ޖޭއެސްސީގެ ކޮމްޕޮޒިޝަން މިހާރު އޮތީ ސިޔާސީ މީހުން ނުފޫޒް ފޯރާނެގޮތަށްކަމަށް ވިދާޅުވެ ޖޭއެސްސީގެ ކޮމްޕޮޒިޝަން ވީހާވެސް އަވަހަށް ބަދަލުކުރުމަށް ޤާނޫނީ ވަކީލް އަދި ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ގޮވާލައްވައިފިއެވެ.
ފަނޑިޔާރުންގެ ޤާނޫނަށް ހުށައަޅާފައިވާ އިޞްލާހަށް މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ޢަލީ ޙުސައިން ވިދާޅުވީ، މިއީ ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރަންވީ ވަގުތުކަމަށެވެ. އެގޮތުން ކަމާބެހޭ ފަރާތްތަކާއި މަޗްވަރާކޮށް ރައްޔިތުންގެ ޚިޔާލާ އެއްގޮތަށް ޖޭއެސްސީގެ ކޮމްޕޮޒިޝަން ދުރާލާ ވަގުތު އޮއްވާ ބަދަލުކުރުން މުހިންމުކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބަދަލުކޮށްފައި ވާގޮތެއްވެސް ބަލަންޖެހޭކަމަށް ޢަލީ ހުސައިން ވިދާޅުވިއެވެ. އޭނާ ވަނީ ބޭނުން ނުވާގޮތަށް ކަންކަން ވުމުން، އެ ވާހަކަ ދައްކަން ތިބުމުގެ ބަދަލުގައި އެކަން ކުރުމަށް ލިބިފައިވާ ވަގުތު ޖޭއެސްސީއަށް ބަދަލު ގެނައުމަށްވެސް ޢަލީ ހުސައިން ގޮވާލެއްވިއެވެ.
ޖޭއެސްސީގެ އެކުލެވުން ބަދަލު ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. ރިޔާސީ ދައުރު ނިމުމުގެ ކުރިން އެ ކަން ކުރައްވާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
އެކަމަކު މިހާތަނަށް އައި އިރު ވެސް ޖޭއެސްސީގެ އެކުލެވުން އެ އޮތް ގޮތަށް ބާއްވައިގެން ކުރިއަށް ދާތީ އާންމުންގެ ގިނަ ފާޑުކިއުމެއް އެމްޑީޕީއަށާއި ސަރުކާރަށް ދަނީ އަމާޒު ކުރެވެމުންނެވެ. އެމްޑީޕީގެ އިސް ބޭފުޅުން ވިދާޅުވަނީ އެއީ ޖުޑިޝަރީ އިސްލާހު ކުރުމުގެ އެޖެންޑާގެ އެންމެ ފަހަށް އޮތް މަސައްކަތް ކަމުގައެވެ.
ކޮމެންޓު ފޮނުވާ