ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ނާނާ ޕާޓޭކަރު މަރުވުމާ ގުޅިގެން، ގޯއާގެ ފުލުހުން އެ މައްސަލަ ގުދުރަތީ ނޫން ގޮތަކަށް މަރުވުމުގެ މައްސަލައެއްގެ ގޮތުގައި ރަޖިސްޓްރީކޮށް ތަހުގީގު ފަށައިފި އެވެ.
75 އަހަރުގެ ނާނާ މަރުވީ ގޯއާގައި ހުންނަ އޭނާގެ ގޭގައި ހާޓް އެޓޭކެއް ޖެހިގެން ކަމަށް ބުނެ އެވެ. ބަމްބޮލިމްގައި ހުންނަ މަނީޕާލް ހޮސްޕިޓަލަށް އޭނާ ގެންދެވުނީ ފަތިހު 4:30 ހާއިރު ކަމަށާއި، އެ ވަގުތުވެސް އޭނާ އޮތީ މަރުވެފައި ކަމަށް ހޮސްޕިޓަލުން ބުނެފައިވެ އެވެ. އެހެންވެ، ގާނޫނީ ގޮތުން ފުލުހުންނަށް އެންގުމަށްފަހު، ހޮސްޕިޓަލުން މެޑިކޯ-ލީގަލް ރިޕޯޓެއް ފޮނުވި އެވެ.
ފުލުހުން ބުނީ، މިއީ ގޭގައި މަރުވެ ހޮސްޕިޓަލަށް ގެންދާ މީހުންގެ މައްސަލަތަކުގައި، އެއްވެސް ޝައްކުކުރެވޭ ކަމެއް ހިނގާފައިވޭތޯ ކަށަވަރުކުރުމަށް އާންމުކޮށް އަމަލުކުރާ އުސޫލެއް ކަމަށެވެ. ތަހުގީގު ކުރިއަށް ގެންދަނީ ޕޮލިސް އިންސްޕެކްޓަރު ނިތިން ނައިކްގެ އިސްނެގުމުގަ އެވެ.
ނާނާގެ ޖަނާޒާ ދައުލަތުގެ އިއްޒަތުގައި ބޭއްވީ ޕޫނޭގެ ދޮންޖޭގައި ހުންނަ އޭނާގެ ފާމް ހައުސްގަ އެވެ. އޭގައި ގިނަ ސަޕޯޓަރުންނާއި ސިޔާސީ ޝަޚްސިއްޔަތުތައް ބައިވެރިވި އެވެ. ގޯއާއިން ހަށިގަނޑު ގެނައުމަށް ވަގުތު ނެގުމުން ޖަނާޒާ ރޭގަނޑު ލަސްވި ނަމަވެސް، ހާދިސާ ހިނގާތާ ގިނަ ގަޑިއިރު ވެފައިވާތީ އިތުރަށް ލަސްނުކޮށް ކުރިއަށް ގެންދިޔަ ކަމަށް ނާނާގެ ދަރިފުޅު މަލްހާރު ބުންޏެވެ. އަދި ބައްޕަ ދޫކޮށްދިޔަ ތަރިކަ ކުރިއަށް ގެންދިއުމަކީ އާއިލާގެ އެންމެ ބޮޑު އަމާޒު ކަމަށްވެސް އޭނާ ބުންޏެވެ.
ކޮމެންޓު ފޮނުވާ