ސޯޝަލް މީޑިއާގައި ނަން މަޝްހޫރު ދިވެހި މޮޑެލް، ފާތިމަތު ޒަޔާން އިބްރާހިމް (ކައިޒީން) އޭނާގެ ކޮއްކޮގެ އުފަން ދުވަހުގެ ހަދިޔާއެއްގެ ގޮތުގައި ލަގްޒަރީ އެޕާޓްމަންޓެއް ދީފިއެވެ.
ކައިޒީން އޭނާގެ ޓިކްޓޮކް އެކައުންޓުގައި އާންމުކުރި ވީޑިއޯއިން ފެންނަނީ، ކޮއްކޮގެ އަތުގައި ހިފައިގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަމުންދާ 'ބޭފެންސީ ރެޒިޑެންސް’ގެ އެޕާޓްމަންޓަކަށް ވަދެ، އެ އެޕާޓްމަންޓާ ގުޅޭ އެގްރީމަންޓް ކޮއްކޮގެ އަތަށް ދޭ މަންޒަރެވެ. ދުވަސްކޮޅެއްގެ ތެރޭގައި މި ވީޑިއޯއަށް ސޯޝަލް މީޑިއާގައި ބޮޑު ސަމާލުކަމެއް ވަނީ ލިބިފައެވެ.
ކޮއްކޮއަށް ދިން އެޕާޓްމަންޓަކީ ތިން ކޮޓަރި އާއި މެއިޑް ރޫމް (3+1) ހިމެނޭ، މޫދު ފެންނަ ފެންވަރު ރަނގަޅު އެޕާޓްމަންޓެކެވެ. ބޭފެންސީ ރެޒިޑެންސްގައި ހިމެނެނީ އެއް ކޮޓަރި، ދެ ކޮޓަރި އަދި ތިން ކޮޓަރީގެ ޒަމާނީ އެޕާޓްމަންޓުތަކެވެ.
ކައިޒީން ކޮއްކޮއަށް އަގުބޮޑު ހަދިޔާއެއް ދިން މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ އަހަރުގެ މެއި މަހު ވެސް، އޭނާ ވަނީ ކޮއްކޮއަށް ކާރެއް ހަދިޔާކޮށްފައެވެ.
ރާއްޖޭގައި އެންމެ ފޮލޯވަރުން ގިނަ މޮޑެލުންގެ ތެރޭގައި ހިމެނޭ ކައިޒީންގެ ސޯޝަލް މީޑިއާ އެކައުންޓުތަކުގައި އޭނާ ހިއްސާކުރާ ފޮޓޯތަކާއި ވީޑިއޯތަކަކީ އަބަދު ވެސް ބޮޑު ސަމާލުކަމެއް ލިބޭ ޕޯސްޓުތަކެކެވެ.
ކޮމެންޓު ފޮނުވާ