ރަޝިއާގެ އުދުވާން ކުއްވެރިކުރި ގަރާރަށް އިންޑިއާ ސްރީލަންކާ ހިމެނޭގޮތުން ސައުތު އޭޝިއާގެ 4 ގައުމަކުން ވޯޓު ނުދިން

ރަޝިއާގެ އުދުވާން ކުއްވެރިކުރި ގަރާރަށް އިންޑިއާ ސްރީލަންކާ ހިމެނޭގޮތުން ސައުތު އޭޝިއާގެ 4 ގައުމަކުން ވޯޓު ނުދިން

Author
ހުސެއިން
03 މާރޗް 2022 10:10
0

ޔޫއެން ޖެނެރަލް އެސެމްބްލީގައި ބޭއްވުނު ތާރީޚީ، އެމަރޖެންސީ ބައްދަލުވުމުގައި، ޔޫކުރެއިންގައި ރަޝިއާއިން ހިންގަމުންދާ އުދުވާން ވަގުތުން ހުއްޓާލާ، ރަޝިއާގެ ހުރިހާ ސިފައިން އެގައުމުން ފޭބުމަށް ގޮވާލާ ހުށަހެޅުނު ގަރާރަށް، ޔޫއެން ޖެނެރަލް އެސެމްބްލީގެ 141 ގައުމަކުން ތާއީދުކޮށް ވޯޓު ދީފައި ވާއިރު، މިގަރާރުގައި އެއްވެސް ކޮޅަކަށް ވޯޓު ނުދޭ 35 މެމްބަރު ގައުމުތަކުގެ ތެރޭގައި ސައުތު އޭޝިއާގެ 4 ގައުމެއް ހިމެނިއްޖެއެވެ.

މިގޮތުން ރަޝިއާގެ އުދުވާން ކުށްވެރިކޮށް ޔޫއެންގެ އާންމު މަޖިލީހުން ފާސްކުރި މިގަރާރަށް ވޯޓު ނުދޭ ދެކުނު އޭޝިއާއަށް ނިސްބަތްވާ 4 ގައުމަކީ އިންޑިއާ، ސްރީ ލަންކާ، ޕާކިސްތާން އަދި ބަންގްލާދޭޝްއެވެ.

މީގެ އިތުރުން މި ގަރާރަށް ވޯޓު ނުދޭ 35 ގައުމުގެ ތެރޭގައި، ދެކުނު އޭޝިއާއަށް ނިސްބަތްވާ 4 ގައުމެއް ހިމެނޭއިރު، ގަރާރަށް ވޯޓު ނުދިން ގައުމުތަކުގެ ތެރޭގައި އަރަބި ބައްރުން އިރާންއާއި، އިރާގްއާއި، އެފްރިކާ ބައްރުން ސައުތު އެފްރިކާއާއި ޒިންމާބުވޭވެސް ހިމެނެއެވެ.

ޔޫކުރެއިންގައި ރަޝިއާއިން ހިންހަމުންދާ އުދުވާން ވަގުތުން ހުއްޓާލާ، ރަޝިއާގެ ހުރިހާ ސިފައިން އެގައުމުން ފޭބުމަށް ގޮވާލާ ހުށަހެޅުނު ގަރާރަށް، ޔޫއެން ޖެނެރަލް އެސެމްބްލީގެ 141 ގައުމަކުން ތާއީދުކޮށް ވޯޓު ދީފިއެވެ.

މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެފައިވާ ގޮތުގައި، 193 ގައުމު ހިމެނޭ ޔޫއެން ޖެނެރަލް އެސެމްބްލީގެ ބޮޑު އަޢުލަބިއްޔަކުން ރަޝިއާއިން ޔޫކުރެއިންގައި ހިންގަމުންދާ އުދުވާން ކުށްވެރިކޮށް، އަދި އެގައުމުން ރަޝިއާ ސިފައިން ފޭބުމަށް ގޮވާލުމުން، ޔޫކުރެއިންގެ މައްސަލާގައި ރަޝިއާ އެކަހެރިވެގެން ގޮސްފައިވާ މިންވަރު ވަރަށްވެސް ރަގަޅަށް ހާމަވެގެން ގޮސްފައިވާ ކަމުގައެވެ.

ޔުއެންގެ ބޮޑު އަޢުލަބިއްޔަތަކުން ފާސްކުރި މިގަރާރުގައި ޔޫކުރެއިންގައި ރަޝިއާއިން ހިންގަމުންދަނީ "އުދުވާން"އެއް ކަމުގައި ލިޔެފައި ވެއެވެ.

އެމަންޖެންސީ ހާލަތުގައި ޔޫއެންގެ ޖެނެރަލް އެސެމްބްލީގެ ބައްދަލުވުމެއް ބޭއްވިގެން ދިއުމަކީ ފާއިތުވެދިޔަ ކައިރި މާޒީއެއްގައި ހިގާފައިވާ ކަމެއް ނޫނެނެވެ. ޔޫއެން ވެބްސައިޓުގައި ވާގޮތުން، ޔޫއެން ސެކިއުރިޓީ ކައުންސިލްގެ އެދުމުގެ މަތިން، އެމަރޖެންސީ ހާލަތުގައި އެންމެ ފަހުން އާންމު މަޖިލިސް އެއްވެފައިވަނީ 1982ވަނަ އަހަރުއެވެ.

ޔޫއެން ޖެނެރަލް އެސެމްބްލީން ފާސްކުރި މި ގަރާރަށް ވޯޓު ދީފައި ނުވާ ގައުމުތަކަކީ، ރަޝިއާގެ އިތުރުން، ޔޫކުރެއިން ހަމަލާ ދިނުމަށް ރަޝިއާއަށް އެހީތެރިވެދިން ބެލަރޫސްއާއި އަދި އޭގެ އިތުރުން އެރިޓްރިއާ، ނޯތު ކޮރެއާގެ އިތުރުން ސީރިއާއެވެ. ޗައިނާ ހިމެނޭގޮތުން 35 ގައުމަކުން އެއްވެސް ކޮޅަކަށް ވޯޓު ދީފައި ނުވެއެވެ.

ޔޫއެންގެ ސެކިއުރިޓީ ކައުންސިލުން ފާސްކުރާ ގަރާރުތަކަކީ އެއަަށް އަމަލުކުރުން މެމްބަރު ގައުމުތަކުގެ މައްޗަށް ލާޒިމް ގަރާރުތަކަކަށް ވިނަމަވެސް، އާންމު މަޖިލިހުގައި ގައުމުތަކުން ވޯޓު ދީގެން ފާސްކުރާ ގަރާރުތަކަކީ އެގަރާރުތަކަށް އަމަލްކުރުން މެމްބަރު ގައުމުތަކުގެ މައްޗަށް ލާޒިމް ގަރާރުތަކެއް ނޫނެވެ. ޔޫއެންގެ އާންމު މަޖިލިހަކީ ދުނިޔޭގެ 193 ގައުމުގެ މައްޗަށް އެކުލެވިގެންވާ އެ ޖަމިއްޔާގެ އެންމެ ބޮޑު ގުނަވަނެވެ.

އެހެންނަމަވެސް، މި ގަރާރަކީ ރަމްޒީ ގަރާރެއްގެ ގޮތުގައި ބެލެވުނު ނަމަވެސް، ޔޫއެން ޖެނެރަލް އެސެމްބްލީގެ 141 ގައުމަކުން ރަރާރަށް ވޯޓު ދިނުމުން، މި ގަރާރުގެ ހަގީގީ ބުރަދަން ރަމްޒު ކޮށްދޭކަމުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އަދި ރަޝިއާގެ އުދުވާނާ ދެކޮޅަށް މުޅި ތެދުވެފައިވާ މިންވަރުވެސް ވަނީ މިގަރާރުން ދައްކުފައި ދީފައެވެ.

ރަޝިއާއިން ޔޫކުރެއިންއާ ދެކޮަޅަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް އައިއިރު 227 އާންމުން ރައްޔިތުން މަރުވެ، 525 މީހުން އަނިޔާވެފައިވާކަން ޔޫއެންއިން ވަނީ ހާމަކޮށްފައެވެ. އަދި ރަޝިއާގެ ގިނަ އަދެއްގެ ސިފައިން މަރުވެފައިވާކަމަށް ޔޫކުރެއިން ބުނެފައިވާއިރު، ރަޝިއާއިން ބުނެފައިވަނީ މަރުވެފައިވަނީ އެގައުމުގެ 400 އެއްހާ ސިފައިން ކަމުގައެވެ.

ހަގުރާމައިގެ ސަބަބުން ޔޫކުރެއިންގެ އެއް މިލިއަން މީހުން މިހާރުވަނީ ރެފިއުޖީންނަށް ވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.