އއ. އުކުޅަހުގައި އަލަށް ތަރައްގީކުރި ޒަމާނީ އައުޓްޑޯ ވޮލީބޯޅަ ކޯޓު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.
ރައީސް އުކުޅަހަށް ކުރައްވަމުން ގެންދަވާ ހާއްސަ ދަތުރުފުޅުގެ ތެރެއިން ބޭއްވި މި ރަސްމިއްޔާތުގައި ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ހަމަ އެއާއެކު، ޒުވާނުން ބާރުވެރިކުރުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއާއި، ސަރުކާރުގެ އިސް ބޭފުޅުންނާއި ކުންފުނިތަކުގެ ވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ކޯޓު ހުޅުއްވައިދެއްވުމަށްފަހު، އެ ތަނުގައި ވަނީ އެކުވެރިކަމުގެ ވޮލީ މެޗެއް ވެސް ކުޅެފައެވެ.
އުކުޅަހުގެ ޒުވާނުންނަށް ކުޅިވަރު ކުޅުމަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމުގެ މަގުސަދުގައި ބިނާކުރި މި ކޯޓުގެ މަސައްކަތް ސަރުކާރުން ހަވާލުކުރީ ޕްރޮކްސީ ގުރޫޕް ޕްރައިވެޓް ލިމިޓެޑާއެވެ. އެ ކުންފުނިން މި މަސައްކަތް ނިންމާލީ އެންމެ އެއް މަސް ދުވަހުގެ ތެރޭގައެވެ. ކުޅިވަރާ ބެހޭ ވުޒާރާއިން ބުނާ ގޮތުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުމުގެ ސިޔާސަތުގެ ދަށުން، މިހާރު ވެސް އިތުރު 10 ރަށެއްގައި ވޮލީ ކޯޓު އެޅުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.
ރައީސްގެ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އުކުޅަހު ކައުންސިލާއި އ.ތ.މ ކޮމިޓީގެ އިތުރުން ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ. މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ބޯހިޔާވަހިކަމަށް ހައުސިން ޔުނިޓް އެޅުމާއި، ބިން އިތުރަށް ހިއްކުމާއި، ހިއްކާ ސަރަހައްދަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ އިތުރުން މަގުހެދުމުގެ މަޝްރޫޢުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ.
މީގެ އިތުރުން ރަށުގެ އިންޖީނުގެ ބޮޑުކުރުމާއި، ކުނީގެ މައްސަލައަށް ޙައްލެއް ހޯދުމާއި، އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ވެސް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މި ހުރިހާ ކަންކަމަށް ޙައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވައިފައެވެ.
ކޮމެންޓު ފޮނުވާ