ރޭޕްގެ ކުށް ސާބިތުވެ އާޓިސްޓަކު 15 އަހަރަށް ޖަލަށް

ރޭޕްގެ ކުށް ސާބިތުވެ އާޓިސްޓަކު 15 އަހަރަށް ޖަލަށް

Author
ޢަލީ އާދަމް
05 ނޮވެމްބަރ 2020 08:14
0

ސްޓޫޑިއޯއެއްގެ ތެރޭ އަންހެނަކު ރޭޕްކުރި މައްސަލައެއް ސާބިތުވެ، ކުރެހުންތެރިޔާ ގދ. ތިނަދޫ، ހުޅަނގުގެ ހަސަން ފާއިޒު (ޖޭސަން) 15 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މީނާ އަކީ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކުގެ ކޮއްކޮއެކެވެ.

މިއީ މައްސަލައިގެ ތަހުގީގު ނިންމާ، 2018 ޖެނުއަރީގައި ދައުވާ ކުރަން ޕީޖީ އޮފީހަށް ފުލުހުން ފޮނުވާފައިވާ މައްސަލައެކެވެ. އަދި ޕީޖީ އޮފީހުން ވަނީ އެ މައްސަލައިގައި ދައުވާކޮށް، އެ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ. މި މައްސަލާގައި ރޭޕްގެ ޝިކާރަކަށްވި އުމުރުން 19 އަހަރުގެ އަންހެން މީހާއަކީ ވެސް ކުރެހުންތެރިއެކެވެ.

އެ މައްސަލައިގައި ރޭޕްގެ ޝިކާރައަކަށްވި އަންހެން މީހާ ސްޓޫޑިއޯއަށް ގޮސްފައިވަނީ އާޓް ޕްރޮޖެކްޓެއްގެ މަސައްކަތަށެވެ. އަދި ރޭޕްގެ މައްސަލަ ސިއްރުކުރުމަށް ޖޭސަން 16،000 ރުފިޔާ ހުށަހެޅި ކަމަށް ވެސް އެ އަންހެން މީހާ ބުނެފައިވެއެވެ. އަދި އެ ފައިސާގައި ނުހިފާ ފުލުހުންނަށް މައްސަލަ ހުށައެޅިޔަސް ކާމިޔާބެއް ނުވާނެ ކަމަށް ބުނެ ބިރު ދެއްކި ކަމަށް ވެސް އެ އަންހެން ކުއްޖާ މީޑިއާތަކަށް ކިޔައިދީފައިވެއެވެ.

މި މައްސަލަ ފެންމަތިވުމުން ގިނަ ބަޔަކު ވަނީ އެކަމާދެކޮޅަށް އަޑުއުފުލާފައެވެ. އަދި އެދުވަސްކޮޅު ނިހާން ވަނީ، މިކަމަކީ ކޮންމެ މީހަކު ބައިވެރިވި ކަމެއް ނަމަވެސް، އެ މީހަކަށް އަދަބު ދިނުމަށް ގޮވާލައްވާ ޓްވީޓެއްވެސް ކުރައްވާފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.