ނޯޓިހަކާ ނުލައި ވަޒީފާއިން ވަކިކުރި މިފްކޯގެ ކުރީގެ ސީއީއޯ ވިޓަލީ ލިއުބިމޯވަށް ބަދަލެއް ދޭން ނުޖެހޭނެ ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމައިފި އެވެ.
ވިޓަލީ ސީއީއޯކަމުން ވަކިކޮށްފައި ވަނީ އެ މަގާމަށް އައްޔަން ކުރިތާ އެންމެ ތިން މަސްދުވަސް ފަހުން، މާޗް 2025 ގަ އެވެ. އެ ނިންމުމާ ދެކޮޅަށް ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅައި، ތިން މަހުގެ މުސާރައިގެ ގޮތުގައި 42,000 ޑޮލަރު ހޯދުމަށް ވިޓަލީ އެދިވަޑައިގަތެވެ.
ޓްރައިބިއުނަލުން ނިންމީ، ވަޒީފާއިން ވަކިކުރާއިރު ނޯޓިސް ދޭންޖެހޭނެ ކަމަށް ވިޓަލީގެ ވަޒީފާގެ އެއްބަސްވުމުގައި ބަޔާންކޮށްފައި އޮތް ނަމަވެސް، އެއީ ތަންފީޒުކުރެވޭނެ އެއްބަސްވުމެއް ނޫން ކަމަށެވެ. ސަބަބަކީ އެ އެއްބަސްވުމުގައި ކުންފުނީގެ ފަރާތުން ސޮއިކޮށްފައި ވަނީ އެ ހުއްދަ ނެތް މީހަކު ކަމަށްވުމެވެ. ސޮއިކޮށްފައި ވަނީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ނަމަވެސް، މިފްކޯއިން ޓްރައިބިއުނަލްގައި ބުނީ އެފަދަ އެއްބަސްވުމެއްގައި ސޮއިކުރެވޭނީ ކުންފުނީގެ ޗެއާޕާސަންއަށް އެކަނި ކަމަށާއި، މި މައްސަލައިގައި އަމަލުކުރަން ޖެހޭނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ގާނޫނާއި އުސޫލުތަކަށް ކަމަށެވެ. ފާހަގަކޮށްލެވޭ ކަމަކީ ވިޓަލީގެ ވަޒީފާގެ އެއްބަސްވުން ހަދާފައި ވަނީ ޕީސީބީން އޭނާއަށް ވަޒީފާ ދިންތާ ދެ މަސްދުވަސް ފަހުން ކަމެވެ.
މިފްކޯގައި މަސައްކަތް ކުރެއްވި މަދު ދުވަސްކޮޅުގެ ތެރޭގައި ވިޓަލީ ވަނީ ސިޔާސީ ނުފޫޒަށް ބޯނުލަނބައި ބައެއް މުހިންމު މަގާމުތަކަށް މީހުން އައްޔަން ކުރައްވައި، ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރައްވައިފަ އެވެ. އޭނާ ވަޒީފާއިން ވަކިކުރުމުގެ ކުރިން، ކުންފުންޏަށް ސިޔާސީ ނުފޫޒު ފޯރުވަން މަސައްކަތްކުރާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރައްވައި ބަޔާނެއް ވެސް ނެރުއްވި އެވެ. އެ ބަޔާން ނެރުއްވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި އޭނާ މަގާމުން ވަކިކުރި އެވެ.
ވަޒީފާއިން ވަކިކުރި ފަހުން "އަދަދު" އަށް ދެއްވި އިންޓަވިއުއެއްގައި ވިޓަލީ ވިދާޅުވީ، ދައުލަތުގެ އެހެން ކުންފުނިތަކެކޭ އެއްފަދައިން، މިފްކޯއަށް ވެސް ސިޔާސީ ނުފޫޒު ފޯރަމުން ދިޔަ ކަމަށެވެ.
"ދައުލަތުގެ އެހެން ކުންފުނިތަކޭ އެއްގޮތަށް، މިފްކޯގެ ހަރަކާތްތަކުގެ ސަބަބުން ވަރަށް ގިނަ ނުފޫޒު ފޯރަމުންދިޔަ. މެނޭޖްމަންޓުން ނިންމާ ނިންމުންތަކާއި އަޅުގަނޑު ހިފެހެއްޓި ޕޮލިސީތަކަށް ނުފޫޒު ފޯރުވަން މަސައްކަތްކުރި،" ވިޓަލީ ވިދާޅުވި އެވެ.
ކޮމެންޓު ފޮނުވާ