ކުޅުދުއްފުށި ހޮސްޕިޓަލްގައި ޤާއިމުކުރި ދަރިމައިވުމުގެ ޞިއްޙަތާއި ގުޅޭ މަރުކަޒު ހުޅުވައިފި

ކުޅުދުއްފުށި ހޮސްޕިޓަލްގައި ޤާއިމުކުރި ދަރިމައިވުމުގެ ޞިއްޙަތާއި ގުޅޭ މަރުކަޒު ހުޅުވައިފި

ޔުނައިޓެޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑް(ޔޫ.އެން.އެފް.ޕީ.އޭ) ގެ އެހީގައި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގައި ޤާއިމުކުރި ދަރިމައިވުމުގެ ޞިއްޙަތާއި ގުޅޭ މަރުކަޒު " އުފަންވެނި ޞިއްޙަތު" ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ރަސްމީގޮތުން އިފްތިތާޙްކޮށްދެއްވައިފިއެވެ.

‎މަޒުކަޒު އިފްތިތާޙްކުރުމުގެ ގޮތުން މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ސަރުކާރުން ރާއްޖޭގެ ޞިއްޙީ ނިޒާމު ފުޅާކޮށް ތަރައްޤީކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.

އަދި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ތަރައްޤީކުރުމަށް ވޭތުވެ ދިޔަ ތިން އަހަރުގެ ތެރޭގައި އެ ހޮސްޕިޓަލަށް ގެނެވުނު ކުރިއެރުންތަކާއެކު މި ތިން އަހަރުގެ ތެރޭގައި އެ ހޮސްޕިޓަލުން ޚިދުމަތްތައް ހޯދި އަދަދު 3 ލައްކައާ ގާތްކުރާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ މި ކަންކަމުން އެނގެނީ އެހޮސްޕިޓަލުގެ ޚިދުމަތްތަކަށް ރައްޔިތުން އިތުބާރުކުރާ މިންވަރުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

‎ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ މި ސަރުކާރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އަލަށް ޤާއިމުކުރި ޚިދުމަތްތަކަކީ މީގެ އެތައް އަހަރެއްގެ ކުރިން ފެށިގެން ވެސް ބޭނުންވެފައިވާ ޚިދުމަތްތަކެއްކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ބަލިވެގެންހޮސްޕިޓަލަށް ޚިދުމަތް ހޯދަން އަންނަ މީހުން ނަށް އަޅާލުމާއި އޯގާތެރިކަމާއި ކުލުނާއެކީ ކަންތައްތައް ފަހިކޮށްދީ އެހީތެރިވެދިނުމަށް އެދިވަޑައިގެންނެވިއެވެ.

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި އިފްތިތާޙްކުރި “އުފަންވެނި ޞިއްޙަތު"މަރުކަޒަކީ މާލެ ސަރަޙައްދު ފިޔަވައި އެހެން ސަރަޙައްދެއްގައި ޤާއިމުކުރި މިފަދަ ފުރަތަމަ މަރުކަޒެވެ. މި މަރުކަޒުގެ ސަބަބުން ދަރިމައިވުމާ ގުޅޭ ގިނަ ޚިދުމަތްތައް އެއްތަނަކުން ލިބިގެންދިއުމަށް މަގުފަހިވެގެންދާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މި މަރުކަޒު އިފްތިތާޙުކޮށްދެއްވައި އެ މަރުކަޒު ބައްލަވާލައްވާފައިވެއެވެ. މީގެ އިތުރުން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި ހޮސްޕިޓަލުގެ ޙާލަތު ބައްލަވާލެއްވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *