ބޯޑަރު ހުޅުވާލުމަށް ނިންމި ނިންމުން އަބުރާ ގެންގޮސް، ޖަޕާނުގެ ބޯޑަރ ބަންދު ކޮށްފި

ބޯޑަރު ހުޅުވާލުމަށް ނިންމި ނިންމުން އަބުރާ ގެންގޮސް، ޖަޕާނުގެ ބޯޑަރ ބަންދު ކޮށްފި

Author
ހުސެއިން
29 ނޮވެމްބަރ 2021 12:42
0

އަލަށް ފެނިފައިވާ އޮމިކްރޯން ކޯވިޑް19 ވޭރިއެންޓުގެ ބިރުވެރިކަން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުން ދާއިރު، ޖަޕާން ސަރުކާރުން ދާދި ފަހުން އެގައުމުގެ ބޯޑަރުތައް ހުޅުވާލުމަށް ނިންމި ނިންމުން އަބުރާ ގެންގޮސް، ގައުމުން ބޭރުގެ އެއްވެސް މީހަކަށް ޖަޕާނަށް އެތެރުވުން މަނާކޮށް، މިހަފްތާގެ އަންގާރަ ދުވަހުން ފެށިގެން ބޯޑަރުތައް އަލުން ބަންދު ކުރުމަށް ނިންމައިފިއެވެ. މީގެ ތެރޭގައި ވިޔަފާރީގެ ބޭނުމުގައި ދަތުރު ކުރާ ފަރާތްތަކާއި، ކިޔަވާ ކުދިންނާއި އަދި ޖަޕާނުގައި ވަގުތީ ގޮތުން މަސައްކަތް ކުރުމަށް އަންނަ ފަރާތަތައްވެސް ހިމެނެއެވެ.

"މިއީ އެންމެ ގޯސް ހާލަތަކަށް ތައްޔާރުވެ ތިބުމުގެ ގޮތުން އިމަންޖެންސީ ހާލަތުގައި އެޅި ފިޔަވަޅެއް،" ރިޕޯޓަރުންނާއި ވާހަކަ ދައްކަވަމުން ޖަޕާނުގެ ބޮޑުވަޒީރު ކިޝިޑާ ވިދާޅުވިއެވެ.

އެހެންނަމަވެސް މިފަހަރު އެޅި ފިޔަވަޅުތަކުގެ ތެރޭގައި، ޖަޕާނުގައި ދިރިއުޅޭ ގައުމުން ބޭރުގެ ފަރާތްތަކާއި އަދި ޖަޕާނުގެ ރައްޔިތުން ހިމަނާފައެއް ނުވެއެވެ.

ޖަޕާނުގެ ބޮޑުވަޒީރު ކިޝިޑާ ވިދާޅުވެފައިވާ ގޮތުގައި، ޖަޕާނުގައި ދިރިއުޅެމުންދާ ފަރާތްތަކާއި އަދި ޖަޕާނުގެ ރައްޔިތުން އެގައުމުން ބޭރުވުމަށްފަހު އަލުން އެގައުމަށް އެތެރެވާއިރު، އޮމިކްރޯން ވޭރިއެންޓް ފެނިފައިވާ 14 ގައުމަކުން ދަތުރު ކޮށްފައި އަންނަނަމަ، ޖަޕާނުގެ ކަމާބެހޭ އިދާރާތަކުން ހަމަޖައްސާ ތަނެއްގައި ކަރަންޓީން ވާން ޖެހޭނެއެވެ.

"މިއީ، އޮމިކްރޯން ވޭރިއެންޓާބެހޭ ސާފު މައުލޫމާތު އެގެންދެން އެޅި ވަގުތީ ފިޔަވަޅެއް،" ކިޝިޑާ ވިދާޅުވެފައި ވެއެވެ.

ފާއިތުވެދިޔަ ހަފްތާގައި ދެކުނު އެފްރިކާއިން ފެނިފައިވާ ކޯވިޑް19ގެ އޮމިކްރޯން ވޭރިއެންޓާ ބެހޭ މައުލޫމާތު އަދި މުޅިން ސާފު ވެފައެއް ނުވެއެވެ. އަދި ކޯވިޑް19އާއި ދެކޮޅަށް މިހާރު ބޭނުން ކުރަމުންދާ ވެކްސިންތައްވެސް މި ވޭރިއެންޓާ ދެކޮޅަށް ފުރިހަމަޔަށް މަސައްކަތް ކުރާކަމުގެ ޔަގީކަމެއްވެސް އަދި މިހާތަނަށް ސައިންސްވެރިން ދީފައެއް ނުވެއެވެ.

ކޯވިޑް19 ވެކްސިންތައް އުފައްދާފައިވާ ކުންފުނިތަކުން ބުނެފައިވަނީ، މިހާރު ހުރި ވެކްސިންތައް މި ވޭރިއެންޓަށް މިހާރު ޓެސްޓު ކުރެވެމުންދާ ކަމުގައެވެ. އަދި މި ތަހުލީލުތަކުގެ ނަތީޖާތައް ލިބެން ހަފްތާތަކެއް ނަގާފާނެކަމަށްވެސް ވެކްސިން ކުންފުނިތަކުން ބުނެފައި ވެއެވެ.

ޖަޕާނުގެ ބޮޑުވަޒީރުވަނީ، ޖަޕާނުގެ ރައްޔިތުންނަށް ކަންބޮޑު ނުވުމަށް އެދިވަޑައިގެން، މާސްކު އަޅައިގެން ގައި ދުރުކޮށް އުޅުމަށް އިލްތިމާސް ކޮށްފައެވެ.

ކިޝިޑާ ވިދާޅުވި ގޮތުގައި، ނެމީބިއާއިން ޖަޕާނަށް އެތެރެވި މީހަކު ކޯވިޑް19އަށް ވަނީ ޕޮޒިޓިވް ވެފައެވެ. އެހެންނަމަވެސް މިމީހާ ޕޮޒިޓިވް ވެފައިވަނީ އޮމިކްރޯން ވޭރިއެންޓަށް ކަމެއް އަދި ޔަގީން ނުވާ ކަމަށާއި، އޭނާގެ ސާމްޕަލް ތަހުލީލުކުރުމަށް ފޮނުވާފައިވާ ކަމަށްވެސް ޖަޕާނުގެ ބޮޑުވަޒީރު ވިދާޅުވެފައި ވެއެވެ. މި ތަހުލީތަކަށް 4 ނުވަތަ 5 ދުވަސް ނަގާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.