ބޭއިންސާފާ އަނިޔާވެރިކަމުގެ މައްޗަށް ކުރި ލިބޭނެ: އަލީ ވަހީދު

ބޭއިންސާފާ އަނިޔާވެރިކަމުގެ މައްޗަށް ކުރި ލިބޭނެ: އަލީ ވަހީދު

Author
މުޙައްމަދު ޝަޒައިމް
02 ފެބްރުއަރީ 2022 08:00
0

ބޭއިންސާފާ އަނިޔާވެރިކަމުގެ މައްޗަށް ކުރި ލިބޭނެ ކަމުގައި ކުރީގެ ޓުވަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އޭނާ މިފަދައިން ވިދާޅުވީ ޖިންސީ ކުށުގެ ދައުވާތަކެއް ލިބޭ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖޭން ބޭރަށް ފޮނުވާލުމުގައި ޖާމިނުވި އައްސަދު އަލީ 15 ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ކުރި ހުކުމާއިއެކު އޭނާ މަޤާމުން ވަކިކުރުމާއި ގުޅިގެން ކުރެއްވި ޓުވީޓުގައެވެ.

އަލީ ވަހީދު ވިދާޅުވީ، އިންސާފާ ހަޤީޤަތް ކިތަންމެ ދުވަހުން ވިޔަސް ހީލަތާ ދޮގާ މަކަރާ ބޭއިންސާފާ އަނިޔާވެރިކަމުގެ މައްޗަށް ކުރި ހޯދާނެކަމަށެވެ.

މިއަދު އިއްޔެއަކަށްވެ މާދަމާ މިއަދަކަށް ވާނެކަމީ ޔަޤީންކަމެކެވެ. އިރާދަފުޅުން އިންސާފާ ހަޤީޤަތް ކިތަންމެ ދުވަހުން ވިޔަސް ހީލަތާ ދޮގާ މަކަރާ ބޭއިންސާފާ އަނިޔާވެރިކަމުގެ މައްޗަށް ކުރި ހޯދާނެއެވެ.

– އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދުގެ ބަދަލުގައި ކޯޓުގައި ޖާމިނުވެ އަސްހަދު އެއްބަސްވެފައި ވަނީ އަލީ ވަހީދު ބޭސްފަރުވާއަށް ފުރާތާ ހަތަރު މަސް ތެރޭ އޭނާ އަނބުރާ ރާއްޖެއަށް ގެނައުމަށެވެ. ޖަލަށް ލާން ހުކުމްކުރީ އެ މުއްދަތުގައި އޭނާ ގެނެވިފައި ނުވާތީއެވެ. އަސްހަދު ހުކުމް ކުރުމަށް މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހަށް އޭނާ ހާޒިރުވެފައި ނުވެއެވެ. އެހެންކަމަށް ވުމުން ހުކުމްކޮށްފައިވަނީ އަސްހަދު އައިރު ހާޒިރުގައެވެ.

މީހަކު ޖާމިނު ކޮށްފައި ދޫކުރާ އިރު ކޯޓުން ކުރާ ޝަރުތުތަކާ ހިލާފުވެއްޖެ ނަމަ ޖާމިނުވި މީހާއާ ދެކޮޅަށް އެޅޭ ފިޔަވަޅުތަކަކީ އެއް އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުން ނުވަތަ ގިނަވެގެން ދެ އަހަރަށް ގޭގައި ބަންދު ކުރުން ނުވަތަ 15،000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމެވެ. އަސްހަދު އަށް 15 ދުވަހުގެ ޖަލު ހުކުމެއް އަޔަސް ދައުލަތުން އެދުނީ އެއް އަހަރަށް ޖަލަށް ލުމަށެވެ.

އަލީ ވަހީދު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރީ އޭނާގެ މައްޗަށް ތުހުމަތުކުރެވުނު ޖިންސީ ގޯނާގެ މައްސަލައިގެ ޝަރީއަތަށް ކޯޓުގައި ފަށައިފައިވަނިކޮށެވެ. ބޭސް ފަރުވާއަށް އަލީ ވަހީދު ފުރަން ކޯޓުން އޭނާގެ ޕާސްޕޯޓް ދޫކޮށްލީ އަސްހަދު އަލީ ޖާމިނުވުމުންނެވެ. އަސްހަދު ޖާމިނުވެފައިވަނީ ހަތަރު މަސްދުވަހުގެ ތެރޭގައި އަލީ ވަހީދު ރާއްޖެ ނައިސްފިނަމަ ޒިންމާ އަސްހަދު ނަގާ ގޮތަށެވެ. އެހެންނަމަވެސް މިދިޔަ ފެބްރުއަރީ މަހު ރާއްޖެއިން ބޭރަށް ދިޔަ ގޮތަށް އަލީ ވަހީދު ދިރިއުޅެމުން އަންނަނީ އިނގިރޭސިވިލާތުގައެވެ. މިހާތަނަށް ވެސް އޭނާ އެނބުރި ވަޑައިގެންފައި ނުވާއިރު، އަލީ ވަހީދުގެ މައްޗަށް ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އެބައޮތެވެ.

އަސްހަދަށް ކުރި ހުކުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ ހުކުމްކުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އޭނާ މަޤާމުން ކުރައްވާފައެވެ.

މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެފަދަ އަޚްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިންގާފައި ވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމާއި ގުޅިގެން ވަޒީރުކަމުން އިސްތިއުފާދެއްވުމަށް ޢަލީ ވަޙީދު އެންގެވިއެވެ. އެހެންނަމަވެސް ޢަލީ ވަޙީދު މަޤާމުން އިސްތިއުފާނުދެއްވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޓްއަރިޒަމް މިނިސްޓްރީގެ ވަޒީރުކަމުން 2019 ވަނަ އަހަރުގެ ޖުލައި މަހުގެ 9 ވަނަދުވަހު އޭނާ ވަކިކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އިބްނި ޔޫސުފް
އަންހެނުން ތަކަކާއި ތިމާ ބެހިފައި އަނިޔާވެރިވާކަމަށް މިވަނީ އެމީހުންނަށް އިންސާފު ހޯދައިދޭން އުޅޭފަރާތްތަކެވެ. އިންސާފު ހޯދަން އުޅޭމީހާ މިހުންނަނީ ފިލައިގެންގޮސް އަތުނުޖެހޭ ހިސާބުގައެވެ. އިންސާފު ހޯދަން ނިކަން އައިސްބަލާށެވެ. ތިމާ ބެހުނު މީހުންނާ ޝަރީއަތުގައި ކުރިމަތިލާބަލާށެވެ.