ދައުލަތުގެ ބަޖެޓަށް ފައިސާ ހޯދުމުގެ ގޮތުން ޖުމްލަ 1.59 ބިލިއަން ރުފިޔާގެ ޓްރެޝަރީ ބިލް (ޓީ-ބިލް) ވިއްކުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން ހުޅުވާލައިފިއެވެ.
ފިނޭންސް މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުގައި، މި ޓީ-ބިލްތައް ވިއްކުން އޮންނާނީ 20 ސެޕްޓެމްބަރު 2026ގައި ކަމަށާއި، ސެޓްލްމަންޓް ޑޭޓަކީ 21 ސެޕްޓެމްބަރު 2026 ކަމަށެވެ. ވިއްކުމަށް ހުޅުވާލާފައިވާ ހަތަރު މުއްދަތުގެ ޓީ-ބިލްގެ ތެރެއިން އެންމެ ބޮޑު އަދަދެއް ހާއްސަކޮށްފައި ވަނީ 28 ދުވަހުގެ ޓީ-ބިލަށް ކަމަށްވާއިރު، އެ ޓީ-ބިލްގެ ޖުމްލަ އަދަދު 1.04 ބިލިއަން ރުފިޔާއަށް އަރައެވެ. އަދި 98 ދުވަހުގެ 353.4 މިލިއަން ރުފިޔާގެ ޓީ-ބިލާއި، 182 ދުވަހުގެ 160 މިލިއަން ރުފިޔާގެ ޓީ-ބިލުގެ އިތުރުން، 364 ދުވަހުގެ 36.9 މިލިއަން ރުފިޔާގެ ޓީ-ބިލް ވެސް ވިއްކުމަށް ހަމަޖެހިފައިވެއެވެ. މި ޓީ-ބިލްތަކުގެ އިންޓްރެސްޓް ރޭޓް 3.50 ޕަސެންޓާއި 4.60 ޕަސެންޓާ ދެމެދުގައި ހިމެނެއެވެ.
ޓީ-ބިލް ގަތުމަށް ބޭނުންވާ ފަރާތްތަކުން މިނިސްޓްރީގެ ސަބްސްކްރިޕްޝަން ފޯމު މެދުވެރިކޮށް، ވިއްކާ ދުވަހުގެ ހެނދުނު 8:30 އިން 11:00 އަށް ފޯމު ހުށަހަޅަން ޖެހޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. މީގެ އިތުރުން، ކަނޑައެޅިފައިވާ ތާރީޚަށް ފައިސާ ނުދައްކައިފިނަމަ، ކުރިއަށް އޮތް ތަނުގައި ސަރުކާރުގެ ސެކިއުރިޓީޒް އޮޕަރޭޝަންތަކުގައި ބައިވެރިވުމުގެ ފުރުސަތު ސަސްޕެންޑް ކުރެވިދާނެ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ވަނީ އިންޒާރު ދީފައެވެ.
ކޮމެންޓު ފޮނުވާ