ޤާނޫނީ ހުސްކަމެއް އޮތް އޭސީސީއަށް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މަޖިލީހަށް ފޮނުވި ލިސްޓުން ޒަރިޔަންދުގެ ނަން އުނިކޮށް، އިސްކަންދެއްވާ ފަސް ބޭފުޅުންނާއިއެކު ލިސްޓު މަޖިލީހަށް ފޮނުވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ އިއްޔެ ލިސްޓު މަޖިލިހަށް ފޮނުވާފައެވެ. 5 މެންބަރުން ހިމެނިވަޑައިގަންނަވާ އޭސީސީގެ މެންބަރުންގެ އިތުބާރު ނެތްކަމަށް މަޖިލީހުން ވޯޓް ނަގަން ތައްޔާރުވެފައިވަނިކޮށް ހުރިހާ މެންބަރުން ވަނީ އިސްތިއުފާދެއްވާފައެވެ. އަދި އެ ކޮމިޝަން މިހާރު އޮތީ ޤާނޫނީ ހުސްކަމެއްގެ ތެރޭގައެވެ.
އޭސީސީގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްގެން މުއްދަތު ހަމަވިއިރު 30 އަށްވުރެ ގިނަމީހުން ކުރިމަތިލާފައިވާއިރު އޭގެތެރޭގައި، ޓެންޑަރބޯޑުގެ ކުރީގެ ޗެއަރމަން އިސްމާޢީލް ޒަރިޔަންދުވެސް ހިމެނިވަޑައިގަންނަވައެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ ކުރީގެ މެންބަރު އަމްޖަދު މުސްތަފާއާއި، އޭސީސީގައި އިންވެސްޓިގޭޓަރުންގެ ގޮތުގައި މަސައްކަތްކުރެއްވި ބޭފުޅުންވެސް ހިމެނިވަޑައިގަންނަވައެވެ.
އޭސީސީއަށް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުވި ނަންތަކުގެ ތެރޭގައި އިސްކަން ދެއްވި ފަސް ބޭފުޅުނަކީ ދާއިރާގައި ތަޖުރިބާ ހުރި ފަސް ބޭފުޅުންނެވެ.
ރައީސް އިސްކަން ދެއްވި 5 ބޭފުޅުން:
1. ޝާމިލް އާދަމް/ ރަތްވިލާގެ، ތ. ވިލުފުށި
2. އަބްދުއް ސަލާމް/ހަވާ، ށ. ނަރުދޫ
3. ތޯހާ މުހައްމަދު/ ކަޅިހާރުގެ, އދ. މާމިނގިލި
4. ޝަޒްނާ އާދަމް/ރިހިވިލު، ހދ. ނޮޅިވަރަންފަރު
5. ޝިޔާމާ މުހައްމަދު/ ނާރެސް، ރ. ހުޅުދުއްފާރު
ޝާމިލް އަކީ އޭސީސީގައި އިންވެެސްޓިގޭޓަރެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. ދެވަނަ އަށް އޮތް އަބްދުއް ސަލާމަކީ އޭސީސީގެ އިންވެސްޓިގޭޝަން ހެޑްގެ މަގާމުގައި މިހާރުވެސް ހުންނެވި ބޭފުޅެކެވެ. ތޯހާއަކީ ގާނޫނީ ވަކީލެއް އަދި ރައީސް އުފެއްދެވި ފްލެޓް ކޮމިޓީގެ މެންބަރެކެވެ. ލިސްޓްގެ ފަސް ވަނައިގައިވާ ޝިޔާމާ މުހައްމަދަކީ އިލެކްޝަންސް ކޮމިޝަނުގެ ލީގަލް ޑިޕާޓްމަންޓްގެ ހެޑެވެ.
އޭސީސޒީން އެންމެ ފުރަތަމަ އިސްތިއުފާދެއްވި ޢަލީ އަޝްރަފް މިހާރު ވަނީ ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގާ ޓެންޑަރ ބޯޑްގެ ޗެއަރމަނަކަށް އައްޔަންކުރައްވާފައެވެ. އަޝްރަފަކީ މިހާރުގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރުގެ ވަރަށް އަރިސް ބޭފުޅެކެވެ.
ޒަރިޔަންދާއެކު އޭސީސީ މެންބަރުކަމަށް 30އަށް ވުރެ ގިނަ މީހުން ކުރިމަތިލައިފި
އޭސީސީއަށް މެމްބަރުން އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނަންފުޅުތައް ފޮނުވިތާ އެއްދުވަސް ނުވަނީސް ރައީސް ނަޝީދުވަނީ ނުސީދާކޮށް މިނަންތަކާއިމެދު ކަންބޮޑުވެ ވަޑައިގެންފައެވެ. ޚާއްސަކޮށް ލިސްޓުގައި ޒަރިޔަންދު ހިމެނުމަށް ރައީސް ނަޝީދު ވަރަށް ބޮޑަށް މަސައްކަތް ކުރިކަމަށް މައުލޫމާތު ލިބިފައިވެއެވެ. ރައީސް ނަޝީދު ވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތް ނުބެލިއްޖެ ނަމަ ދައުލަތް ފެއިލްވާނެކަމަށް ވިދާޅުވެ މިއަދު ޓުވީޓެއްވެސް ކުރައްވާފައެވެ. މިޓުވީޓަކީވެސް މިކަމުގެ ހިންހަމަ ނުޖެހުންކަމަށް ގިނަ ބަޔަކު ދެކެވެއެވެ.
ކޮމެންޓު ފޮނުވާ