ގުރައިދޫގައި ބަންގްލަދޭޝް މީހަކު މަރާލި މައްސަލައިގައި ބަބުލް މިއާ އުމުރަށް ޖަލަށް

ގުރައިދޫގައި ބަންގްލަދޭޝް މީހަކު މަރާލި މައްސަލައިގައި ބަބުލް މިއާ އުމުރަށް ޖަލަށް

Author
އަހުމަދު
18 ސެޕްޓެމްބަރ 2026 08:30
0

ތ. ގުރައިދޫގައި 2020 ވަނަ އަހަރު ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝާހް އަލަމް މިއާ ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލައިގައި، ހަމަ އެ ޤައުމުގެ ރައްޔިތެއް ކަމަށްވާ ބަބުލް މިއާ އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.

ޖަލު ހުކުމުގެ އިތުރުން، މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދެއްކުމަށާއި، ކައްފާރާގެ ގޮތުގައި ޖެހިޖެހިގެން ދެ މަސް ދުވަހު ރޯދަ ހިފުމަށް ވެސް ބަބުލް މިއާގެ މައްޗަށް ވަނީ ހުކުމްކޮށްފައެވެ. ނަމަވެސް ތަޙުޤީޤާއި ޝަރީޢަތުގެ މަރުޙަލާގައި އޭނާ ބަންދުގައި ހޭދަކުރި މުއްދަތު ޖަލު ހުކުމުން އުނިކުރެވޭނެއެވެ.

ދައުލަތުން ބަބުލް މިއާގެ މައްޗަށް ކުރީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއެވެ. އެ ކުށް ސާބިތުވުމުން މަރުވި ފަރާތުގެ ވާރިސުންގެ ބަސް ހޯދިއިރު، ވާރިސުން އެދިފައިވަނީ މަރުގެ އަދަބުގެ ބަދަލުގައި މަރުގެ ދިޔަ ނެގުމަށެވެ.

ޝާހް އަލަމް މިއާ މަރާލާފައި އޮއްވައި ފެނުނީ ގުރައިދޫގެ ސިނާއީ ސަރަހައްދުގައި އޭނާ ދިރިއުޅެމުން ދިޔަ ގެއާ ކައިރިންނެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ އެ ދެ މީހުންގެ ދެމެދުގައި ޖެހުނު ހަމަނުޖެހުމެއްގެ ތެރެއިންނެވެ. ހާދިސާ ހިނގިތާ ހަ އަހަރު ފަހުން މި މައްސަލައިގެ ނިޔާ ކަނޑައެޅިގެން މި ދިޔައީ އިއްޔެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.