ދައުލަތުގެ ހުރިހާ މުވައްޒަފުންނަށްވެސް ގެއަށް ގެންދަން ލިބޭ މުސާރަ ކުރިއަށްވުރެ ބޮޑުކޮށްދިނުމަކީ ސަރުކާރުގެ އަމާޒު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
"ރައްޔިތުންގެ އަޑު" ޕްރޮގްރާމުގެ ހަވަނަ އެޕިސޯޑުގައި ސިއްހީ ދާއިރާގެ މުވައްޒަފަކު ވަނީ، އަލަށް އަމަލުކުރަން ފެށި ޕޭ ފްރޭމްވޯކުގެ ތެރެއަށް ބައެއް މުވައްޒަފުން ނުފެތޭތީ ހުރި ކަންބޮޑުވުންތައް ރައީސާ ހިއްސާކުރައްވާފައެވެ. އެކަމަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، ޕޭ ފްރޭމްވޯކުގެ ސަބަބުން އެއްވެސް މުވައްޒަފެއްގެ މުސާރަ ކުޑަނުވާނެ ކަމަށާއި، އެއްވެސް މުވައްޒަފެއްގެ ގެއަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނެ ކަމަށް ޕޭ ކޮމިޝަނަށްވެސް އެންގެވި ކަމަށެވެ.
"އަޅުގަނޑު ބޭނުން ހުރިހާ މުވައްޒަފުންނަށް ގެއަށް ގެންދަން ލިބޭ އެއްޗެއް ކުރިއަށްވުރެ ބޮޑުވާން. އެއީ އޭގެ އެންމެ ބޮޑު މަގްސަދަކީވެސް، ވައުދުވި ގޮތަކީވެސް،" ރައީސް ވިދާޅުވި އެވެ.
ރައްޔިތުންގެ ކަންބޮޑުވުންތައް ސީދާ އަޑުއެއްސެވުމަށް ރައީސް ކުރިއަށް ގެންދަވާ މި ޕްރޮގްރާމުގައި ބައިވެރިވުމަށް، އިތުރު ދާއިރާތަކަށާއި އިންތިޚާބީ ބައެއް ދާއިރާތަކުގެ ރައްޔިތުންނަށް މިހާރު ވަނީ ފުރުސަތު ހުޅުވާލާފައެވެ.
ކޮމެންޓު ފޮނުވާ