އުކުޅަހުގައި ޤާއިމުކުރާ ސްޕޯޓްސް ކޮމްޕްލެކްސްގެ ބިންގާ އަޅައިފި

އުކުޅަހުގައި ޤާއިމުކުރާ ސްޕޯޓްސް ކޮމްޕްލެކްސްގެ ބިންގާ އަޅައިފި

Author
އަހުމަދު
05 އޮގަސްޓް 2026 06:29
0

އއ. އުކުޅަހުގައި ތަރައްޤީކުރާ ސްޕޯޓްސް ކޮމްޕްލެކްސްގެ ބިންގާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އަޅުއްވައިފި އެވެ.

މި މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު އާއި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުޙައްމަދާއި، އުކުޅަހު ކައުންސިލްގެ ރައީސް އަލީ ވަހީދެވެ.

އެމްއޭސީއެލް އިން ބުނިގޮތުގައި މި މަޝްރޫޢަކީ ރާއްޖޭގެ 63 ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ޤާއިމުކުރުމަށްޓަކައި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއާއި އެ ކުންފުންޏާ ދެމެދު ސޮއިކުރެވިފައިވާ އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި ސެންޓަރުތައް ޤާއިމުކުރުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރެއިން، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މި އަހަރު ނިޔަލަށް ފުރިހަމަކުރެއްވުމަށް އަމާޒު ހިއްޕަވާފައިވާ ވަޢުދުފުޅެކެވެ.

އުކުޅަހުގައި ތަރައްޤީކުރާ މި ސްޕޯޓްސް ކޮމްޕްލެކްސްގައި، އިންޑޯ ޖިމަކާއި އަންހެނުންނަށް ޚާއްޞަ ކަސްރަތު ކޮޓަރިއަކާއި، ބޯޑް ގޭމްތަކާއި އެކިއެކި ކުޅިވަރުތައް ކުޅެވޭ ހޯލެއްގެ އިތުރުން، ބައްދަލުވުންތައް ބޭއްވުމަށް ޚާއްޞަ ކޮޓަރިއެއް ވެސް ހިމެނޭނެ ކަމަށް އެމްއޭސީއެލް އިން މަޢުލޫމާތުދެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.