ކޮރަޕްޓް ވެރިންނާއި ދެކޮޅަށް ޒަރިޔަންދު ތެދުވެއްޖެ

ކޮރަޕްޓް ވެރިންނާއި ދެކޮޅަށް ޒަރިޔަންދު ތެދުވެއްޖެ

Author
މުޙައްމަދު ޝަޒައިމް
01 މާރޗް 2022 09:38
0

ރާއްޖޭގައި މިހާރު އޮތް ސަރުކާރުގައި ތިބި ކޮރަޕްޓް ވެރިންނާއި ދެކޮޅަށް އިތުރު ގިޔަރެއްގައި މިއަދުން ފެށިގެން މަސައްކަތް ފަށާފައިވާކަމަށް ނެޝަނަލް ޓެންޑާ ބޯޑުގެ ކުރީގެ ޗެއާމަން އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި، ޗެއާޕާސަންގެ މަޤާމަށް ވާދަކުރައްވާ އިމްތިޔާޒު ފަހުމީއަށް ތާއީދު ކުރައްވައި ކެމްޕެއިންގައި ރަސްމީކޮށް ބައިވެރިވާނެކަން ހާމަކުރައްވައި ޒަރިޔަންދު ކުރި ޓުވީޓުގައި ވިދާޅުވީ، 2018 ވަނަ އަހަރުގައިވެސް އޭރުގެ ކޮރަޕްޓް ވެރިންނާއި ދެކޮޅަށް ކުރި ފަދަ މަސައްކަތެއް ކުރުމަށް ނިންމައި އިންތިއަށް ތާއީދު ކުރުމަށް ނިންމާފައިވާކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި އަމާޒަކީ އިންތިއަށް އިންތިޚާބު ކާމިޔާބު ކޮށް ދިނުންކަމަށާއި، މިކަމުގައި އިންތިގެ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެ، އަތޮޅު ތެރޭގެ ރަށްރަށަށް ދަތުރުކޮށް ރައްޔިތުންނަށް ސައްޚަ މައުލޫމާތު ދެއްވާނެކަމަށް ޒަރިޔަންދު ވަނީ ވިދާޅުވެފައެވެ.

2018 ވަނަ އަހަރުގައި ކަންކުރި ގޮތަށް، އެޔަށްވުރެއް މަތީ ޤިޔަރެއްގައި މިއަދުން ފެށިގެން ކޮރަޕްޓް ވެރިންނާއި ދެކޮޅަށް އިމްތިޔާޒު ފަހުމީއަށް ވޯޓު ހޯދުމަށް މަސައްކަތް ކުރާނަމެވެ. ވަގުތު ވީވަރަކުން މާލެއާއި އަތޮޅު ތެރޭގެ ރައްޔިތުންނަށް މައުލޫމާތު ދިނުމަށް ދަތުރު ކުރަން ނިންމައިފީމެވެ.

– ޒަރިޔަންދު ވިދާޅުވިއެވެ.

ޒަރިޔަންދުވަނީ ޤާނޫނީ ހުސްކަމެއްގައި އޮތް އޭސީސީގެ މެމްބަރުކަމަށްވެސް ކުރިމަތިލާފައެވެ. ނަމަވެސް މަޖިލީހަށް ފޮނުވި ނަންތަކުގެ ތެރޭގައި ޒަރިޔަންދުގެ ނަން ހިމަނާފައިނުވެއެވެ. ޒަރިޔަންދު ވަނީ މިކަމުގައި ކަންބޮޑުވުން ފާޅުކޮށް ރައީސުލްޖުމްހޫރިއްޔާއަށް ސިޓީއެއްވެސް ފޮނުވާފައެވެ.

ޒަރިޔަންދަނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައިވެސް އަދި މިސަރުކާރުގެ ތެރޭގައިވެސް ހިންގާ ކޮރަޕްޝަންގެ ވާހަކަތައް ދައްކައި، އެކަންކަމުގެ ވާހަކަ ރައްޔިތުންގެ ސަމާލުކަމަށް ގެނެސްދެއްވާ ބޭފުޅެކެވެ. އަދި އޭނާ ވަނީ ނިމިދިޔަ ރައީސް ޔާމީންގެ ވެރިކަމުގައި ހިނގައިދިޔަ ކޮރަޕްޝަންގެ އެތައް ކަމެއް ރައްޔިތުންނާއި ހަމައށް ތިލަކޮށްދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.