އިމިގްރޭޝަންގެ ބަންދެއްގައި ހުރުމުން ކޯޓަށް ޙާޒިރުވެވެން ނެތްކަމަށް ޢަލީ ވަޙީދު އަންގައިފި

އިމިގްރޭޝަންގެ ބަންދެއްގައި ހުރުމުން ކޯޓަށް ޙާޒިރުވެވެން ނެތްކަމަށް ޢަލީ ވަޙީދު އަންގައިފި

Author
މުޙައްމަދު ޖިމީ
01 ޑިސެމްބަރ 2021 07:48
0

އިނގިރޭސިވިލާތުގެ އިމިގްރޭޝަންގެ ބަންދެއްގައި ހުރުމުން ކޯޓަށް ޙާޒިރުވެވެން ނެތްކަމަށް ޖިންސީ ގޯނާގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދު އަންގައިފިއެވެ.

ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ހައްޔަރުކޮށްގެން ކޯޓަށް ޙާޒިރުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ފުލުހުންނަށް އަމުރުކޮށްފައެވެ. ކްރިމިނަލް ކޯޓުން ވަނީ 72 ގަޑިއިރުގެ ތެރޭގައި ޢަލީ ވަޙިދު ކޯޓަށް ޙާޒިރު ނުވެއްޖެނަމަ އޭނާ ޖާމިނުކޮށްފައިވާ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަސްހަރު ޢަލީ (އަޑުބަރޭ)އާއި މެދު ފިޔަވަޅު އަޅާނެކަމަށް ބުނެފައެވެ. އެހެންކަމުން އަސްހަދު އަލީ ވަހީ ޢަލީ ވަހީދަށް އެދުވަހު ސިޓީއެއް ފޮނުވާފައެވެ.

އެ ސިޓީގައި ވަނީ ކުރިއަށް އޮތް 72 ގަޑިއިރު ތެރޭގައި އަލީ ވަހީދު ރާއްޖެއަށް ނައިސްފިނަމަ އަސްހަދަށް ފިޔަވަޅު އަޅާނެކަމަށް ކްރިމިނަލް ކޯޓުން އަންގަވާފައިވާތީ ވީހާވެސް އަވަކަށް ރާއްޖެ އައުމަށް އެދިވަޑައިގެންފައެވެ. އޭނާ ވަނީ އަލީ ވަހީދު ރާއްޖެ އައުމަށްޓަކައި ޓިކެޓުގެ ޚަރަދު ދޭނޭކަމަށް ވެސް ވިދާޅުވެފައެވެ.

އެ ސިޓީގެ ޖަވާބުފައި އަލީ ވަޙިދު އަސްހަދަށް ފޮނުވި ސިޓީގައި ވަނީ އޭނާ މިވަގުތު ހުންނެވީ އިނގިރޭސިވިލާތުގެ އިމިގްރޭޝަންގެ ބަންދެއްގައިކަމަށް ވިދާޅުވެފައެވެ.  އެހެންކަމުން އެ މުއްދަތުގެ ތެރޭގައި ކޯޓަށް ހާޒިރުވެވެން ނެތްކަމަށް ޢަލީ ވަޙީދު ވިދާޅުވެފައިވެއެވެ.

އަލީ ވަހީދު އިނގިރޭސިވިލާތަށް ވަޑައިގަތީ، އޭނާގެ މައްޗަށް ޖިންސީ ގޯނާގެ 7 ދަޢުވާއެއް ކްރިމިނަލް ކޯޓުގައި އުފުލާފައިވަނިކޮށެވެ. އަދި އޭނާގެ މައްޗަށް ކުރި ދައުވާތަކުގެ އަޑުއެހުންތައް ކޯޓުތަކުގައި ފަށާފައިވަނިކޮށް އިނގިރޭސިވިލާތުގައި ހުންނަވައިގެން އަލީ ވަހީދު ގެންދަވަނީ ޕްރޮސިކިއުޓަރ ޖެނަރަލާއި، ސަރުކާރުގެ އިސްވެރިންނަށް ފާޑުވިދާޅުވެ ވާހަކަފުޅުދައްކަވަމުންނެވެ.

އަލީ ވަހީދު ފުރަން ކްރިމިނަލް ކޯޓުން ހުއްދަ ދިނީ ހަތަރު މަހުގެ މުއްދަތަކަށެވެ. އެކަމަކު އެ މުއްދަތު ހަމަވި ފަހުން ވެސް އަލީ ވަހީދު ރާއްޖެ ވަޑައެއް ނުގަންނަވައެވެ. އަލީގެ ޕާސްޕޯޓް ހިފަހައްޓަން އެދުނު ނަމަވެސް އިޖުރާއީ މައްސަލަތަކާ ހުރެ އެ އަމުރު ވެސް ނެރެނުދެވެއެވެ. ފުލުހުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ސީޕީ ހަމީދު ވިދާޅުވީ އިންޓަޕޯލް ވެސް ހިނގާނީ އެކި ގައުމުތަކުގެ ޖުރިސްޑިކްޝަންތަކުގައި އެކި ގޮތަށް ކަމަށެވެ. އެހެންކަމުން އިންޓަޕޯލް ރެޑް ނޯޓިސް ނެރުނަސް، ޖިންސީ ފުރައްސާރައާއި ގޯނާގެ ދައުވާތައް އުފުލިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ގެނެވޭނެ ކަމުގެ ޔަގީން ކަން ނެތް ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.