މެޗުން 63 ޕޮއިންޓް ހަމަކޮށް ސިޓީއާއި 3 ޕޮއިންޓާއި ކައިރިކޮށްފައެވެ. ސިޓީ އެއްވަނައިގައި އޮތީ 27 މެޗުން ލިބުނު 66 ޕޮއިންޓާއެކުއެވެ. މި މެޗުން ބަލިވި ވެސްޓް ހޭމް ޔުނައިޓެޑް ފަސް ވަނައިގައި އޮތީ 28 މެޗުން ލިބުނު 45 ޕޮއިންޓާއެކުއެވެ.
ލިވަޕޫލާއި ވެސްޓް ހޭމް ޔުނައިޓެޑް ބައްދަލުކުރި މެޗު ފަށައިގެން އެންމެ ފުރަތަމަ ލަނޑު ޖަހާނެ ހުސް ފުރުޞަތެއް ލިބުނީ މުހައްމަދު ސަލާހް އަށެވެ. ސަލާހް ބޯޅަ އާއެކު ގޮސް އޭރިޔާ ތެރެއަށް ވަދެ ކުރިޔަށް ފޮނުވާލި ބޯޅަ ކީޕަރ ފައިގައި ޖެހިފައި އެނބުރި އާއި ކުޅުމުގެ ތެރެއަށެވެ. ލިވަޕޫލުން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު 27 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސާދިއޯ މާނޭއެވެ. މާނޭ ލަނޑާއެކު، ލިވަޕޫލް ލީޑުގައި އޮވެގެން ކުޅެމުން ދަނިކޮށް ފުރަތަމަ ހާފުގައި ވެސްޓް ހޭމް ޔުނައިޓެޑަށް ވެސް ވަނީ ލަނޑު ޖަހާނެ ހުސް ފުރުޞަތެއް ލިބިފައެވެ. ލިވަޕޫލްގެ ކީޕަރ އެލިސަން ބެކަރ ބޯމަތިން ގޯލަށް ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވަނުމުގެ ކުރިން އެލެކްސެންޑަރ އާނޯލްޑް ވަނީ އެބޯޅަ ގޯލަށް ވަނަނުުދީ ސަލާމްކޮށްފައެވެ.
ޕްރިމިއާ ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާތަކަށް ބަލާލާއިރު، ލެސްޓަ ސިޓީ ވަނީ 0-1 ގެ ނަތީޖާއަކުން ލީޑްސް ބަލިކޮށްފައެވެ. އަދި އެސްޓަން ވިލާ 0-4 ގެ ނަތީޖާއަކުން ސައުތެމްޓަން ބަލިކުރިއިރު، ބްރެންޓްފޯޑުން ވަނީ 1-3 އިން ނޮވިޗް ސިޓީގެ މައްޗަށް ކުރި ހޯދާފައެވެ. އަދި 1-2 ގެ ނަތީޖާއަކުން ނިއުކާސަލް އިން ބްރައިޓަން ބަލިކުރިއިރު، ކްރިސްޓަލް ޕެލަސް އިން ވަނީ 0-2 ގެ ނަތީޖާއަކުން ވުލްވްސް ބަލިކޮށްފައެވެ.
ކޮމެންޓު ފޮނުވާ