ދިރުވާލައިގެން ގިނަ އަދަދެއްގެ ކޮކެއިން ރާއްޖެއަށް އެތެރެކުރަން އުޅުނު މީހަކު މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
މި މީހާ އަތުލައިގަނެފައި ވަނީ މިދިޔަ ޖުލައި މަހުގެ 19 ވަނަ ދުވަހު ކަމަށާއި، ހަށިގަނޑުގެ ތެރޭގައި މަސްތުވާތަކެތި ފޮރުވައިގެން ރާއްޖެ އެތެރެވާން މަސައްކަތްކުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.
މި މީހާގެ ހަށިގަނޑުން ޖުމްލަ 66 ބުލެޓް ފެނިފައިވާއިރު، އެ ތަކެތި ފެނުނު އިރު ބަރުދަނުގައި 1،180 ގްރާމް ހުރި ކަމަށް ކަސްޓަމްސް އިން ހާމަކުރެ އެވެ. ހަށިގަނޑުން ފެނުނު ބުލެޓުތަކުގައި ހުރީ ކޮކެއިން ކަން ވަނީ ކަށަވަރު ކުރެވިފަ އެވެ.
ކަސްޓަމްސް އިން ބުނިގޮތުގައި، މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ މަގުމަތީ އަގު 2.9 މިލިއަން ދިވެހި ރުފިޔާ އަށް ވުރެ މައްޗަށް އަރާނެ ކަމަށް ލަފާކުރެވެ އެވެ.
ފަހަކަށް އައިސް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލަތައް އިތުރުވެފައި ވާއިރު، މިފަދަ މައްސަލަތައް ހުއްޓުވުމަށް ކަސްޓަމްސްގެ އޮޕަރޭޝަންތައް ދަނީ ހަރުދަނާ ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ