72 ގަޑިއިރުތެރޭ އަލީ ވަހީދު ހާޒިރު ނުވެއްޖެނަމަ އަޝްހަދަށް ފިޔަވަޅު އަޅަނީ

72 ގަޑިއިރުތެރޭ އަލީ ވަހީދު ހާޒިރު ނުވެއްޖެނަމަ އަޝްހަދަށް ފިޔަވަޅު އަޅަނީ

Author
މުޙައްމަދު ޝަޒައިމް
28 ނޮވެމްބަރ 2021 11:42
0

ކުރިއަށް އޮތް 72 ގަޑިރުތެރޭ ކުރީގެ ޓުވަރިޒަމް މިނިސްޓަރ އަލި ވަހީދު ޝަރީއަތަށް ހާޒިރު ނުވެއްޖެނަމަ، ޖާމިނުވި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަސްހަދު އަލީ (އަޑުބަރޭ)އަށް ފިޔަވަޅު އަޅަން ކުރިމިނަލް ކޯޓުން ނިންމައިފިއެވެ.

މިއަދު ކްރިމިނަލް ކޯޓުގައި އޮތް އަޑު އެހުމަށްވެސް އަލީ ވަހީދު ހާޒިރުވުމަށް އެންގި ނަމަވެސް އޭނާ ހާޒިރުވެފައި ނުވެއެވެ. މައްސަލަ ބައްލަވާ ޤާޒީ ނިންމެވީ އަލީ ވަހީދު ހާޒިރު ނުވުމުން، ޖާމިނުކޮށްފައިވާ އަސްހަދުއަށް ފިޔަވަޅު އެޅުމަށެވެ. އެގޮތުން ކުރިއަށް އޮތް 3 ދުވަހުގެ ތެރޭގައި އަލީ ވަހީދު ކޯޓަށް ހާޒިރު ނުވެއްޖެނަމަ ފިޔަވަޅު އެޅާނެކަމަށް ޤާޒީ ވަނީ ވިދާޅުވެފައެވެ.

އާންމުކޮށް ސިއްރުކޮށްގެން ބާއްވާ މިމައްސަލައިގެ އަޑުއެހުންތައް މިއަދު ބާއްވާފައިވަނީ އާންމުކޮށް ހުޅުވާލައިގެންނެވެ. މިއަދުގެ އަޑު އެހުމުގައި، މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވިދާޅުވީ އަލީ ވަހީދަށް ބޭރުގައި ހުރެގެން ޝަރީއަތުގައި ބައިވެރިވެވޭނެ އިންތިޒާމް ހަމަޖައްސައިދިނީ އޭނާއަށް ބޭސްފަރުވާ ބޭނުންވާ ކަމަށް ބުނެ ލިޔުންތައް ހުށަހެޅުމުން އެކަމަށް ރިއާޔަތްކޮށެވެ. ނަމަވެސް, އެކަމަށް މިހާރު އެކަށީގެންވާ ވަގުތު ދެވިއްޖެ ކަމަށް ގާޒީ ވިދާޅުވިއެވެ.

ޤާޒީ ވިދާޅުވީ މިމައްސަލައިގައި އަލީ ވަހީދު ރާއްޖޭގެ އެންމެ މަތީ ކޯޓުތަކުގެ ހުރުމަތްވެސް ކަނޑާލާފައިވާކަމަށާއި، މިމައްސަލާގައި ދެން އޮންލައިންކޮށްވެސް ޝަރީއަތް ނުގެންދެވޭނެކަމަށެވެ. ޤާޒީ މިހެން ވިދާޅުވީ ސްޕްރީމް ކޯޓުން އޮންލައިންކޮށް ޝަރީއަތް ނުކުރެވޭނެކަމަށް ނިންމައި ކޮށްފައިވާ ހުކުމަށް ރިއާޔަތްކޮށެވެެ.

އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އޭނާ ކޯޓަށް ހާޒިރުވުމަށް ޗިޓު ފޮނުވިއެވެ. ނަމަވެސް އޭނާ ކޯޓަށް ހާޒިރުވެވަޑައިގެންފައި ނުވާތީ ސުޕްރީމް ކޯޓުން ވަނީ ކޯޓުގެ ހުރުމަތް ކެނޑިކަމުގެ ކުށުގައި އޭނާ ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން ހުކުމްކޮށްފައެވެ.

އަލީ ވަހީދު އިނގިރޭސިވިލާތަށް ވަޑައިގަތީ، އޭނާގެ މައްޗަށް ޖިންސީ ގޯނާގެ 7 ދަޢުވާއެއް ކްރިމިނަލް ކޯޓުގައި އުފުލާފައިވަނިކޮށެވެ. އަދި އޭނާގެ މައްޗަށް ކުރި ދައުވާތަކުގެ އަޑުއެހުންތައް ކޯޓުތަކުގައި ފަށާފައިވަނިކޮށް އިނގިރޭސިވިލާތުގައި ހުންނަވައިގެން އަލީ ވަހީދު ގެންދަވަނީ ޕްރޮސިކިއުޓަރ ޖެނަރަލާއި، ސަރުކާރުގެ އިސްވެރިންނަށް ފާޑުވިދާޅުވެ ވާހަކަފުޅުދައްކަވަމުންނެވެ.

އަލީ ވަހީދު ފުރަން ކްރިމިނަލް ކޯޓުން ހުއްދަ ދިނީ ހަތަރު މަހުގެ މުއްދަތަކަށެވެ. އެކަމަކު އެ މުއްދަތު ހަމަވި ފަހުން ވެސް އަލީ ވަހީދު ރާއްޖެ ވަޑައެއް ނުގަންނަވައެވެ. އަލީގެ ޕާސްޕޯޓް ހިފަހައްޓަން އެދުނު ނަމަވެސް އިޖުރާއީ މައްސަލަތަކާ ހުރެ އެ އަމުރު ވެސް ނެރެނުދެވެއެވެ. ފުލުހުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ސީޕީ ހަމީދު ވިދާޅުވީ އިންޓަޕޯލް ވެސް ހިނގާނީ އެކި ގައުމުތަކުގެ ޖުރިސްޑިކްޝަންތަކުގައި އެކި ގޮތަށް ކަމަށެވެ. އެހެންކަމުން އިންޓަޕޯލް ރެޑް ނޯޓިސް ނެރުނަސް، ޖިންސީ ފުރައްސާރައާއި ގޯނާގެ ދައުވާތައް އުފުލިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ގެނެވޭނެ ކަމުގެ ޔަގީން ކަން ނެތް ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.