ޔޫކުރެއިން ދޫކޮށް ދިއުމަށް ރައީސް ޒެލެސްކީ ދެކޮޅު ހައްދަވައިފި: އެމެރިކާ

ޔޫކުރެއިން ދޫކޮށް ދިއުމަށް ރައީސް ޒެލެސްކީ ދެކޮޅު ހައްދަވައިފި: އެމެރިކާ

Author
ހުސެއިން
26 ފެބްރުއަރީ 2022 10:36
0

ރަޝިއާ ސިފައިން ޔޫކުރެއިންއަށް އަރާ، އެގައުމުގެ ވެރިރަށް ކީވް ހިފުމަށް، އެސިޓީއަށް މިހާރު ހަމަލާ ދޭން ފަށާފައިވާއިރު، އެގައުމު ދޫކޮށް ދިއުމަށް އެމެރިކާއިން ޔޫކުރެއިންގެ ރައީސް ޒެލެންސްކިއަށް ދިން ދައުވަތު ގަބޫލު ނުކޮށް އަބުރާ ރައްދުކޮށްފައިވާ ކަމަށް އެމެރިކާގެ މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

"ހަގުރާމަ މިއޮތީ މިތާގަ. އަހަރެން ބޭނުމީ ހަތިޔާރު، ފިލައިގެން ދާކަށް ނޫން"

އެގައުމު ދޫކޮށް އެމެރިކާއަށް ދިއުމަށް ވޮޝިންގޓަން ދިން ދައުވަތު ގަބޫލު ނުކުރައްވާ ޔޫކުރެއިންގެ ރައީސް ޒެލެންސްކީ ވިދާޅުވިކަމަށް، މައުލޫމާތު އެނގިހުރި އެމެރިކާގެ އިންޓެލިޖަންސް އޮފިޝަލަކާ ހަވާލާދީ އެސޯޝިއޭޓް ޕްރެސްއިން ރިޕޯޓު ކޮށްފައި ވެއެވެ.

އެމެރިކާގެ ވޮޝިންގޓަން ޕޯސްޓުންވެސް، ޔޫކުރެއިންއާއި އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓު ކޮށްފައިވާ ގޮތުގައި، ޔޫކުރެއިން ދޫކޮށް ދިއުމަށް ޒެލެންސްކީއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމެރިކާ އޮތީ ތައްޔާރަށެވެ.

ރަޝިއާއިން ޔޫކުރެއިންއަށް ދެމުންދާ އުދުވާންއާއި ދެކޮޅަށް ޒެލެންސްކީ ދައްކަވާފައިވާ ހިތްވަރަށް ސޯޝަލް މީޑިއާގައިވަނީ އޭނާއަށް ގިނަބަޔަކު ތައުރީފް ކޮށްފައެވެ.

ކުރިން، ހެއްވާ މަޖާބައި ކުޅެމުންއައި ފިލްމީ ތަރިއެއް ކަމުގައިވާ ޒެލެންސްކީ މިހާތަނަށް ވިދާޅުވަމުން ގެންދަވާފައިވަނީ، އެންމެ ފަހު ނޭވައާއި ހަމައަށްވެސް ރަޝިއާއާއި ދެކޮޅަށް ހަގުރާމަ ކުރައްވާނެ ކަމަށެވެ.

ކަލޭމެން އަހަރެމެންނަށް ހަމަލާދީފިނަމަ ކަލޭމެންނަށް ފެނިގެންދާނީ އަހަރެމެންގެ މޫނުތައް، އަހަރެމެން ފުރަގަހެއް ނުދޭނަން.

ޒެލެންސްކީ މީގެކުރިން ވިދާޅުވެފައި ވެއެވެ.

ޒެލެންސްކީވަނީ، އޭނާ ގައުމު ދޫކޮށް ފިލާފައި ނުވާކަން ޔަގީން ކޮށްދިނުމުގެ ގޮތުން، މިހަފްތާގެ ހުކުރު ދުވަހު، އަރިސް ބޭފުޅުންނާއެކު ވެރިރަށުގައި ކޮށްފައިވާ ވީޑިއޯއެއްވަނީ ފޭސްބުކުގައި އާންމު ކޮށްފައެވެ.

"އަރެމެން މިތިބީ މިތަނުގައި،" ޒެލެންސްކީ ވިދާޅުވެފައި ވެއެވެ. "އަހަރެމެން ތިބޭނީ މި ގޮތުގައި".

ރަޝިއާ ސިފައިން ޔޫކުރެއިންއަށް އަރާ އެގައުމުގެ ވެރިރަށް ހިފުމަށް ހަމަލާ ދެމުންދާތާ 3 ވަނަ ދުވަހަށް އަލިވިލިފައިވާ ވާއިރު، ރަޝިއާ ސިފައިން މިހާރު ވަނީ އެގައުމުގެ ވެރިރަށް ކީވްގެ ބޯޑަރާއި ހަމައަށް ވާސިލްވެ، ވެރިރަށަށް ހަމަލާ ދޭން ފަށާފައެވެ.

ޔޫކުރެއިންގެ އަސްކަރިއްޔާއިން ބުނުފައިވަނީ، ވެރިރަށް ކީވްގެ ހުޅަނގުން އެ ސިޓީއަށް ވަނުމަށް މަސައްކަތް ކޮށްފައިވާ ޔަޝިއާ ޓޭންކުތަކުގެ ފައުޖަކަށް ހަމަލާދީ ޓޭންކުތައް ގޮއްވާލާފައި ވާކަމަށެވެ. ޔޫކުރެއިންގެ މިލިޓަރީ ލޯ އެންފޯރސްމަންޓް ސާރވިސް އޮފް ޔޫކުރެއިން ބުނެފައިވަނީ ކީވްގެ ބެރެސްޓެއިސްކާ ޑިސްޓްރިކްޓްގައި ހަރަކާތްތެރިވަމުން ދިޔަ "އިސްތިއުމާރީ ބާރުގެ ހަގުރާމަތީ ސާމާނުގެ ގާފިލާއެއް" ހަލާކު ކޮށްލާފައި ވާކަމުގައެވެ.

ރަޝިއާއިން ޔޫކުރެއިންއަށް ހަމަލާދޭން ފެށުމުގެ ކުރިން، އިނގިރޭސިވިލާތުން ވަނީ، ޔޫކުރެއިންގެ އަސްކަރިއްޔާއަށް އެންޓި ޓޭންކް މިސައިލްތައް ސަޕްލައި ކޮށްދީފައެވެ.

ޔޫކުރެއިންގެ ވެރިރަށުން ހަގުރާމައިގެ ހާލަތު ރިޕޯޓު ކުރަމުންދާ ބައިނަލްއަގުވާމި މީޑިއާތަކުން ރިޕޯޓު ކުރަމުންދާ ގޮތުގައި، ރަށުގެ އެތެރެއިން މިހާރުދަނީ ގޮވުމުގެ އަޑުތައް އިވެމުންނެވެ. އަދި ހަމަލާތައް ވެރިރަށަށް އަމާޒު ކުރަމުންދަނީ ސިޓީގެ އިރުދެކުނުން ކަމަށްވެސް ނޫސްވެރިންވަނީ ރިޕޯޓު ކޮށްފައެވެ.

ރަޝިއާ ސިފައިން ޔުކުރެއިންގެ ވެރިރަށް ހިފުމަށް، އެ ސިޓީއަށް ހަމަލާދޭން ފަށާފައިވާއިރު، ކުރިޔަށް އޮތް 4 ދުވަހެއްގެ ތެރޭގައި ޔޫކުރެއިންގެ ވެރިރަށް ރަޝިއާގެ ބާރުގެ ދަށަށް ހިގައިދާނެ ކަމަށް އެމެރިކާގެ އިންޓެލިޖެންސުން ވަނީ ލަފާ ކޮށްފައެވެ.

އެމެރިކާގެ ޖާސޫސީ ފަރާތްތަކާއި ހަވާލާދީ ސީއެންއެންއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ރަޝިއާގެ އަސްކަރިއްޔާއިން މިހާރު މަސައްކަތް ކުރަމުންދަނީ ޔޫކުރެއިންގެ ވެރިރަށް ވަށާލުމަށް ކަމަށާއި، އެހެންނަމަވެސް ކުރިން ހީ ކޮށްފައިވާ ވަރަށްވުރެ ޔޫކުރެއިންގެ ސިފައިންގެ ފަރާތުން ދީފައިވާ ރައްދު ހަމަލާތައް ވަރުގަދަ ކަމަށްވެސް އެމެރިކާގެ ޖާސޫސީ ފަރާތްތަކާ ހަވާލާދީ ސީއެންއެންއިން ރިޕޯޓު ކޮށްފައިވެއެވެ.

އެހެންނަމަވެސް، ރަޝިއާގެ ސިފައިންނާއި، ރަޝިއާގެ އަސްކަރީ ގާބިލްކަމާ އަޅާބަލާއިރު، ޔޫކުރެއިންގެ ސިފައިންގެ އަދަދުގެ މަދުކަމާއި، އަދި ލިބިފައިވާ ހަތިޔާރުގެ ގާބިލްކަމުގެ ކުޑަކަމާއެކު، މިހާރު ދެމުންދާ ރައްދު ހަމަލާތައް އެ މިންވަރުގައި ޔޫކުރެއިންގެ އަސްކަރިއްޔާއަށް ހިފަހައްޓާލެވޭނީ މަދު ދުވަސްކޮޅަކަށް ކަމަށްވެސް އެމެރިކާގެ އިންޓެލިޖެންސުން ލަފާ ކޮށްފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.