ފައިސާ ޗާޕްކުރަނީ ގަވަރުނަރު "ބްލެކްމެއިލް" ހާލަތުގައި ބަހައްޓައިގެން: ސައީދު

ފައިސާ ޗާޕްކުރަނީ ގަވަރުނަރު "ބްލެކްމެއިލް" ހާލަތުގައި ބަހައްޓައިގެން: ސައީދު

Author
މުޙައްމަދު ޝަޒައިމް
23 ނޮވެމްބަރ 2021 02:36
0

އެމްއެމްއޭއިން ފައިސާ ޗާޕްކުރުމުގެ ހުއްދަ އިތުރު އެއް އަހަރަށް އިތުރުކޮށްދީ، ފައިސާ ޗާޕްކުރެވޭނެ ލިމިޓްކަމަށް 2.5 ބިލިއަން ރުފިޔާއަށް ކަޑައަޅާފައިވަނީ އެމްއެމްއޭގެ ގަވަރުނަރު ޢަލީ ހާޝިމް ބްލެކްމެއިލް ހާލަތުގައި ބަހައްޓައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވީ ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނު ގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކުން އިސްތިސްނާކުރުމަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުރުކުރުމާގުޅޭ މައްސަލައިގެ ކޮމެޓީ ރިޕޯޓަށް މިއަދު މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ސައީދު ވިދާޅުވީ ފައިސާ ޗާޕްކުރުމަށް ސަރުކާރުން ނިންމިއިރު، މިއީ ނުކުރާނެ ކަމެއްކަމަށް މީގެ ކުރިން ސަރުކާރުން ބަމުން ދިޔަކަމަށެވެ. މިވަރުގެ ކަމެއް ކުރަން ނިންމިއިރު، މިކަންކުރަން ނިންމި ސަބަބެއް އަދި ވިއްކަން އުޅޭ ކުންފުނިތަކެއްވެސް ނޭގޭކަމަށެވެ.

ފިނޭންސް މިނިސްޓަރު އަމީރުގެ އަމިއްލަ އިއުތިރާފެއް މިދިޔަ އަހަރު ބަޖެޓް ދިރާސާކުރި ކޮމެޓީގައި އޮންނާނެ، 4 ބިލިޔަން ރުފިޔާ ބޮންޑަކަށް ކޮންވާޓު ނުކުރާނެކަމަށް. ބަޖެޓް އައިއިރު، 4 ބިލިޔަން ރުފިޔާގެ އިތުރަށް ޗާޕުކުރާ ވާހަކަ މިދަންނަވަނީ. 4 ބިލިޔަންގެ އިތުރަށް 2.5 ބިލިޔަން ރުފިޔާ ޗާޕްކުރަން މިއުޅެނީ. 6.5 ބިލިޔަން ރުފިޔާ މާކެޓަށް އިންޖެކްޓް ކުރުމުގެ ހުއްދަ އެދިނީ މަރުކަޒީ ބޭންކުގެ ގަވަރުނަރު ބްލެކްމެއިލް ހާލަތުގައި ބަހައްޓައިގެން.

– ސައީދު ވިދާޅުވިއެވެ.

ސައީދުގެ ވާހަކަތަކާއި ގުޅިގެން މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ މެމްބަރުން ވަނީ ސައީދަށް ވާހަކައަށް ހުރަސް އެޅުމަށް އިރުއިރުކޮޅާ ނިޒާމީ ނުކުތާ ނަންގަވައި ވާހަކަ ހުއްޓުވުމަށް މަސައްކަތް ކޮށްފައެވެ. ޚާއްސަކޮށް އެމްއެމްއޭގެ ގަވަރުނަރު ހުންނެވީ "ބްލެކްމެއިލް" ހާލަތުގައި ކަމަށް ސައީދު ވިދާޅުވި ވިދާޅުވުމަކީ އެމްޑީޕީގެ މެމްބަރުންނަށްވެސް އަދި މަޖިލީހުގެ ރިޔާސަތުގައި އެވަގުތު އިންނެވި، ހަސަން އަފީފަށްވެސް ފަސޭހަ ކަމަކަށް ނުވިއެވެ. އަފީފްވެސް ސައީދުގެ ވާހަކަތާއި ގުޅިގެން ގަވަރުނަރު ހުންނެވީ "ބްލެކްމެއިލް" ހާލަތެއްގައި ނޫންކަމަށް ވިދާޅުވެފައެވެ.

އެމްއެމްއޭއިން ފައިސާ ޗާޕްކުރުމުގެ ހުއްދަ އިތުރު އެއް އަހަރަށް އިތުރުކޮށްދީ، ފައިސާ ޗާޕްކުރެވޭނެ ލިމިޓްކަމަށް 2.5 ބިލިއަން ރުފިޔާ ކަމަށް ވަނީ ކަނޑައަޅާފައެވެ. ސަރުކާރުން ފައިސާ ޗާޕްކުރަން ނިންމާފައިވާއިރު، 2020 ވަނަ އަހަރު އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެފައިވަނީ ކޯވިޑް-19ގެ މިހާލަތުގައި ފައިސާ ޗާޕްކުރެއްވުމުގެ އެއްވެސް ވިސްނުމެއް ނުގެން ގުޅުއްވާކަމަށެވެ.

ދުނިޔޭގެ ހުރިހާ ޤާއުމެއްގެ މަރުކަޒީ ބޭންކުތަކުންވެސް އިޤްތިޞާދީ ހާލަތު އެންމެ ދަށްވާ ހާލަތުގައިވެސް ފައިސާ ޗާޕްކުރުމަކީ ނުކުރާކަމެއްކަމަށް ގަވަރުނަރު ވިދާޅުވިއެވެ. އިޤްތިޞާދީ ގޮތުން އެންމެ ފުދުންތެރި އަދި ވަސީލަތްތައް ގިނަ ޤައުމުތަކުގައިވެސް ފައިސާ ޗާޕްކުރަންޖެހޭ ހާލަތެއް އަތުވެއްޖެނަމަ އެޤައުމެއްގެ އިޤްތިޞާދީ ބުރަދަނަށް ވަރަށްބޮޑަށް ރިޢާޔަތްކުރައްވާކަމަށްވެސް ގަވަރުނަރު ވިދާޅުވިއެވެ.

ބޮޑެތި ޤައުމުތަކުގައި މިގޮތަށް ފައިސާ ޗާޕްކުރިނަމަވެސް އެޤައުމުތަކުގެ އެތެރޭގައި ހުރި ވަސީލަތްތަކާއި، މަސައްކަތްތައް ބޭނުންކޮށްގެން އެ ހާލަތުން އަރައިގަތުމުގެ ފުރުޞަތު އޮތްކަމަށް ގަވަރުނަރު ވިދާޅުވިއެވެ. ނަމަވެސް ރާއްޖޭގައި ފައިސާ ޗާޕްކޮށްގެން އިޤްތިޞާދީ އަނދަވަޅުން އަރައިގަތުމަށް ކުރެވޭނެ ކަންތައްތަކެއް ނެތްކަން ގަވަރުނަރު ޢަލީ ހާޝިމް ފާހަގަކުރެއްވިއެވެ. ރާއްޖެއަކީ އިމްޕޯޓްދަށް، އެކްސްޕޯޓަށް ބަރޯސާވެފައިވާ ޤައުމަކަށްވާއިރު މިފަދަ ހާލަތެއްގައި ޕްލޭންކުރެވި ދުރާލައި ކަންކަންވާނެގޮތަކަށް ބަލައި ޕްލޭންތަކެއް ހެދުމަކީ މުހިންމުކަމެއްކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ކޯވިޑްގެ މިހާލަތަށް ރިޢާޔަތްކޮށް ރާއްޖޭގެ އިޤްތިޞާދަށް އަންނަ ބަދަލުތަކުގެ ތެރެއިން އެންމެ ގޯސްވާނެ ހާލަތަކަށްވެސް ރިޢާޔަތްކޮށް އެމްއެމްއޭއިން ޕްލޭނެއް އެކުލަވާލާފައިވާކަމަށްވެސް ގަވަރުނަރު ވިދާޅުވިއެވެ. އަދި އެހާލަތަށް ގޮސްފިނަމަ އެމްއެމްއޭއިން ދީފައިވާ ލަފާގެ މަތީންކަންކަން ކުރުމަކީ ރާއްޖޭގެ އިޤްތިޞާދު ހިފެހެއްޓުމަށް ކޮންމެހެން ކުރަންޖެހޭ ކަންތައްތަކެއްކަމަށްވެސް ގަވަރުނަރު އަލީ ހާޝިމް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.