އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުން މިއަހަރު ނިމުމުގެ ކުރިން ވަކިކުރުމަށްޓަކައި، ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް މަަސައްކަތް ފަށައިފިއެވެ.
މައުލޫމާތުމާތު ލިބިފައިވާ ގޮތުގައި ޖަލްސާ ބޭއްވުމަށްޓަކައި މިހާރު ދަނީ މަޝްވަރާ ކުރެވެމުންނެވެ. ޖަލްސާ ބޭއްވުމަށް އިސްކޮށް މަސައްކަތް ކުރަމުންދަނީ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުންކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
އޭސީސީގެ މެމްބަރުން ވަކި ކުރުމަށް ފާސްކޮށްފައިވަނީ އޭސީސީން މައްސަލަތައް ބެލުމުގައި ލަސްކަމުގެ ފާޑުކިއުންތަކާއެކު ތަކުރާރުކޮށް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ހާޒިރުކޮށް ޕާފޯމަންސް އޮޑިޓެއް ހެދުމަށް ފަހުއެވެ. ކޮމިޓީން ވަނީ މިއަދު އޮޓިޓަރ ޖެނެރަލްއާއިއެކުވެސް ބައްދަލުކޮށް އޮޑިޓްގެ މަސައްކަތް ކުރިއަށް ދިޔަގޮތުގެ ތަފްސީލް ދެއްވާފައެވެ. ނަމަވެސް މިބައްދަލުވުން ވަނީ ސިއްރުކޮށްފައެވެ.
އޭސީސީގެ މިހާރު ތިއްބެވި މެމްބަރުން ވަކި ކުރުމުގެ މަސައްކަތް ކުރިއަށްދާނީ މަޖިލީހުގެ ތަޅުމަށް ކޮންމެ ނަމެއް ވަކިވަކިން ހުށަހެޅުމަށްފަހު، ވަކިކުރަން ފާސްކުރާ ނަންތަން ކޮމިޓީއަށް ފޮނުވުމުން އެބޭފުޅުންގެ ތަހުގީގީ މަރުހަލާ ހިންގައިގެންނެވެ. މަޖިލީހުން ޖަލްސާތައް މިއަހަރަށް ނިންމާލާފައިވުމުން މިމަސައްކަތް ދެން ކުރިއަށްގެންދެވޭނީ އަންނަ އަހަރުގެ މަޖިލިސްގެ ދައުރު ފެށުމަށްފަހުއެވެ.
އޭސީސީގެ 5 މެމްބަރުންގެ ތެރެއިން ކޮމިޝަންގެ މެމްބަރު އަލީ އަޝްރަފް ވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ. ކޮމިޝަންގައި މިވަގުތު ތިބި މެމްބަރުންނަކީ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ، ނައިބް ރައީސް ފާތުމަތު އަނޫލާ އަދި މެމްބަރު އިބްރާހިމް ޝަކީލްގެ އިތުރުން ޢާއިޝަތު ޢަބްދުﷲއެވެ.
ކޮމެންޓު ފޮނުވާ