މާލޭގެ ހުޅަނގުދެކުނު ހާބަރު ސަރަހައްދު އިތުރަށް ތަރައްގީކުރުމުގެ މަސައްކަތް ފެށުމަށްޓަކައި، އެ ސަރަހައްދުގައި ހިންގަމުން އަންނަ ފުޑްކޯޓު ޔުނިޓުތައް ހުސްކުރުމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އަންގައިފިއެވެ.
ޔުނިޓުތައް ހިންގާ ފަރާތްތަކަށް އެސްޓީއޯއިން ފޮނުވި ނޯޓިހުގައި ބުނެފައިވަނީ، 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ވެފައިވާ ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގެ 14 ވަނަ މާއްދާގެ (ހ) ގެ ދަށުން، ނޯޓިސް ލިބޭތާ 90 ދުވަހުގެ ތެރޭގައި ޔުނިޓުތައް ހުސްކޮށް އެ ކުންފުންޏާ ހަވާލުކުރަންޖެހޭ ކަމަށެވެ. ޔުނިޓުތައް ހަވާލުކުރުމުން އެއްބަސްވުން ނިމުމަކަށް އަންނާނެ ކަމަށްވެސް ބުނެފައިވެއެވެ.
އެއްބަސްވުމުގެ މުއްދަތުގައި ދައްކަންޖެހޭ ކުއްޔާއި މެއިންޓަނަންސް ފީގެ ތަފްސީލާއި، އެ ފައިސާ ދައްކާނެ ތާވަލު ނޯޓިހުގެ މުއްދަތު ހަމަވުމުގެ ކުރިން ފޮނުވާނެ ކަމަށްވެސް އެސްޓީއޯއިން މައުލޫމާތުދެއެވެ.
ދިވެހި އަދި ބޭރުގެ ތަފާތު ކާނާގެ ބާވަތްތަކާއި ފާސްޓް ފުޑް ލިބެން ހުންނަ މި ސަރަހައްދު ތަރައްގީކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީގެ މާސްޓަ ޕްލޭނުގެ ދަށުން އެސްޓީއޯއާ ހަވާލުކުރީ 2016 ވަނަ އަހަރުއެވެ. ޖުމުލަ 32 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ތަރައްގީކުރި މި ސަރަހައްދު ރަސްމީކޮށް ހުޅުވީ 23 ޖުލައި 2018 ގައެވެ.
ކޮމެންޓު ފޮނުވާ