މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރު ވާން އަންގައިފިއެވެ.
މިއަދު މާލެ ސިޓީ ކައުންސިލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޭޔަރު މުއިއްޒު ވިދާޅުވީ މިއަދު އޭސީސީއަށް ހާޒިރުވާން އަންގާފައިވާ ކަމަށެވެ.
މުއިއްޒު ސިފަކުރެއްވި ގޮތުގައ އޭސީސީ އަށް ހާޒިރުވާން އެންގީ ބިރު ދެއްކުމުގެ ގޮތުންނެވެ. އެކަމަކު އެކަމާ ޖެހިލުންވެވަޑައިނުގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ. އޭސީސީ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން މުއިއްޒު ވިދާޅުވީ އޭސީސީ އަކީ ގާނޫނީ ގޮތުން މިނިވިން މުއައްސަސާ އަކަށްވީ ނަމަވެސް މިނިވަންކަމާ އެކު ހިނގާ އިދާރާއެއް ނޫން ކަމަށެވެ.
މުއިއްޒު ވިދާޅުވީ އޭސީސީ އަށް ހާޒިރު ކުރިނަމަވެސް ޖެހިލުންވެ ވަޑައިނުގަންނަވާ ކަމަށާއި އެއީ މިނިވަންކަމާއި މުސްތަގިއްލުކަން ގެއްލިފައިވާ މުއައްސަސާއެއް ކަމަށެވެ. މުއިއްޒުގެ ހައުސިން މިނިސްޓަރު ކަމުގައި ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ހެދި ބްރިޖް ވިއު ޕްލެޓްފޯމްގެ އެގްރީމެންޓާއި ގުޅިގެން މުއިއްޒުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އޭސީސީން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވިއެވެ. ނަމަވެސް ޕީޖީ އޮފީހުން ވަނީ މައްސަލަ އަނބުރާ އޭސީސީ އަށް ފޮނުވާލާފައެވެ.
މީގެކުރިން ވެސް އޭސީސީން ވަނީ އެ ކޮމިޝަނަށް މުއިއްޒު ހާޒިރުކޮށްފަ އެވެ. އެގޮތުން މުއިއްޒުގެ ހައުސިން މިނިސްޓަރު ކަމުގައި ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ހެދި ބްރިޖް ވިއު ޕްލެޓްފޯމްގެ އެގްރީމެންޓާއި ގުޅޭ ބައެއް ތުހުމަތުތަކާއި އެތަނުގެ ބައެއް އިމާރާތްތަކަށް ގެނައި ބަދަލާއި ގުޅިގެން ކޮމިޝަނުން އެ ފަހަރު މުއިއްޒުއާ ސުވާލުކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ