ޕުޓިން މުޅި ދުނިޔެއާއި ވަކިވެއްޖެ! މިވަރު ކޮށްލާނެ ކަމަށް ޕުޓިން ހީކުރިތަ؟

ޕުޓިން މުޅި ދުނިޔެއާއި ވަކިވެއްޖެ! މިވަރު ކޮށްލާނެ ކަމަށް ޕުޓިން ހީކުރިތަ؟

Author
ހުސެއިން
01 މާރޗް 2022 08:45
0

އެމެރިކާގެ ކުރީގެ ސެކެޓްރީ އޮފް ސްޓޭޓް ކޮންޑޮލީޒާ ރައިސް ވިދާޅުވެފައިވަނީ، ރަޝިއާގެ ރައީސް ލާޑީމިރު ޕުޓިންއާއި އޭނާ އެތައް ފަހަރަކު ބައްދަލު ކޮށްފައިވާ ކަމުގައެވެ.

ރައިސް، ރަޝިއާގެ ރައީސް މިހާރު ސިފަކުރައްވަނީ، ދުނިޔޭގައި މިވަގުތު އޮތް އެންމެ ވަރުގަދަ އަސްކަރިއްޔާ، އަދި ދުނިޔޭގައި މިވަގުތު އޮތް އެންމެ ބޮޑު ނިއުކުލިއަރ ބާރުގެ ވެރިޔާއަކީ، "މުރަނަަ"، "ޕްރެޝަރު މައްޗަށް ދާ" އަދި ވަށައިގެން ދުނިޔޭގައި ހިގަމުންދާ ކަންކަމުގެ މައުލޫމާތު ފުރިހަމަޔަށް ލިބެމުން ނުދާ ވެރިއެއްގެ ގޮތުގައެވެ.

މުޅި ދުނިޔޭގައި އޮތް އެންމެ ވަރުގަދަ އަސްކަރިއްޔާ އެމީހެއް އޯޑަރަކަަށް ތާއަބަދު އިންތިޒާރުގައި އޮތް، އެތައް މިލިއަން ބައެއްގެ ފުރާނަ މަދު ސިކުންތު ކޮޅެއްގައި ދުއްވާލެވޭނޭ ގާބިލްކަން ހުރި ނިއުކުލިއަރ ހަތިޔާރު އޭނާގެ ބާރުގެ ދަށުގައި ހުރި ލީޑަރު ޕުޓިން، މިބީދައިން ސިފަކުރަންޖެހި ވަޑައިގަތީ އެމެރިކާގެ ކުރީގެ ސެކްޓްރީ އޮފް ސްޓޭޓް ކޮންޑޮލީޒާ ރައިސް ވިދާޅުވެފައިވާ ގޮތުގައި، ޕުޓިންގެ ކިބައިން އޭނާއަށް ފެންނަމުންދާ ކަންކަމުގައި، އެހާރާއި މިހާރުގެ ތަފާތުކަން ބޮޑު ކަމުންނެވެ.

އެމެރިކާގެ "ފޮކްސް ނިއުސް ސަންޑޭ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ކޮންޑޮލީޒާ ރައިސް ވިދާޅުވެފައިވަނީ، މިގޮތަަށް މިއަދު ވިދާޅުވާން އޭނާއަށް މަޖުބޫރު ވެފައިވަނީ، ރަޝިއާގެ ރައީސް ލާޑިމިރު ޕުޓިންއަކީ، "ކޭޖީބީގެ މީހަކަށް" (ކޭޖިބީއަކީ ރަޝިއާގެ ނުރައްކާތެރި ޖާސޫސީ އިދާރާ) ވެފައި، "ހިސާބު ޖަހައިގެން" ނިންމުންތައް ނިންމާ އަދި "މަޑުމައިތިރި ކަމާއެކު" ކަންކަމާމެދު ވިސްނާ ފިކުރުކުރާ ލީޑަރެއްގެ ގޮތުގައި އޭނާއަށް ކުރިން ޕުޓިން ތަސައްވުރު ކުރެވިފައި ވާތީވެސްމެއެވެ.

މިއީ ރައީސް ޖޯޖު ޑަބްލިއު ބުޝްގެ ވެރިކަމުގައި އެމެރިކާގެ އެންމެ އިސް ޑިޕްލޮމޭޓްގެ ގޮތުގައި އޭނާ ކުރެއްވި ގިނަ މަސައްކަތްތަކާއި އަދި ޕުޓިންއާއި ބައްދަލުވި އެތައް ފަހަރެއްގެ މަތިން، އޭނާއަށް ޕުޓިންގެ ހަގީގަތްތައް ސިފަވެގެން ގޮސްފައިވާ ގޮތް ކަމުގައި ރައިސް ވިދާޅުވެފައި ވެއެވެ.

އެހެންނަަމެވެސް، ކޮންޑޮލީޒާ ރައިސް ވިދާޅުވެފައި ވަނީ، މިއަދު ޕުޓިންއަކީ މުޅިން ތަފާތު މީހެއް ކަމުގައެވެ.

"މިއަދު އޭނާއަކީ ތާރީޚާއިމެދު މުޅިން ތަފާތު ނަޒަރިއްޔާތަކުން ދެކެންފަށާފައިވާ، މުރަނަ މީހެއް. އެންމެ ރަގަޅު، ތާރީޚުގައި ރަޝިއާއަށްވެސް ކުރިމަތި ލާންޖަހިފައިވާ ކަންކަމާމެދު ހުރެދާނެ ހިތް ނުތަނަވަސް ކަމެއް. އެހެންނަމަވެސް، ލެނިން (ރަޝިއާގެ ކުރީގެ ލީޑަރު) ޔޫކުރެއިންއާއި ކީވްގެ ބިންގާ އެޅުއްވި އެޅުއްވުމަށްވެސް ފާޑު ވިދާޅުވެ، ޕުޓިންގެ ވިސްނުން ތަޢައްޔަރު ވެގެން އެދަނީ، އަހަރެންނަށް އޭގެ ތަފްސީލުތައް ބަޔާން ކުރަންނޭގޭ ދަރަޖައަކަށް."

ރައިސްވަނީ އެތައް ފަހަރެއްގެމަތިން ޕުޓިންއާއި ބައްދަލު ކުރައްވާފަ

ޕުޓިންއަށް އެގެން އަބަޖެހޭ، ކިތަންމެ ވަރުގަދަ ހަތިޔާރުތަކެއް ހުއްޓަސް، ނޭޓޯ ޓްރީޓީގެ އާރޓިކަލް 5 ހުރަސް ކުރުމުން އެނެގެނީ ކިހާވަރެއްގެ ރިސްކެއް ކަން.

ބޯލްޓިކް ގައުމުތަކަކީ (ޔޫކުރެއިންއާއި އިންވެގެންވާ ގައުމުތައް) ނޭޓޯގެ ގައުމުތައްކަމާއި، ނޭޓޯއިން މިގައުމުތަކަށް ހިމާޔަތާއި ރައްކާތެރިކަން ދޭނެކަމަށް ވިދާޅުވަމުން ރައިސް ވިދާޅު ވެފައި ވެއެވެ.

 

ކޮށްލިވަރު ވަރަށްވެސް ބޮޑު!

އެމެރިކާގެ ކުރީގެ ސެކެޓްރީ އޮފް ސްޓޭޓު ކޮންޑޮލިޒާ ރައީސް އިޝާރާތް ކުރައްވާފައިވަނީ، ރަޝިއާގެ ރައީސް ޕުޓިން ޔޫކުރެއިންއަށް އަރާ އެގައުމަށް އުދުވާނީ ހަމަލާ ދޭން ފެށުމާއެކު ޕުޓިންއާއި ދެކޮޅަށް މުޅި ދުނިޔެ ތެދުވި ތެދުވުމަށެވެ. އަދި ރަޝިއާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުން ގޮސް، ރަޝިއާގެ އިގްތިސާދު އެންމެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އިނދަ ޖެހުމަކާއި ހަމައަށް ވަނީ ދަތުރު ކޮށްފައެވެ. ރަޝިއާގެ ފައިސާގެ އަގުވަނީ ދުވަހަކުވެސް ދަށަށް ނުދާ މިންވަރަށް ދަށަށް ގޮސްފައެވެ. އާންމު ރައްޔިތުން ބޭންކުތަކުގައި ހުރި އެމީހުންގެ ފައިސާތައް ނެގުމަށް އޭޓީއެމް ތަކުގައި ތޮށްޖެހެން ފަށައިފިއެވެ. އިގްތިސާދީ މާހިރުން މިހާރު ވިދާޅުވާ ގޮތުގައި، ކުރު މުއްދަތެއްގެ ތެރޭގައި ރަޝިއާގެ މުޅި އިގްތިސާދު، މިހާރު އަޅާފައި ހުރި ފިޔަވަޅުތަކާއެކު އެކަނިވެސް %5 ކުޑަ (ކޮންޓްރެކްޓް) ވެގެން ދާނެއެވެ.

އަދި މީގެ އިތުރުން، ރަޝިއާގެ ހުރިހާ ފްލައިޓްތަކެއްގެ ދަތުރުތައް ހުއްޓިއްޖެއެވެ. ވިޔަފާރީގެ ދަތުރުތަކުގެ އިތުރުން، ރަޝިއާ ރައްޔިތުންނަށްވެސް އެގައުމުން ބޭރަށް ދަތުރުކުރެވޭނެ ގިނަ މަގުތައް ވަނީ ބަންދު ވެފައެވެ. އަދި އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއެކު، ރަޝިއާގެ ކާގޯ އުފުލާ ބޯޓަކަށް ކަޑުމަގުން ދަތުރު ކުރެވޭމަގުތައްވެސް ވަނީ އެތައް ގޮތަކުން ބަންދު ވެފައެވެ.

ރަޝިއާގެ ފައިނޭންޝަލް ސިސްޓަމް ދުނިޔޭގެ ފައިނޭންޝަން ސިސްޓަމާއި ވަކިކޮށް، އެއްވެސް ބާވަތެއްގެ ފައިސާގެ މުޢާމަމާތެއް ރަޝިއާގެ ކުންފުނިތަކާއި ރަޝިއާގެ ބޭންކުތަކުން ކުރުން ހުއްޓުވުމަކަށް ގަނައުމުގެ ގޮތުން، ސްވިފްޓް އިންޓަރނޭޝަނަލް ޕޭމަންޓު ސިސްޓަމުން (SWIFT) މިހާރުވަނީ ރަޝިއާގެ ބޭންކުތައް ބޭރު ކުރަން ފަށާފައެވެ.

ރަޝިއާއާއި ދެކޮޅަށް އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތައް އިގްތިސާދާއި ހަމައިން ހުޓުނީއެއް ނޫނެވެ. ރޭގެ ވަގުތެއްގައި، ރަޝިއާގެ ހުރިހާ ފުޓުބޯޅަ ކުލަބުތަކާއި އަދި އެގައުމުގެ ގައުމީ ޓީމުތައްު ބައިނަލް އަގުވާމީ ކުޅިވަރުތަކުން ސަސްޕެންޑް ކުރުމަށް ފީފާއިންނާއި ޔޫއެފާއިން ވަނީ ނިންމާފައެވެ. ފީފާގެ މި ނިންމުމާއެކު، ކުރިޔަށް އޮތް ވާރލްޑް ކަޕްގައި ކުޅުމުގެ ފުރުސަތު ރަޝިއާއަށް ގެއްލިގެން ދިޔައީއެވެ.

އަދި މީގެ އިތުރުން، އިންޓަރނޭޝަނަލް އޮލިމްޕިކް ކޮމިޓީންވަނީ ސްޕޯޓްސް ފެޑެރޭޝަންތަކާއި އިވެންޓް އޯގަނައިޒް ކުރާ ފަރާތްތަކަށް، ރަޝިއާއިން ޔޫކުރެއިންއަށް އުދުވާނީ ހަމަލާ ދޭން ފެށުމާއި އަދި ޔޫކުރެއިންއާއި އިންވެގެން އޮންނަ ބެލަރޫސްއިން މި އުދުވާނަށް އެހީތެރިކަން ފޯރުކޮށް ދީފައިވާތީ، މި ދެގައުމުގެ އެއްވެސް އެތުލީޓަކު ބައިނަލްއަގުވާމީ އެއްވެސް މުބާރާތެއްގައި ބައިވެރި ނުކުރުމަށް އަންގާފައެވެ.

ބައިނަލްއަގުވާމީ ހުރިހާ ކުޅިވަރަކުން ރަޝިއާ މިހާރުވަނި ސަސްޕެންޑް ކުރެވިފަ

އަދި ހަމަ އެއާއެކު، ބައިނަލްއަގުވާމީ ޓައެކްވޮންޑޯއިން ވަނީ، އެ އެސޯސިއޭޝަންއިން ރަޝިއާގެ ރައީސް ލާޑިމިރު ޕުޓިންއަށް 2013ވަނަ އަހަރު އަރުވާފައިވާ "ނައިންތު ޑޭން ބްލެކް ބެލްޓު"ގެ ޝަރުފު އަބުރާ އަތުލުމަށް ނިންމާފައިވާކަންވެސް އިއުލާން ކޮށްފައެވެ.

ރަޝިއާއިން ޔޫކުރެއިންއާއި ދެކޮޅަށް ކުރިޔަށް ގެންދާ އުދުވާން އަދިވެސް ކުރިޔަށް ދާއިރު، ރަޝިއާއި ދެކޮޅަށް ފިޔަވަޅުތައް ވަރުގަދަ ކުރަމުންދާ ގައުމުތަކުގެ އަދަދު ދަނީ އިތުރުވަމުންނެވެ. އަދި ފިޔަވަޅުތައްވެސް ދަނީ ވަރުގަދަ ކުރަމުންނެވެ. މިގޮތުން ރަޝިއާއި ދެކޮޅަށް މިހާތަނަށް ދުނިޔޭގެ 50 އަށްވުރެ ގިނަ ގައުމުތަކުން މިހާރުވަނީ އެކި ގޮތްގޮތުން ރަޝިއާއަށް ދަތި ކޮށްފައެވެ. މި ސިލްސިލާއަށް ނިމުމެއް ނެތެވެ. ފިޔަވަޅުތައް ގައުމުތަކުން ދަނީ ވަރުގަދަ ކުރަމުންނެވެ.

 

ޕުޓިންއަށް މިވީ ކިހިނެއް؟

ރަޝިއާގެ ރައީސް ލާޑިމިރު ޕުޓިންއަކީ ކުރިން ކޭޖީބީގެ ސިއްރު އޭޖެންޓެއްގެ ގޮތުގައި މަސައްކަތް ކުރި ޖާސުސީ އޮފިސަރެކެވެ. ރަޝިއާގެ ކޭޖިބީއަކީ، އަތައްބަޔަކު މެރުމަށްޓަކާ ސިއްރު އެތަކެއް ރޭވުންތަކެއް ރާވާ، އަދި އަނިޔާވެރި، ސިއްރު އެތަކެއް އޮޕަރޭޝަންތަކެއް ތަންފީޒު ކުރާ ޖާސޫސީ އިދާރާއެކެވެ. އަދި މިފަދަ އިދާރާތަކުން ކުރިޔަށް ގެންދާ އޮޕަރޭޝަންތަކަކީ، އެތަކެއް ސިއްރު މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް، ސީދާ އަމާޒަށް ވާސިލްވާގޮތަށް ހިސާބު ޖެހުމަށްފަހު ކުރިޔަށް ގެންދާ އޮފަރޭޝަން ތަކެކެވެ.

އެހެންކަމުން، ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، ރަޝިއާގެ ވެރިކަމަށް ވަޑައިގަތުމަށްފަހު، ކޭޖީބީގައި އަދާކުރި ދައުރުގެ އެތައްކަމެއް ޕުޓިންގެ ކިބައިން ވަނީ ފެނިގެން ގޮސްފައެވެ. ސިއްރު އޮޕަރޭޝަންތަކުގައި ޕުޓިން ވަނީ އޭނާއާއި ސިޔާސީގޮތުން އިދިކޮޅުވި އެތައްބަޔަކު ދުނިއިން ނެތިކޮށްފައެވެ. އޭނާއާއި ދެކޮޅަށް ދެތުވި ބޮޑެތި ބައެއް މަހުޖަނުންގެ ވިޔަފާރިތައް ފުނޑާލާ ޕުޓިންވަނީ މިފަދަ އެތައް މަހުޖަނުންނެއް ނެތި ކޮށްފައެވެ. އަދި ރަޝިއާގައި މިހާރުވެސް އޭނާއާއި ދެކޮޅަށް ތެދުވާ މީހުން ޖަލަށް ލާ، އަދި އެމީހުން މެރުމަކީ އެންމެން ދަންނަ އެހެންނަމަވެސް، ޕުޓިންގެ "ސިއްރު" އެޖެންޑާއެވެ. އޭގެ އެންމެ ދިރިހުރި މިސާލަކީ މިހާރުވެސް ޖަލަށް ލާފައިވާ ޕުޓިންގެ ސިޔާސީ ވާދަވެރިޔާ އެލެކްސީ ނަވާލްނީއެވެ.

އެހެންނަަމަވެސް، ސިޔާސީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، ވެރިކަމުގެ ބާރުތައް މުށުތެރެއަށް ލުމަށް ފާއިތުވި 22 އަހަރުދުވަހު ޕުޓިން ހިންގާފައިވާ ހުރިހާ ޖަރީމާއެއްވެސް ހިންގާފައިވަނީ ވަރަށްވެސް ރަގަޅަށް ހިސާބުޖަހާ، ރާވާ، އަދި ފުރިހަމަ މައުލޫމާތު އެނގިހުރެ ކަމުގައެވެ.

ޕުޓިންއަކީ އަބަދުވެސް ގާތިލެއް. އެހެންނަމަވެސް، މިހާރު އޭނާ ތަފާތު، އަދި ވަރަށްވެސް ބޮޑަށް ތަފާތު. އޭނާ މީގެ 5 ވަރަކަށް އަހަރު ކުރިން ކަން ކޮށްފައިވާ ގޮތައް މިހާރު އަމަލު ކުރާނެކަމުގަ ހީކުރުމަކީ ވަރަށް ބޮޑު ގޯހެއް.

އެމެރިކާގެ ސެނެޓްގެ ސެލެކްޓު ކޮމިޓީގެ ޗެއަރމަން އަދި ކުރީގެ ރިޔާސީ ކެނޑިޑޭޓެއް ކަމުގައި މާކޯ ރޫބިއޯ ވިދާޅުވެފައި ވެއެވެ.

އިރުމަތީ ޔޫކުރެއިންއަކީ މިނިވަން ދައުލަތެއް ކަމުގައި ކަނޑައަޅާ ގަރާރުގައި ޕުޓިން ސޮއި ކުރައްވަނީ

ރޫބިއޯ ވިދާޅުވެފައިވާ ގޮތުގައި، ފާއިތުވެދި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި، މުޅި ދުނިޔެއަށް ފެތުރިގެންދިޔަ ކޯވިޑުން ޕުޓިން ރައްކާތެރި ކުރުމަށްޓަކާ ރަޝިއާގެ ސަލާމަތީ ފަރާތްތަކުން އަޅާފައިވާ ވަރުގަދަ ފިިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން ޕުޓިން އުޅުއްވާފައިވަނީ ދުނިޔެއާއި ވަރަށްވެސް ބޮޑަށް އެކަހެރި ކޮށެވެ. މިގޮތުން، ޕުޓިން އާންމު ފަރާތްތަކާއި ބައްދަލުވުމުގެ މަގު އެކީ ކަހަލަ ގޮތަކަށް ހުއްޓުމަކަށް އައިސްފައިވާއިރު، ދުނިޔޭގެ ލީޑަރުންނާވެސް ޕުޓިން ބައްދަލު ކޮށްފައިވަނީ، 5 މީޓަރު ދިގު މޭޒުގެ އެއް ކޮޅުގައި އިންނަވައިގެންނެވެ.

ކޯވިޑްގެ ނުރައްކަލަށް ޕުޓިން ހުށަހެޅިގެން ދިޔަނުދީ، ޕުޓިންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން، މޮސްކޯގެ އޮފިޝަލުންނަށް، ކޮންމެ ހަފްތާއަކުވެސް އެތައް ފަހަރަކު ބޮޑު ކަމުދާ ތަކެތީގެ ސާމްޕަލްތައް ދޭން ޖެހެއެވެ.

އަދި މީގެ އިތުރުން، އެއްވެސް ފަރާތަކުން ރަޝިއާގެ ރައީސްއާއި ބައްދަލު ކުރާނަމަ، ބަދަލުވުމުގެ ކުރިން ދެ ހަފްތާ ވަންދެން އައިސޮލޭޝަންގައި ހުރުން ވަނީ ލާޒިމް ކޮށްފައެވެ.

"ޕުޓިންވަނީ ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި، ވަރަށް ބޮޑަށް އަމިއްލަ ހައިސިއްޔަތުން އެކަހެރި ވެވަޑައިގެންފަ. އަދި ވަނީ، ދުވަހުން ދުވަހަށް ނިންމަންޖެހޭ ނިންމުންތަކާވެސް ވަރަށް ބޮޑަށް ދުރަށް ވަޑައިގެންފަ. މީގެ ތެރޭގައި، އެންމެ ކައިރީގައި މަސައްކަތް ކުރަމުންއައި ގިނަ ބަޔަކާއިވެސް ވަނީ އެކީ ދުރަށް ޖެހިވަަޑައިގެންފަ. ނަތީޖާއެއްގެ ގޮތުން، ފާއިތުވި ދެ އަހަރެއްހާ ދުވަހަކީ، ވިސްނުމުގައި އެބުރޭ ވަސްވާސްތަކާއި، ބިރާއި، އިހުސާސްތަކާއެކު ގިނަވަގުތު ގިނިކަންޏާ ހޭދަކުރައްވަން ޖެހިވަޑައިގަތް ދެއަހަރު،" ޕޮލިޓިކަލް އެނަލިސިސް ފާމެއްގައިވާ އާރު ޕޮލިޓިކްގެ ޓަޓިއާނާ ސްޓަނޮވަޔާ ވިދާޅުވެފައި ވެއެވެ.

ޕުޓިން މަޝްވަރާއަކަށް ނާއްސަވާ. އަމާޒުތައް ކަނޑައަޅުއްވާފަ، ތަންފީޒު ކުރައްވަން އަންގަވަނީ. އެހާހިސާބުން އެ ނިންމުންތަކަށް އަމަލީސިފަ އަންނަމުން ދަނީ.

ރަޝިއާގެ ފޮރިންގ މިނިސްޓްރިއާއި ގާތް ގުޅުމެއް އޮންނަ ތިންކު ޓޭންކެއް ކަމުގައިވާ، ރަޝިއަން އިންޓަރނޭޝަނަލް އެފެއަރޒް ކައުންސިލްގެ އަންޑްރޭ ކޯޓުނޯވް މިފަހްތާގައި ހާމަ ކޮށްފައިވާ ގޮތުގައި، ޔޫކުރެއިންއަށް އެރުމަށް އޭނާގެ ތިންކު ޓޭންކުން ޕުޓިންގެ އޮފިޝަލުންނަށް އިރުޝާދު ދީފައެއް ނުވާނެއެވެ. އަދިި ޕުޓިންގެ މި ނިންމުން ވެގެން ދިޔައީ ތިންކު ޓޭންކުގެ އޮފިޝަލުންނަށް ކުއްލި ހައިރާންކަމެއް ގެނުވި ނިންމުމަކަށެވެ.

"މި ނިންމުމާއެކު، ފޮރިންގ އޮފީހުގެ ގިނަ އޮފިޝަލުން އެތިބީ ލިބުނު ޝޮކުގަ ކުއްލި ހައިރާން ކަމުގަ. އަދި، ވަމުންދާ ގޮތުން އެތިބީ ގޮތް ހުސްވެފަ،" އޭނާ ބީބީސީއާއި ވާހަކަދައްކަމުން ވިދާޅުވެފައި ވެއެވެ.

މިއީ ރަޝިއާގެ ލީޑަރޝިޕުން ހުރަސް ކޮށްފައިވާ ރަތް ރޮނގެއް.

ޔޫކުރެއިންއަށް ރަޝިއާގެ ފައުޖުތަކުން އެރުމާއި ގުޅިގެން މުޅި ދުނިޔެއިން ރަޝިއާއި ދެކޮޅަށް އަޅުމުންދާ ފިޔަވަޅުތަކުންނާއި، އަދި ރަޝިއާގެ ރައީސް ޕުޓިންއަށް ކުރިމަތިލައްވަން ޖެހިވަޑައިގެންފައިވާ އެކަހެރިކަމަށް އިޝާރާތްކޮށް އޭނާ ވިދާޅުވެފައި ވެއެވެ.

 

ޕުޓިންގެ އެކަހެރިކަން ބޮޑުވެ، ދުނިޔޭއާއި ގުޅުން ކެޑުމުގެ ނަތީޖާ!

މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، އެންމެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި، ޕުޓިން ދުނިޔެއާއި އެކަހެރިވެގެން ދިޔައީ، ދުނިޔޭގެ މިފަދަ ލީޑަރުންނަށް އެތައް އަހަރަކުންވެސް ކުރިމަތި ލައްވަން ޖެހިވަޑައިގެންފައި ނުވާ މިންވަރަށެވެ. އެއީ ހުރިހާ ގޮތަކުންވެސް މެއެވެ. އިގްތިސާދީ ގޮތުންނާއި، ސިޔާސީ ގޮތުންނާއި، ދަތުރު ފަތުރާއި، އިމްޕޯޓު އެކްސްޕޯޓާއި، ބޭންކުތަކާއި، މިހެންގޮސް އެންމެފަހުން ކުޅިވަރުތަކުން ރަޝިއާ ދަނީ ބޭރުކުރަމުންނެވެ. އަދި ރަޝިއާއާއި ދެކޮޅަށް މުޅި ދުނިޔެ އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ލިސްޓަށް ނިމުމެއް ނެތެވެ.

އަދި ފާއިތިވެދިޔަ ތަނުގައި ޕުޓިން ރަޝިއާގެ ވެރިކަން ކުރަމުން އައިސްފައިވަނީ އެގައުމުގެ މުއްސަދި މަހުޖަނުންވެސް އޭނާގެ ފުރިހަމަ ބާރުގެ ދަށުގައި ބައިތިއްބައިގެން ނަމަވެސް، އެގައުމުގެ ގިނަ މަހުޖަނުންނަށްވެސް މިހާރުވަނީ މި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތަކާ ކުރިމަތި ލާންޖެހިފައެވެ. ނަތީޖާއެއްގެ ގޮތުން، ރަޝިއާގެ އެންމެ ވަރުގަދަ 8 މަހުޖަނަކު މިހާރުވަނި ހަގުރާމައާއި ދުރަށް ދިއުމަށް ޕުޓިންއަށް ގޮވާލައްވާފައެވެ.

ޕުޓިންގެ އަރިސް ދެ މަހުޖަނުން ކަމުގައިވާ މިޚައިލް ފްރިޑްމޭން (ވާތްފަރާތުގައި) އަދި ވިކްޓަރ ވެކްސެލްބާގް (ކަނާތް ފަރާތުގައި): ދެބޭފުޅުންވަނީ ސުލްހަވެރި ހައްލެއް ހޯދުމަށް ގޮވާލާފަ

މިއިން މަހުޖަނަކު ޕުޓިންގެ ސިޔާސަތަކަށް ފާޑުކިއުން މިއީ ފާއިތުވެދިޔަ ޒަމާންތަކުގައި ޕުޓިންގެ ވެރިކަމުގައި އަދި މުޅިން އަލަށް ހިގައިދިޔަ ކަމެކެވެ. އަދި ރަޝިއާގެ އެތެރޭގައި މި ހަގުރާމައާއި ދެކޮޅަށް މިހާރުދަނީ މުޒާހިރާތައް ކުރެވެމުންނެވެ.

އަދި މުޅި ދުނިޔެއިން ޕުޓިންއާއި ދެކޮޅަށް އަޅަމުންދާ ފިޔަވޅުތަކުގެ ނަތީޖާއެއްގެ ގޮތުން، މުޅި ދުނިޔެއާއި ޕުޓިން ގުޅުން ކެނޑެމުންދާއިރު، ޕުޓިންއަށް އިރުޝާދު ދޭން މިހާރު ތިބީ، އޭނާގެ އެންމެ އަރިސް، ހަރުކަށިކަމަށް ތާޢީދުކުރާ، އަސްކަރިއްޔާގެ އެންމެ އިސް އޮފިޝަލުންނާއި، ސަލާމަތީ އަދި ޖާސުސީ އިދާރާގެ ވެރިން އެކަންޏެވެ.

މިހާލަތުގައި ދެންވެސް، ފުރިހަމަ ތެދު މައުލޫމާތުގެ މައްޗަށް ބުރަވާ، ފުރިހަމަ ނިންމުމަކާއި ހަމައަށް ޕުޓިންއަށް ވާސިލް ވެވިދާނެކަމާމެދު މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ޝައްކުކުރެއެވެ.

އަދި މިހާރު ދެމުންދާ ހަމަލާތަކުން ޔޫކުރެއިން ރަޝިއާގެ ބާރުގެދަށަށް ގެނެވުނުނަމަވެސް، މުޅި ދުނިޔެއާދެކޮޅަށް އެގައުމު އަޅުވެތި ކޮށްގެން ރަޝިއާއަށް އޮވެވިދާނެ ކަމާމެދުވެސް ޝައްކު ކުރެއެވެ. އަދި ރަޝިއާގެ ގޮނޑި ކޮށްކޮ ސަރުކާރެއް ޔޫކުރެއިންގައި އެކުލަވާލި ނަމަވެސް، އެ ސިޔާސަތުވެސް ކާމިޔާ ނުވެދިއުމަކީ މިހާރު އެންމެ ގާތްކަމުގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދަނީ ދެކެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.