އއ. އުކުޅަހުގައި ބޭއްވި ކުދި ޖަޒީރާ ޤައުމުތަކުގެ އޮޑިޓް ސަމިޓު ކާމިޔާބުކަމާއެކު އިންތިޒާމުކުރުމުގައި ދިވެހިރާއްޖެއިން ދެއްކި ލީޑަރޝިޕަށް ބައިނަލްއަޤްވާމީ މަންދޫބުން ތައުރީފް ކުރައްވައިފިއެވެ.
މި ތައުރީފް ކުރެއްވީ ކުދި ޖަޒީރާ ޤައުމުތަކުގެ ސުޕްރީމް އޮޑިޓް އިންސްޓިޓިއުޝަންތަކުގެ އިސްވެރިންނާއި ބައިނަލްއަޤުވާމީ ވަފުދުގެ މަންދޫބުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާ މިއަދު ބޭއްވި ބައްދަލުވުމުގައެވެ. މި ބައްދަލުކުރެއްވުން ބޭއްވުނީ، ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް ސުޕްރީމް އޮޑިޓް އިންސްޓިޓިއުޝަންސް (ސިޑްސް-ސާއީސް) ސިމްޕޯޒިއަމް 2026 ނިމުމުގެ ރަސްމިއްޔާތާއި، އިންޓޮސާއީ ޑިވެލޮޕްމަންޓް އިނިޝިއޭޓިވް (އައި.ޑީ.އައި) ގްލޯބަލް ސަމިޓް 2026 ހުޅުވުމުގެ ރަސްމިއްޔާތުގެ ފަހުންނެވެ.
ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ޖަވާބުދާރީވުމާއި ހާމަކަންބޮޑު ގޮތެއްގައި ކަންކަން ކުރުމާއި ހެޔޮ ވެރިކަމެއް ކުރުމަކީ އެމަނިކުފާނުގެ ސަރުކާރުގެ އެންމެ މުހިންމު ވަޢުދުތައްކަން ފާހަގަކުރައްވާފައެވެ. އަދި 'މޯލްޑިވްސް 2.0′ ގެ ތަޞައްވުރާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުގެ ހުރިހާ ޚިދުމަތްތަކެއް ފުރިހަމައަށް ޑިޖިޓަލައިޒް ކުރުމަށް ސަރުކާރުން އަމާޒު ހިފާފައިވާ ކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. މީގެ އިތުރުން، އެސްޓޯނިއާގެ ޑިޖިޓަލް ގަވަރނަންސް މޮޑެލް ފަދަ ބައިނަލްއަޤްވާމީ އެންމެ ރަނގަޅު އުސޫލުތަކުގެ އަލީގައި، މުއައްސަސާތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ރާއްޖެއިން ހަރުދަނާ ޤާނޫނީ އޮނިގަނޑުތަކެއް އެކުލަވާލަމުންދާ ކަން ފާހަގަކުރެއްވިއެވެ.
ސަމިޓުގެ މަންދޫބުން ވަނީ، ކުދި ޖަޒީރާ ޤައުމުތަކުގެ މަސްލަޙަތު ބައިނަލްއަޤްވާމީ މަންސަތަކުގައި ހިމާޔަތްކޮށްދެއްވުމުގައި އޮޑިޓަރ ޖެނެރަލް ޙުސައިން ނިޔާޒީއާއި ދިވެހި ސަރުކާރުން ކުރަށްވާ މަސައްކަތްޕުޅުތަކަށް ތައުރީފް ކުރައްވާފައެވެ. އަދި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސް އޮފިޝަލުން މި ސަމިޓުގައި ބައިވެރިވެވަޑައިގަތުމަކީ، ދައުލަތް ޒިންމާދާރުކުރުވުމުގެ ނިޒާމަށް ސަރުކާރުން ދޭ އަހަންމިއްޔަތުކަން ރަނގަޅަށް ހާމަވާ ކަމެއްގެ ގޮތުގައި މަންދޫބުން ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، ބައިނަލްއަޤްވާމީ މަންދޫބުންނަށް ދިވެހިންގެ ޘަޤާފަތާއި މެހެމާންދާރީގެ ޙަޤީޤީ ތަޖުރިބާ ކުރެއްވުމުގެ ފުރުޞަތު ފަހިކޮށްދެއްވި ކަމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އޮޑިޓަރ ޖެނެރަލާއި އެ އޮފީހުގެ ޓީމަށް ޝުކުރު އަދާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި އޮޑިޓަރ ޖެނެރަލް ޙުސައިން ނިޔާޒީއާއި، އިންޓޮސާއީގެ ޗެއަރގެ މަންދޫބު މަނާލް މުޙައްމަދު ޚައިރީއާއި، އައި.ޑީ.އައި ގެ ޑިރެކްޓަރ ޖެނެރަލް އައިނަރ ގޮރިއްޙްސަންގެ އިތުރުން، ސިޑްސް ސަރަޙައްދުގެ ޤައުމުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
ކޮމެންޓު ފޮނުވާ