ނަޝީދުގެ "ނުފެތޭ އޮޑި" ފެތެނީތަ؟

ނަޝީދުގެ "ނުފެތޭ އޮޑި" ފެތެނީތަ؟

އެމްޑިޕީގެ ރައީސް މުހައްމަދު ނަޝީދަކީ އެމްޑީޕީ، އެމްޑީޕީއަކީ މުހައްމަދު ނަޝީދޭ ބުނާ މަފުހޫމެއްގެ އަޑު ފަހަކަށްއައިސް އިވުނެވެ. އެހެންނަމަވެސް އެއީ ސިޔާސީ އިސްލާޙީ ޙަރަކާތެއްގެ ގޮތުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އުފެދުނު އިރުގެ މަފްހޫމެއް ނޫނެވެ. ޒަމާނީ ޑިމޮކްރަސީއާއި މަލްޓި ޕާޓީ ނިޒާމު ރާއްޖެއަށް ތަޢާރަފްކުރުމަށް ރައީސް މައުމޫނުގެ ވެރިކަމުގެ ދުވަސްވަރު އޭރުގެ އިދިކޮޅު ސިޔާސީން ފަރާތްތަކުން ފެށި މަސައްކަތުގެ ތެރޭގައި އެއްވެސް މިންވަރަކަށް އޮތް ވިސްނުމެއްވެސް ނޫނެވެ.

އެމްޑީޕީއަކީ ހަމައެކަނި ރައީސް ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދެވި ޕާޓީއެއްވެސް ނޫނެވެ. އެޕާޓީފެ ފެށުމަށް ބަލާއިރު، އޭރު ރައީސް ނަޝީދުގެ ނަމަށްވުރެ މާ މަޝްހޫރު އެތައް ނަމެއް އެމްޑީޕީގައި ވިއެވެ. ގޯގޯ ލަތީފެވެ. އަޙްމަދު އައްބާސެވެ. ބޯގަންވިލާ އިބުރާއެވެ. އިބްރާހީމް ޙުސައިން ޒަކީއެވެ. މުޙައްމަދު ޝިހާބެވެ. ފުވައްމުލަކު މޮޑީއެވެ. ޑީއޯ ސައްޕެއެވެ. ޑރ. މުނައްވަރެވެ. މާރިޔާ ދީދީއެވެ. ފުރަހަނި ޝުޢައިބެވެ. މިހެންގޮސް އެތައް ނަމެކެވެ.

ކޮންމެއަކަސް އެމްޑީޕީ ރަސްމީކޮށް ރަޖިސްޓްރީކޮށް ހިނގަންފަށައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ވާހަކަ މިޑިއާގައި ދެކެވެން ފެށުމުންވެސް ރައީސް ނަޝީދު ފުރަތަމަ ވިދާޅުވެފައިވަނީ އެމަނިކްފާނަކީ ވެރިކަމަށް ވަޑައިގަންނަވަން ބޭނުންފުޅުވާ ބޭފުޅެއް ނޫންކަމުގައެވެ. އެހެންނަމަވެސް އޭރުގެ ޙާލަތަށް ބަލާފައި، އެމްޑީޕީގެ ފުރަތަމަ ރިޔާސީ ކެންޑިޑޭޓަކަށް ނަޝީދު ހެދުމަށް ޕާޓީގެ އެތެރެއިން ނިންމީ އެތައް ސަބަބުތަކެއް ހުރުމުންނެވެ. ރައީސް މައުމޫނުގެ ވެރިކަން ބަދަލުކުރެވޭނެ ފޯމިއުލާއެއް ނެރުމަކީ އޭގެ އެންމެ މުހިންމު ސަބަބެވެ. ބޭރުގެ އެހީތެރިކަމާއި، އެނޫންވެސް ވަރަށްގިނަ ކަންކަމުގެ ހިސާބު ދިމާކުރުމަށް ރައީސް ނަޝީދުގެ ނަން އޭރަށް މުހިންމު ވެގެން ދިޔައީއެވެ.

ގޯގޯ ލަތީފަކީ އެމްޑިޕީ އުފެއްދުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އެއް ފަރާތް

މި މުހިންމުކަން ނަޝީދަށް ވިސްނިވަޑައިގެންނެވި ހިސާބުން ފެށިގެން މިއަދާހަމައަށްވެސް އެމްޑީޕީގެ ކޮންޓްރޯލް އެމަނިކުފާނުގެ އަތްޕުޅުން ގެއްލުނަ ނުދެއްވުމަށް ވަނީ ކާމިޔާބު މަސައްކަތްޕުޅުތަކެއް ކުރައްވާފައެވެ. ވެރިކަން ކުރެއްވި ދުވަސްވަރާއި އޭގެ ކުރިންނެވެ. އަދި ވެރިކަމުން އިސްތިއުފާ ދެއްވުމަށްފަހުވެސް މެއެވެ.

ރައީސް ނަޝީދުގެ ނުފޫޒާއި ވިސްނުންފުޅާ ޚިލާފަށް އެމްޑީޕީގެ ލީޑަޝިޕަށް އަންނަ ކޮންމެ ރޯޅިއަކުން ސަލާމަތްވެ ނަޝީދުގެ "ނުފެތޭ އޮޑި" މިހާތަނަށް ވަނީ މަންޒިލަށް ވާސިލްވުމުގައި ކާމިޔާބު ހޯދާފައެވެ. "މި އޮޑިއެއް ނުފެތޭނޭ" ވިދާޅުވެ ނަޝީދު އުފައްލަވާ އަޑުގެ ކާމިޔާބުކަން ދައްކަވާފައެވެ.

 

މާޒީގައި ކަން ހިގީ ކިހިނެއް؟

މާޒީގެ ތެރެއަށް ނަޒަރު ހިންގާލަމާތޯއެވެ.

އެމްޑީޕީގެ އެންމެފުރަތަމަ ރައީސަކީ މއ. ބޯގަންވިލާ އިބްރާހީމް އިސްމާޢީލް (އިބްރާ)އެވެ. ޕާޓީ އުފެދިގެން އަހަރެއްވީއިރު ފުރަތަމަ ރައީސް ވަނީ އެމަގާމުން އިސްތިއުފާ ދެއްވާފައެވެ. އެއީ 2006ވަނަ އަހަރުގެ މެއިމަހުގެ 2 ވަނަދުވަހެވެ. އިސްތިއުފާގެ ސަބަބެއް ކަމަށް އޭރު އިބުރާ ވިދާޅުވީ ރައީސް ކަމުގެ މަސްއޫލިއްޔަތު އަދާކުރަން އޭރުގެ ޗެއާޕާސަން މުޙަންމަދު ނަޝީދު އޭނައަށް ކުރިމަތިކުރެއްވި ހުރަސްތަކެވެ. އަދި ރައީސްކަމުން އިސްތިއުފާ ދެއްވުމަށްފަހު ވެސް އެމްޑީޕީގެ ތެރޭގައި މަސައްކަތްކުރެއްވުމަށް ނަޝީދު ކުރިމަތިކުރެއްވި ތަފާތު ހުރަސްތަކުގެ ނަތީޖާއެއްގެ ގޮތުން އިބްރާއަށް ޖެހިވަޑައިގަތީ ޕާޓީންވެސް ވަކިވެވަޑައި ގަންނަވާށެވެ. އެގޮތުން 2006 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު އިބްރާ އެމްޑީޕީން ވަކިވެވަޑައިގަތެވެ.

އިބްރާ އިސްތިއުފާ ދެއްވިފަހުން އަހަރަކަށްވުރެ ގިނަދުވަހު އެމްޑީޕީ ހިނގަމުންދިޔައީ، އިންތިޚާބުކުރެވުނު ރައީސަކާ ނުލައެވެ. ޕާޓީއަށް ރައީސަކު ހޮވާފައިވަނީ ނަޝީދުގެ ބާރުގެ ދަށުގައި އޮވެ، ބޭނުންފުޅުވާގޮތަށް އެމްޑީޕީ ހިންގަމުންދިޔަތާ އަހަރަކަށްވުރެ ގިނަދުވަސް ވީފަހުން، 2007ވަނަ އަހަރުގެ ޖޫންމަހުގެ ދެވަނަ ދުވަހުއެވެ.

މިފަހަރުގެ ރައީސަކީ ޑރ. މުހައްމަދު މުނައްވަރެވެ. އެހެންނަމަވެސް މުނައްވަރަށްވެސް ޖެހިވަޑައިގަތީ އިބްރާއަށް ޖެހިވަޑައިގަތް ދަތުރެވެ. ނަޝީދާއި އޭނާއަށް ތާޢީދުކުރާ މަދުބައެއްގެ ނުފޫޒުގެ ސަބަބުން ޤާނޫނީ ހަމަތަކުގެ މަތިން ރައީސްކަމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޮޑެތި ދަތިތަކާ ކުރިމަތި ވެވަޑައިގެންނެވިއެވެ. ޑރ. މުނައްވަރަށް ކުރިމަތިވެވަޑައިގަތް ބޮޑެތި ހުރަސްތައް އޭގެ ހައްދު ފަހަނަޅައި ދިޔައީ 2008ވަނަ އަހަރުގެ އެޕްރީލް މަހުގެ 25 ވަނަދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ފަހުއެވެ.

އެ ޕްރައިމަރީން ޑރ. މުނައްވަރާއި ވާދަކުރައްވައި، ކުރި ހޯއްދެވީ ނަޝީދެވެ. އެހެންނަމަވެސް މުނައްވަރަށް ތާޢީދުކުރާ ގިނަބަޔަކު ބުނެފައިވަނީ ނަޝީދާއި ނަޝީދުގެ ބައިވެރިން ވޯޓު އޮޅުވާލާފައި ވާކަމަށާއި، ޕްރައިމަރީގައި މަކަރާއި ޙީލަތް ހަދާފައިވާކަމަށެވެ.

އެމްޑީޕީ ފުރަތަމަ ރައީސް އިބްުރާހިމް އިސްމާއިލް, އިބުރާ އަދި 2 ވަނަ ރައީސް ޑރ. މުނައްވަރު

2008 ވަނަ އަހަރުގެ އޮގަސްޓުމަހުގެ 13ވަނަ ދުވަހު އެމްޑީޕީގެ ދެވަނަ ރައީސްވެސް މަޤާމުން އިސްތިއުފާ ދެއްވައި ޕާޓީން ވެސް ވަކިވެވަޑައި ގެންނެވިއެވެ. ޑރ. މުނައްވަރަށްވެސް ޕާޓީގެ ރައީސްކަމުގައި ހުރެވުނީ އިބުރާއެކޭ އެއްފަދައިން އަހަރެއްހައި ދުވަހުއެވެ.

ދެވަނަ ރައީސް ޑރ. މުނައްވަރަށްފަހު ނަޝީދުގެ ސީދާ ނުފުޒާއި ބާރުއޮތް އެމްޑީޕީ ހިނގަމުންދިޔައީ އިންތިޚާބުކުރެވުނު ވެރިއެއްނެތިއެވެ. މިގޮތުން ޑރ. މުނައްވަރަށްފަހު، އެމްޑީޕީގެ ރައީސަކު ހޮވުމަށް އިންތިޚާބެއް ބޭއްވީ، 2011ވަނަ އަހަރުގެ މެއިމަހުގެ ފުރަތަމަ ދުވަހުއެވެ. އެއީ ރައީސަކު ނެތި ޕާޓީ ހިންގާތާ ދެއަހަރަށްވުރެ ގިނަދުވަސް ވީފަހުން ބޭއްވި އިންތިޚާބެކެވެ. އަދި 2008 ވަނަ އަހަރު ނަޝީދަށް ރާއްޖޭގެ ވެރިކަން ލިބިވަޑައިގެން ވެރިކަމުގަ، ޕާޓީގެ ހުރިހާ ބާރަކާއި ނުފޫޒެއް އަތްޕުޅުގައި އޮވެގެން، ޕާޓީ ހިންގެވިއިރު ބޭއްވި އިންތިޚާބެކެވެ.

މިގޮތުން ބޭއްވިގެންދިޔަ އިންތިޚާބުގައި، ރައީސްކަމުގެ މަގާމަށް ނަޝީދުގެ ސްޕެޝަލް އެންވޯއީ އިބްރާހިމް ހުސައިން ޒަކީއާ ވާދަކުރައްވައި އިންތިޚާބީ ރޭހުން ކުރި ހޯއްދެވީ ޑރ. އިބްރާހިމް ދީދީ އެވެ. އެހެންނަމަ ވެސް ޑރ. ދީދީއަށް ވެސް ޖެހިވަޑައިގަތީ ހަމަ އާދައިގެމަތިން އެމްޑީޕީގެ ރައީސުންނަށް ޖެހިވަޑައިގަންނަވާ ދަތުރެވެ. މާޒީ އަނެއްކާވެސް އިއާދަވެގެން ދިޔައީއެވެ. އެމްޑީޕީގެ ތެރޭގައި އޮތް ވަކިބައެއްގެ ނުފޫޒާއި، ބަސްބުނުމާއި، ފުރުސަތު ނުލިބުކުގެ ނަތީޖާއެއްގެ ގޮތުން، ޑރ. ދީދީއަށްވެސް ރައީސްކަމުގެ މަޤާމުގައި ހުންނެވުނީ އަހަރެއްހައި ދުވަހު އެވެ.

ޑރ. ދިދީ އޭރު ވިދާޅުވެފައިވާ ގޮތުގައި، ރައީސް ކަމުގެ މަޤާމަށް އަހަރު ނުވަނީސް ރައީސް ނަޝީދުގެ ފަރާތުން ކުރިމަތިވާންފެށި، ބޮޑެތި ގޮންޖެހުންތަކުގެ ސަބަބުން ޕާޓީ ހިންގުމަށް ގިނަދަތިތަކާ ކުރިމަތިވެ ވަޑައިގަތެވެ. ޕާޓީގެ ޤައުމީ މަޖިލީހުގައި ޑރ. ދީދީއަކަށް ގޮނޑިކޮޅެއް ނުހުރެއެވެ. ޕާޓީގެ ކަންކަމުގައި ބަސްބުނުމުގެ ފުރުސަތު ޕާޓީގެ ރައީސަކަށް ނޯވެއެވެ. އެންމެ އިސްބަސް ވިދާޅުވާ ފަރާތަކީ ރައީސް ނަޝީދެވެ. އޭރު ނަޝީދުގެ ދަށުން ހުންނެވީ އިންތިޚާބަކާ ނުލައި ޕާޓީގެ ރިޔާސަތުގެ މައްޗަށް ނަޝީދު ޢައްޔަންކުރައްވާފައި ހުންނެވި ރީކޯ މޫސާ މަނިކެވެ.

އެމްޑިޕީގެ 3ވަނަ ރައީސް ޑރ. ދީދީ

އެންމެފަހުން ޑރ. ދީދީ އަށްވެސް ޖެހިވަޑައިގަތި އެމްޑީޕީގެ ހަރުނުލާ ރައީސުންގެ ލިސްޓަށް އަރާ ވަޑައިގަންނަވާށެވެ. މިފަހަރު ކުޑަކޮށް ތަފާތެވެ. ކުރިމަތިވެވަޑައިގެންނެވި ދުއްތުރާތަކަށް ޑރ. ދީދީ އެއް ނުގުޑިއެވެ. އެހެންނަމަވެސް، ޕާޓީގެ އަސާސީ ޤަވާއިދާ އެއްގޮތަށް މަސްއޫލިއްޔަތު އަދާކުރަން އުޅުއްވުމުން ޑރ. ދީދީއަށް ބޮޑެތި ހުރަސްތައް ކުރިމަތިވެ ވަޑައިގެންނެވިއެވެ. އަދި އެމްޑީޕީގެ ގައުމީ މަޖިލީހަކީ، ރައީސް ނަޝީދުގެ ބަސްވިކޭ ގުނަވަނަކަށް ވުމާއެކު، އެ މަޖިލީހުން ވަނީ ޑރ. ދީދީއާއި އޭނާގެ ނާއިބު މަޤާމުން ވަކިކުރައްވާފައެވެ.

މިއީ މާޒީގައި ކަން ހިނގައިދިޔަ މަގެވެ.

 

މިހާރުގެ ހާލަތު!

2012ވަނަ އަހަރުގެ ފެބުރުއަރީމަހުގެ 7ވަނަ ދުވަހު ރައީސް ނަޝީދު އަމިއްލަފުޅަށް ވެރިކަމުން އިސްތިއުފާ ދެއްވުމަށްފަހު، ޖެހިގެން އައި ރިޔާސީ އިންތިޚާބުގައިވެސް ވާދަކުރެއްވިއެވެ. ރައީސް ޢަބްދުﷲ ޔާމީނާ ވާދަކުރައްވައި ނާކާމިޔާބާ ކުރިމަތިވެވަޑައިގަތެވެ. އަދި ރައީސް ޔާމިންގެ ވެރިކަން ވެގެން ދިޔައީ ރައީސް ނަޝީދުވެސް ހިމެނިވަޑައިގަންނަވާ ގޮތުން، ސިޔާސީ ގިނަ ބަޔަކަށް ވަރަށްވެސް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލައްވަން ޖެހިވަޑަގައިން 5 އަހަރު ކަމުގައެވެ.

އަދި އޭގެ ނަތީޖާއެއްގެ ގޮތުން، 2018ވަނަ އަހަރުގެ ރީޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ރައީސް ނަޝީދަށް ލިބިވަޑައި ނުގަތުމުގެ ނަތީޖާއެއްގެ ގޮތުން، އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓް ލިބިވަޑައިގަތީ އިބްރާހީމް މުޙައްމަދު ޞާލިޙަށެވެ. އިންތިޚާބު ކާމިޔާބު ކުރެއްވީވެސް އެމަނިކުފާނެވެ. އެމްޑީޕީގެ އަސާސީ ޤަވާޢިދު ބުނާގޮތުން އެޕާޓީގެ މެމްބަރަކު ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމު އަދާކުރައްވާނަމަ އެމަޤާމު އަދާކުރައްވާހާ ހިނދަކު އެބޭފުޅަކީ އެމްޑީޕީގެ އެންމެ އިސް ލީޑަރެވެ.

އެހެންނަމަވެސް، ރައީސް ސާލިހުގެ ވެރިކަމުގެ ފާއިތުވެދިޔަ 3 އަހަރެއްހާ ދުވަހަށް އެބުރި ބަލާލުމުން، އެމްޑޕީގެ އެތެރޭގެ ކޮންޓްރޯލް ސީދާ ރައީސް ނަޝީދުގެ އަތްޕުޅުގައި ބޭއްވުމަށް އެމަނިކްފާނު މަސައްކަތް ކުރައްވަފައިވާކަމަށް މިއަދު ގަބޫލުކުރެވެން އޮތް ކަމުގައި ބަައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ސަބަބަކީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މަޖިލީހުގެ ފުރިހަމަ އަޣުލަބިއްޔަތު އެމްޑީޕީއަށް ހޯއްދަވައި، އެއަޣުލަބިއްޔަތަކީ ނަޝީދުގެ ކޮންޓްރޯލްގެ ދަށުގައި އޮތް އެއްޗަކަށް ހެއްދެވުމަށް އެމަނިކުފާނު ކުރެއްވި މަސައްކަތްޕުޅުތަކެވެ. މަޖިލިސް އިންތިޚާބުގައި ކޯލިޝަންނާއި ވަކިން، ހުރިހާ ގޮނޑިއަކަށް އެމްޑީޕީން ވާދަކުރި ކުރުމެވެ. އެހެންނަަމަވެސް، މަޖިލިސް އިންތިޚާބުގައި އެމްޑީޕީއަށް ގިނަ ގޮނޑިތަކެއް ލިބިގެން ދިޔަނަމަވެސް، ގަބޫލު ކުރެވޭ ގޮތުގައި، ދުރާލާ ރައީސް ސާލިހު އެމަނިކްފާނުގެ ހިކުމަތު އަމަލީގެ ބޭނުން ކުރައްވާފައި ވެއެވެ. އިންތިޚާބު ނިމިގެން ދިޔައިރު، ސީދާ ރައީސް ސާލިހަށް ތާއީދުކުރާ ގިނަ މެމްބަރުން މަޖިލީހަށް އިންތިޚާބުވެގެން ދިޔަ މަންޒަރުވަނީ ފެނިގެން ގޮސްފައެވެ.

އެމްޑިޕީގެ އިސް ލީޑަރު ރައީސް ސާލިހު އަދި އެޕާޓީގެ ރައީސް, ރައީސް ނަޝީދު

ކޮންމެއަކަސް މަޖިލިސް ޓިކެޓުތަކާ ހަމައިން އެމްޑީޕީގެ ދެ ފެކްޝަނެއްގެ ވާހަކަ މުޅިން ފެންމަތިވެ އެވާހަކަ ރަށުތެރޭގައި ދެކެވެން ފެށިއެވެ. އެހެންނަމަވެސް އޭރު ދެރައީސުން މިކަން ގަންބާލައި ސުލްހަވެރިކަމާއި ހަމަޖެހުމުގެ މޫނެއް ދެއްކެވޭތޯ އުޅުއްވިއެވެ. އެހެންނަމަވެސް އެއީ މާ ފަސޭހަފުޅުކަމަކަށް ނުވިއެވެ.

ޕާޓީގެ ބާރުވެރިކަމާއި ނުފޫޒު ހޯދުމުގެ "ފިނި ހަނގުރާމަ"އެއް ފެށި އެއްދުވަހުން އަނެއް ދުވަހަށް ދެ ރައީސުންގެ ކޯޅުން އައީ ބޮޑުވަމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ އެމްޑީޕީއަށް ލިބުނުއިރު ޕާޓީގެ ޕާލަމެންޓްރީ ގްރޫޕް އޮތީ ސާފުކޮށް ދެ "ފެކްޝަނަށް" ބެހިފައިކަން އެންމެންނަށްވެސް އެނގެއެވެ.

އައު ޗެއަރ ޕާސަނެއް ހޮވުމަށް ހުޅުވާލި އިންތިޚާބުގައި ދެ ފެކްޝަންގެ ދެބޭފުޅަކު ވާދަކުރެއްވި ހިސާބުން މި ހުޅުގަނޑު ގަދަޔަށް އަނދަންފެށި މަންޒަރު ސާފުކޮށް ފެންނަން މިއޮތީ ފަށާފައެވެ. ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނާއި މަގުމަތިންނެވެ. ފެންނަ މަންޒަރުތަކަށް ބަލާއިރު، ރައީސް ސާލިހުގެ ފެކްޝަން ކުރީގައި އުޅޭހެން ހީވާކަހަލައެވެ.

ދެން އޮތް ސުވާލަކީ އެންމެ ބޮޑު ސުވާލެވެ. ރައިސް ނަޝީދުގެ "ނުފެތޭ އޮޑި"އަށް ނުފެތި މިފަހަރު މަންޒިލަށް ވާސިލްވެވިދާނެބާއެވެ؟ މިފޯރީގެ ދެކޮޅަށް ވަޖިދުވާ މީހުންނާއި ބަދަލުވަމުންދާ ޙާލަތު އޮތީ އަދި ފެންނާށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *