ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ކޯވިޑަށް ޕޮޒިޓިވްވެފައިވާ މީހުން ވޯޓުލާން އެއްގަޑިއިރު

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ކޯވިޑަށް ޕޮޒިޓިވްވެފައިވާ މީހުން ވޯޓުލާން އެއްގަޑިއިރު

އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ކޯވިޑަށް ޕޮޒިޓިވްވެފައިވާ މީހުން ވޯޓުލާން އެއްގަޑިއިރު ކަނޑައަޅައިފިއެވެ.

އިލެކްޝަން ކޮމިޝަނުން ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާއި، އަންހެނުންގެ ކޮމެޓީތަކުގެ ދެ އިންތިޚާބުގައި ވޯޓުލުން ކުރިއަށްދާ ރަށްތަކުގައި ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހުންނާއި ކަރަންޓީނުގައި ތިބޭ މީހުން ވޯޓުލުމަށް ކަނޑައަޅާފައިވާ ވަގުތު ހާމަކުރައްވާފައެވެ.

އިލެކްޝަނުން ބުނެފައިވަނީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާއި، ތ. ވިލުފުށި އަދި ގއ. ގެމަނަފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ މީހުންގެ ތެރެއިން ކޮވިޑް-19އަށް ޕޮޒިޓިވް ވެފައިވާ މީހުންނާއި ކަރަންޓީނުގައި ތިބޭ މީހުން ވޯޓުލުމަށް ކަނޑައެޅިފައިވަނީ ހޮނިހިރު ދުވަހުގެ 15:00 އިން 16:00 އަށް ކަމުގައެވެ.

މިފަދަ މީހުން ވޯޓުލާ މަރުކަޒަށް ވޯޓުލުމަށް ވަޑައިގަންނަވާއިރު ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅުއްވައިގެން ވަޑައިގެންދެއްވުމަށް އިލެކްޝަނުން ވަނީ އެދިފައެވެ.

ކޮމަންޑޫ ދާއިރާގެ ވޯޓު ލިބުމުގެ ހައްގު ލިބިގެންވާ މީހުންގެ ފައިނަލް ލިސްޓާއެކު، ވޯޓު ލެވޭނެ ފޮށިތައް އެނގޭނެހެން އާންމުކުރި ލިސްޓުގައި މާލެ ސަރަހައްދުގައި އިތުރު ވޯޓު ފޮއްޓެއް ބެހެއްޓުމަށް އިލެކްޝަނުން ވަނީ ނިންމާފައެވެ. މާލެ ސަރަހައްދަށް ފޮއްޓެއް އިތުރުވެފައިވަނީ ރީ-ރަޖިސްޓްރީ ވުމަށް ހުޅުވާލި ފުރުސަތުގައި ރަޖިސްޓްރީ ކުރި މީހުންގެ ނިސްބަތަށް ބެލުމަށް ފަހުއެވެ. މިއިންތިޚާބުގައި ޖުމްލަ 7 ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

ކޮމަންޑުއާއި ފޯކައިދޫ އަދި މަރޮށި ހިމެނޭ މި ދާއިރާގައި 3،309 މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބިގެންވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *