މޫނުބުރުގާ އަޅާ ޓީޗަަރުންނަށް ހުރަސް ނޭޅުމަށް، އަދާލަތުން އެދިއްޖެ

މޫނުބުރުގާ އަޅާ ޓީޗަަރުންނަށް ހުރަސް ނޭޅުމަށް، އަދާލަތުން އެދިއްޖެ

މޫނު ބުރުގާ އަޅާ ޓީޗަރުންނަށް ސްކޫލްތަކުގައި މަސައްކަތް ކުރަން ހުރަސް ނާޅަން އަދާލަތު ޕާޓީން އެޑިއުކޭޝަން މިނިސްޓްރީގައި އެދެފިއެވެ.

އެޕާޓީން މިގޮތަށް އެދިފައިވަނީ ރާއްޖޭގެ ބައެއް ސްކޫލުތަކުގައި މަސައްކަތް ކުރާ މޫނުބުރުގާ އެޅި ޓީޗަރުން، މޫނު ބުރުގާ ނެގުމަށް އަންގަމުންދާތީ އެކަމުގެ ކަންބޮޑުވުން އަދާލަތު ޕާޓީއަށް ނިސްބަތްވާ ބައެއް ދީނީ އިލްމުވެރިންވެސް ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

އަދާލަތު ޕާޓީން އެޑިއުކޭޝަން މިނިސްޓްރީއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ތުނބުޅި ބެހެއްޓުމާއި މޫނު ބުރުގާ އެޅުން ފަދަ ކަންކަމާ ގުޅޭގޮތުން ކުރާ ތަފާތު ކުރުންތައް ނައްތާލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެއް ކަން ފާހަގަކޮށް، އެ ސިޓީގައިވަނީ މޫނު ބުރުގާ އަޅާ ޓީޗަރުންނަށް ސްކޫލްތަކުގައި މަސައްކަތް ކުރަން ހުރަސް އެޅޭ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ގެންގުޅޭ ސިޔާސަތު މުރާޖަކޮށްދޭން އެދޭ ކަމަށެވެ. އަދި އެކަމުގައި އެޑިއުކޭޝަން މިނިސްޓްރީން ނިންމާ ގޮތެއް އެ ޕާޓީއަށް އަންގަން އެދޭ ކަމަށް ވެސް އެ ސިޓީގައިވެއެވެ.

އަދާލަތުގެ ސިޓީގައި ބުނެފައިވަނީ ހެދުން އަޅަންޖެހޭނީ އިސްލާމީ މިންގަނޑުގެ ތެރެއިން ކަމަށެވެ. އެހެންކަމުން މޫނު ބުރުގާ އަޅައިގެން ތިބޭ ޓީޗަރުންނަށް ވެސް ހިދުމަތް ކުރުމަށް ފުރުސަތު އޮންނަން ވާނެ ކަމަށެވެ. ސޓީގައި ވަނީ މީހަކު މޫނު ބުރުގާ އެޅުމަކީ އެމީހެއްގެ ގާބިލް ކަމަށް އަސަރު ކުރާނެ ކަމެއް ނޫން ކަމަށްވެސް ފާހަގަކުރައްވާފައެވެ.

މޫނު ބުރުގާ އެޅި ޓީޗަރުންގެ މޫނު ތުއްތު ކުދިންނަށް ފެންނަން ޖެހޭ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނާނަމަ އެފަދަ މާހައުލެއް ގާއިމުކުރުމަކީ މިނިސްޓްރީގެ މަސްއޫލިއްޔަތެއް ކަމަށް ސިޓީގައި ބުނެފައިވެއެވެ. މިނިސްޓްރީ އަށް އެކަން ނުވުމަކީ މޫނު ބުރުގާ އަޅާ ޓީޗަރުންގެ ހައްގު ގެއްލެންޖެހޭ ކަމެއް ނޫން ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

ރާއްޖޭގެ ބައެއް ސްކޫލުތަކުގައި ހަރަކާތްތެރިވާ މޫނުބުރުގާ އެޅި ޓީޗަރުންނަށް މޫނު ބުރުގާ ނެގުމަށް މީގެ ކުރިންވެސް ވަނީ އެކި އެންގުންތައް އަންގާފައެވެ. އަދި ބައެއް ޓީޗަރުންނަށް ވަނީ މޫނު ބުރުގާ ނުނަގައިފިނަމަ ވަޒީފާއިން ވަކިކުރާނެ ކަމުގެ އިންޒާރުވެސް ދީހަދާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *