އިންތިޚާބުން ދައްކުވައިދިނީ ދައުލަތުގެ ސިޔާސަތަކީ އަލާލުއްދީންގެ ވޮއްކޮޅުކަން: ޢަލީ ވަޙީދު

އިންތިޚާބުން ދައްކުވައިދިނީ ދައުލަތުގެ ސިޔާސަތަކީ އަލާލުއްދީންގެ ވޮއްކޮޅުކަން: ޢަލީ ވަޙީދު

Author
މުޙައްމަދު ޖިމީ
06 ފެބްރުއަރީ 2022 10:08
0

ނިމިދިޔަ ކޮމަންޑޫ ދާއިރާގެ އިންތިޚާބުން ދައްކުވައިދިނީ ދައުލަތުގެ ބަޖެޓާއި އިޤްތިޞާދީ ސިޔާސަތަކީ އަލާލުއްދީންގެ ވޮއްކޮޅުކަންކަމަށް މިސަރުކާރުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ.

ޢަލީ ވަޙީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ ތުހުމަތާއެކު މަޤާމުން ވަކިކޮށްފައިވާ ޢަލީ ވަހީދު ގެންދަވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. މިގޮތުން ނިމިދިޔަ ކޮމަންޑޫ ދާއިރަގެ އިންތިޚާބު ސަރުކާރު ހިންގާ އެމްޑީޕީން ކާމިޔާބުކުރުމާއި ގުޅިގެން ފާޑުވިދާޅުވެ ޢަލީ ވަޙީދު ވިދާޅުވީ، ދައުރު މެދުން ރައްޔިތުންނަށް 85 ދާއިރާގެ މެންބަރުންނާއި ރައީސްގެ އިތުބާރުނެތްކަމުގެ ވޯޓު ލެވޭނަމަ، ރަށްރަށުގެ ދެގެ ދޭތެރޭ އެއަރޕޯޓާއި ބްރިޖު އަޅައިދިނީސްކަމަށެވެ. އަދި ސަރުކާރުން ނިމިދިޔަ ބައި އިލެކްޝަނުގައި ދައްކުވައި ދިނީ ދައުލަތުގެ ބަޖެޓާއި އިޤްތިޞާދީ ސިޔާސަތަކީ އަލާލުއްދީންގެ ވޮއްކޮޅުކަންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޢަލީ ވަޙީދު ވިދާޅުވީ، ދިވެހިރާއްޖޭގެ ތާރީޚުގައި ބޭއްވުނު އެންމެ ނާއިންސާފު އަދި ސަރުކާރެއްގެ ހަތަރެސްފައިން ހުތުރުކޮށް އިންތިޚާބަށް ނުރަނގަޅު ނުފޫޒު ފޯރުވި އިންތިޚާބުގައި ސަރުކާރަށް %51 ގެއްލުވާލިކަމަށެވެ.

ޢަލީ ވަޙީދު މިހެން ވިދާޅުވެފައިވާއިރު، ންތިޚާބާއި ދިމާކޮށް ދައުލަތުގެ ބަޖެޓުގެ ބޭރުން ކޮމަންޑޫ ދާއިރާގައި ކުއްލިއަކަށް ގިނަ މަޝްރޫޢުތަކެއް ހިންގީ އިންތިޚާބަށް ނުފޫޒް ފޯރުވުމަށްކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ. ސަރުކާރުން ވަނީ ކުއްލިއަކަށް ކޮމަންޑޫ ދާއިރާގެ ތިން ރަށުގައި ގިނަ މަޝްރޫޢުތަކެއް ފަށްޓަވާފައެވެ. އަދި ސަރުކާރުގެ ކުންފުނިތަކުން ކޮމަންޑޫ ދާއިރާގެ ސަރުކާރުގެ ބައެއް އިދާރާތަކަށް ގިނަ ޢަދަދެއްގެ ތަކެތިވެސް ހަދިޔާކޮށްފައިވެއެވެ.

ކޮމަންޑޫ ދާއިރާގެ ތަރައްޤީއަށް ޕީއެސްއައިޕީ ބަޖެޓްގައި ކަނޑައެޅި ޢަދަދަށްވުރެ އެތައް މިލިއަން ރުފިޔާއެއް އިންތިޚާބާއި ދިމާކޮށް ޚަރަދުކޮށްފައިވާކަން ތަފާސް ހިސާބުތަކުން ދައްކައެވެ.

ކޮމަންޑޫ ދާއިރާއަށް މިއަހަރު 28 މިލިއަން ރުފިޔާ ޕީއެސްއައިޕީ ބަޖެޓްގައި ކަނޑައަޅާފައިވެއެވެ. ނަމަވެސް ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާއި ދިމާކޮށް ކުއްލިއަކަށް ސަރުކާރުން ފެށި ގިނަ މަޝްރޫޢުތަކާއެކު އެ ދާއިރާގެ ތަރައްޤީއަށް މިހާތަނަށް 254 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

ކޮމަންޑޫ ދާއިރާގެ އިންތިޚާބާ ދިމާކޮށް ސަރުކާރުން އެ ދާއިރާގައި ކުއްލިއަކަށް ފެށި ގިނަ މަޝްރޫޢުތަކާއެކު ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވެއެވެ. ސަރުކާރުން އިންތިޚާބާ ދިމާކޮށް ފެށި މަޝްރޫޢުތަކުގެ ތެރޭގައި ކޮމަންޑޫއާއި މަތިކޮމަންޑޫ ބިންހިއްކައިގެން ގުޅުވާލުމުގެ މަޝްރޫޢުއާއި، ކޮމަންޑޫ އައިސްޕްލާންޓް މަޝްރޫޢުއާއި، ކޮމަންޑޫ ކައިރީގައި ތިން ރިސޯޓް ތަރައްޤީކުރުމުގެ މަސައްކަތާއި، ފޯކައިދޫ ޗަކަ ބިން ހިއްކައިގެން ގޯތި ދޫކުރުމުގެ މަޝްރޫޢު ހިމެނެއެވެ. މީގެ އިތުރުން އެއްގަމް ތޮއްޓާއި ބޭރު ތޮށި މަރާމާތުކުރުމުގެ މަސައްކަތާއި ފުޓުބޯޅަ ދަނޑު ތަރައްޤީކުރުންފަދަ މަޝްރޫޢުތައް ހިމެނެއެވެ.

މިއަހަރަށް ބަޖެޓްކޮށްފައި ނެތި، ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު ޚަރަދެއް ކުރާ އެއް މަޝްރޫޢުއަކީ ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫޢުއެވެ.

މަތިކޮމަންޑޫއިން 16.7 ހެކްޓަރުގެ ބިން ހިއްކުމުގެ އިތުރުން، މަޝްރޫޢުގައި ދެން ހިމެނެނީ، ކޮމަންޑޫގައި 1690 މީޓަރުގެ ޝޯރ ޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތް ކުރުމާއި، މަތިކޮމަންޑޫގައި 1520 މީޓަރުގެ ބޮޑުހިލައިގެ ތޮށިލުމާއި ޖުމުލަ 353 މީޓަރުގެ ބޮޑުހިލައިގެ ފައިކަށި އަދި 112 މީޓަރުގެ ޖީއޯބޭގް ތޮށި މަތިކޮމަންޑޫގައި ޤާއިމްކުރުމުގެ މަސައްކަތެވެ.

ބިންހިއްކުމަށްފަހު ކޮމަންޑުއާއި މަތިކޮމަންޑޫ ގުޅާލުމަށް ހަމަޖެހިފައިވަނީ 200 މީޓަރުގެ ދިގުމިނުގެ ލިންކަކުންނެވެ. މި މަޝްރޫޢުއަށް ދައުލަތުގެ ބަޖެޓުން 249 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރާނެއެވެ.

އިންތިޚާބާ ދިމާކޮށް ފެށި މަޝްރޫޢުތަކާއި ގުޅޭގޮތުން ރައީސް ވަނީ މިއީ އިންތިޚާބަށް ނުފޫޒް ފޯރުވުންކަމަށް ބުނިނަމަވެސް މިއީ މިވަގުތު ކުރިއަށްގެންދަން ކޮންމެހެންޖެހޭ މަސައްކަތެއްކަމަށެވެ. އެ މަޝްރޫޢު ނުހުއްޓޭނެކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.