މަރުގެ ހުކުމް އިއްވާފައި އޮތަސް ޑިސެމްބަރު މަހު ހަސީނާ އެނބުރި ގައުމަށް ވަޑައިގަންނަވަނީ

މަރުގެ ހުކުމް އިއްވާފައި އޮތަސް ޑިސެމްބަރު މަހު ހަސީނާ އެނބުރި ގައުމަށް ވަޑައިގަންނަވަނީ

Author
އަހުމަދު
05 އޮގަސްޓް 2026 11:14
0

މަރުގެ ހުކުމް އިއްވާފައި އޮތް ނަމަވެސް، މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އެނބުރި ބަންގްލަދޭޝްއަށް ވަޑައިގަންނަވާނެ ކަމަށް، އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ ވިދާޅުވެއްޖެއެވެ.

އުމުރުފުޅުން 78 އަހަރުގެ ހަސީނާ މިކަން ހާމަކުރެއްވީ ފޮރިން ކޮރެސްޕޮންޑެންޓްސް ކްލަބް އޮފް ސައުތު އޭޝިއާއިން ބުދަ ދުވަހު ބޭއްވި ހަރަކާތެއްގައި، އިންޑިއާގައި ހުންނަވައި ވީޑިއޯ މެދުވެރިކޮށް ދެއްވި ބަޔާނެއްގައެވެ. މި ބައްދަލުވުމުގައި އެކަމަނާގެ ދަރިކަލުން ސަޖީބް ވަޒީދު ޖޯއީ އާއި، އަވާމީ ލީގުގެ ކުރީގެ އެޑިއުކޭޝަން މިނިސްޓަރު މުހިއްބުލް ހަސަން ޗައުދަރީ ނައުފަލް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

"ހައްޔަރު ކުރިޔަސް، ޖަލަށް ފޮނުވިޔަސް، ބިރުފުޅުން ރައްޔިތުންނަށްޓަކައި ކުރައްވަން ޖެހޭ މަސައްކަތްޕުޅު ހުއްޓާނުލައްވާނެ" ކަމަށާއި، "އަމިއްލަ ރައްޔިތުން ދަތިހާލުގައި ތިއްބައި ދުރުގައި ނުހުންނަވާނެ" ކަމަށް ހަސީނާ ވިދާޅުވިއެވެ. އެނބުރި ވަޑައިގަންނަވާނެ ސީދާ ތާރީޚެއް ފަހުން އިއުލާނު ކުރައްވާނެ ކަމަށާއި، ނަމަވެސް އަމާޒުހިއްޕަވާފައި ވަނީ މި އަހަރުގެ ޑިސެމްބަރު މަހަށް ކަމަށް ހަސީނާ ވިދާޅުވިއެވެ.

2024 ވަނަ އަހަރު ދަރިވަރުން އިސްވެ ތިބެގެން ބަންގްލަދޭޝްގައި ފެށި ޙަރަކާތްތަކާ ގުޅިގެން ހަސީނާގެ ސަރުކާރު ވެއްޓުމުން، އެކަމަނާ ވަޑައިގަތީ ހެލިކޮޕްޓަރެއްގައި އިންޑިއާގެ ނިއު ދިއްލީއަށެވެ. އޭގެ ފަހުން ޑާކާގައި ހިންގި ޝަރީއަތުގައި، މީހުން މެރުމަށް ހިތްވަރު ދެއްވުމާއި، މީހުން މެރުމަށް އަމުރު ކުރެއްވުމާއި، ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް ނުކުޅެދިވަޑައިގަތުން، އެކަމަނާގެ މައްޗަށް ސާބިތުވެ، އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގެ ދައުވާ ކުރެވި، ދަންޖައްސައި މެރުމުގެ ހުކުމް ވަނީ އިއްވާފައެވެ. ޑާކާގައި ކުރިއަށްދިޔަ ޝަރީއަތަށް ހާޒިރުވެވަޑައިގަތުމަށް ހަސީނާ އިންކާރު ކުރެއްވިއެވެ.

ހަސީނާގެ ޕާޓީ ކަމަށްވާ އަވާމީ ލީގަށް ކުރިމަތިކޮށްފައިވާ މަނާކުރުންތައް އުވާލަން ޖެހޭ ކަމަށާއި، ބަންގްލަދޭޝްގެ މިހާރުގެ ސަރުކާރާއެކު އެއްވެސް މުއާމަލާތެއް ނުކުރައްވާ ކަމަށްވެސް އެކަމަނާގެ ދަރިކަލުން ޖޯއީ ވިދާޅުވިއެވެ.

ހަސީނާގެ މި ބަޔާން އައިސްފައި ވަނީ ބަންގްލަދޭޝްއާއި އިންޑިއާއާ ދެމެދު ގޯސްވެފައި އޮތް ގުޅުން ރަނގަޅު ކުރުމަށް ދެ ގައުމުން މަސައްކަތް ފަށާފައި ވަނިކޮށެވެ. އެކަމަނާ ބަންގްލަދޭޝްއާ ހަވާލުކުރުމަށް އެ ގައުމުގެ ސަރުކާރުން ތަކުރާރުކޮށް އެދެމުން ދާއިރު، އިންޑިއާ ސަރުކާރުން ބުނަމުން ދަނީ އެ ހުށަހެޅުން ގާނޫނީ ގޮތުން ދިރާސާ ކުރަމުންދާ ކަމަށެވެ. ބަންގްލަދޭޝްގެ އާ ބޮޑުވަޒީރު ތާރިޤު ރަހުމާން ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ދެ ގައުމުގެ ގުޅުން ރަނގަޅުވާން ފެށިކަން ފާހަގަކުރެވޭއިރު، އަންނަ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ބްރިކްސް ސަމިޓަށް އެ މަނިކުފާނަށް އިންޑިއާއިން ވަނީ ދައުވަތު އަރުވާފައެވެ.

އަނެއްކޮޅުން، ހަސީނާގެ ބަޔާން އާންމުކުރެއްވުމުގެ ކުރީ ދުވަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން، އިންޑިއާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ވިދާޅުވީ، ހަސީނާ ދެއްވާ ބަޔާނުގައި އިންޑިއާ ސަރުކާރުގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށާއި، އެ ފޯރަމްގައި ދައްކާ ވާހަކަތަކަށް ސަރުކާރުން ތާއީދު ނުކުރައްވާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.