އދ. ގެ 81 ވަނަ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިޔާނާއި ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ހިމެނިވަޑައިގަންނަވާ ވަފުދަށް، އެ ދެ ގައުމުގެ ދެމެދުގައި ހަތް މަސް ވަންދެން ހަނގުރާމަ ކުރެވެމުންދާ ދަނޑިވަޅުގައި ވެސް، އެމެރިކާއިން ވިސާ ދޫކޮށްފި އެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނީ، އދ. ގެ މެހެމާންދާރީ އަދާކުރާ ގައުމެއްގެ ހައިސިއްޔަތުން މި ފަހަރު ވެސް އީރާނުގެ ވަފުދަށް ވިސާ ދޫކުރި ނަމަވެސް، މިއީ ކުރީ ފަހަރުތަކަށް ވުރެ މާ ކުޑަ ވަފުދެއް ކަމަށެވެ. އަދި ވަފުދުގެ ބޭފުޅުންގެ ދަތުރުފަތުރުކުރުމާއި، އަގުބޮޑު މުދާ ބައްލަވައިގަތުމުގައި ހަރުކަށި ފިޔަވަޅުތަކާއި ލިމިޓްތަކެއް ކަނޑައަޅާފައިވާ ކަމަށް ވެސް އެ ޑިޕާޓްމަންޓުން ބުންޏެވެ.
ދުނިޔޭގެ ކަނޑުމަގުން ކުރާ ހަކަތައިގެ ވިޔަފާރީގެ 20 އިންސައްތަ ހިއްސާކުރާ ހޯރމޫޒް ކަނޑުއޮޅި ބަންދުވުމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް އުފުލިފައިވާއިރު، ކަނޑުއޮޅި އަލުން ހުޅުވުމާ ބެހޭގޮތުން ވެސް، އަދި ހަނގުރާމަ ހުއްޓާލުމާ ބެހޭގޮތުން ވެސް، ދެ ގައުމުގެ ދެމެދުގައި މަޝްވަރާތައް ފެށޭނެ ކަމުގެ އެއްވެސް ނިޝާނެއް އަދި ނުފެނެ އެވެ. ދާދި ފަހުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވަނީ ހަނގުރާމަ ނިމުމަކާ ގާތްވެފައިވާ ކަމަށާއި، ތެހެރާނުގެ އިސް އޮފިޝަލުންނާ އެކު ސީދާ މަޝްވަރާތައް ކުރައްވާފައިވާ ކަމަށެވެ. ނަމަވެސް އީރާނުން ވަނީ އެ ވާހަކަ ދޮގު ކޮށްފަ އެވެ.
އީރާނުގެ ވަފުދަށް ވިސާ ދިން ނަމަވެސް، ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އާއި ޕަލަސްތީނިއަން އޮތޯރިޓީ އަދި ޕީއެލްއޯގެ ގިނަ އޮފިޝަލުންނަށް، ޖެހިޖެހިގެން ދެވަނަ އަހަރު ވެސް އެމެރިކާއިން ވިސާ ދޭން ވަނީ ދެކޮޅު ހަދާފަ އެވެ. މިކަމުގެ ސަބަބުން މިއަހަރު ވެސް ފަލަސްތީނު ތަމްސީލުކުރައްވާނީ މިހާރު ވެސް އދ. ގައި ތިއްބަވާ ފަލަސްތީނުގެ ޑިޕްލޮމެޓުންނެވެ. ސްޓޭޓް ޑިޕާޓްމަންޓުން ބުނި ގޮތުގައި ފަލަސްތީނުގެ އޮފިޝަލުންނަށް ވިސާ ނުދިނީ، ވެފައިވާ ވައުދުތަކާ ހިލާފަށް، ސުލްހައަށް ހުރަސްއެޅޭ ފަދަ އަމަލުތައް އެ ފަރާތްތަކުން ހިންގަމުންދާތީ އެވެ.
މި ފިޔަވަޅުތަކާ ދެކޮޅަށް ފަލަސްތީނުގެ ޚާރިޖީ ވުޒާރާއިން ބުނެފައި ވަނީ، މިފަދަ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ސުލްހައަށް ކުރިއެރުމެއް ނުލިބޭނެ ކަމަށާއި، އޭގެ ބަދަލުގައި ފަލަސްތީނުގެ ބިންތައް ފޭރިގަތުމަށާއި އިސްތިއުމާރީ ބާރުތަކަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށެވެ.
ކޮމެންޓު ފޮނުވާ