އަދާލަތު ޕާޓީން މީގެކުރިން ޤަބޫލުކުރަމުންދިޔަ އަސާސްތައް ދޫކޮށް، ޖާހާއި، މަޤާމަށްޓަކައި، އުސޫލުތައް ދޫކޮށް ނުލުމަށް އަދާލަތު ޕާޓީ އުފެއްދުމުގައިވެސް އިސްދައުރެއް އަދާކުރެއްވި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.ޝަހީމް އަދާލަތު ޕާޓީއަށް އިލްތިމާސް ކުރައްވައިފިއެވެ.
ޑރ.ޝަހީމް މިފަދައިން ވިދާޅުވީ ރާއްޖޭގައިތިވި އިންޑިއާގެ އަސްކަރީ ސިފައިން ބޭލުމަށް ރާއްޖޭގެ ގިނަ އަދަދަދެއްގެ ރައްޔިތުން ހިމެނޭހެން، އިދިކޮޅު ކޯލިޝަނުން ފަށަފައިވާ މަސައްކަތް ހުއްޓުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ފާޑު ވިދާޅުވަމުންނެވެ. އަދި މިމަސައްކަތުގައި އެންމެ އިސްދައުރެއް އަދާލަތު ޕާޓީގެ އިސްބޭފުޅުން ކުރަމުންދާތީ ޑރ.ޝަހީމްގެ ފާޑުކިޔުންވަނީ އެބޭފުޅުންނަށް އަމާޒުވެފައެވެ.
ޑރ.ޝަހީމް ވިދާޅުވީ އަދާލަތު ޕާޓީން މީގެކުރިން ޤަބޫލުކުރަމުންދިޔަ ސިޔާސަތުތަކާއި، އުސޫލުތައް ކުއްލިއަކަށް ދޫކޮށް، ޖާހާ، މަޤާމާއި، ލައްޒަތަށްޓަކައި މަސައްކަތް ކުރާތަން ފެންނަ ކަމަށެވެ. މީގެ ކުރިން ރާއްޖޭގައި އިންޑިއާގެ ޖީއެމްއާރު އެއާޕޯޓްގެ މަސައްކަތް ފެށިހިސާބުން އަދާލަތު ޕާޓީގެ ވެރިން ކުރެއްވި މަސައްކަތާއި، ޖީއެމްއާރު ބޭރުކުރުމަށް ކުރެއްވި މަސައްކަތަކީ ކޮން ނިޔަތެއްގައި ކުރެއްވި މަސައްކަތެއްތޯ މިއަދު ސުވާލު އުފެދޭކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ.
އެހެންވީމާ އަދާލަތު ޕާޓީން ޖީއެމްއާރު ބޭރުކުރަން ބޮލުގައި ފޮތި ބަނދެގެން އެއްގަމާއި، ކަނޑުގައި މުޒާހަރާ ކުރީ އެތަން ތަރައްޤީވެދާނެތީތޯ! މާތް ﷲއަށް ބިރުވެތިވާށެވެ. ޖާހާއި މަންސިބަތަށްޓަކައި، ތިމާމެންގެ އުސޫލުތައް ވިއްކާނުލާށެވެ.
– ޝައިޚު ޝަހީމް ވިދާޅުވިއެވެ.
އަދާލަތު ޕާޓީއާއި އެޕާޓީގެ އިސްބޭފުޅުންކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެމްޑީޕީގެ ވެރިކަމުގައި ވެލާނާ އިންޓަރޭޝަނަލް އެއާޕޯޓްގެ ހިންގުން ޖީއެމްއާރަށް ދިނުމުން އެކަމާއި ދެކޮޅަށް އެންމެ ފުރަތަމަ ތެދުވި އެއް ޕާޓީއެވެ. އަދާލަތު ޕާޓީގެ ރައީސް ޝައިޚު އިމްރާނާއި، އެޕާޓީގެ އިސްބޭފުޅުން ވަނީ އޭރުގެ މުޒާހަރާތަކުގައި އެތައް ގަނޑިއިރެއް ވަންދެން އަޑުގަދަކޮށް، ޖީއެމްއާރު ބޭލުމަށް ގޮވާލާފައެވެ.
ޖީއެމްއާރު ބޭލުމަށް އެވަރަށް މަސައްކަތް ކުރި ޕާޓީއަކުން މިއަދު ރާއްޖޭގައި އެތައްބައިވަރު އިންޑިއާގެ ސިފައިން ތިބެގެން އެކަމާއި ކަންބޮޑުނުވާތީ އެދުވަހު އެދަލާތު ޕާޓީން ކުރި މަަސައްކަތާއިމެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
ކޮމެންޓު ފޮނުވާ