16 ގަޑިިރު ބަޖެޓަށް ބަހުސް ކުރުމަށްފަހު އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހެޅި ބަޖެޓުގެ ބަހުސް މަރުހަލާ ނިންމާލައިފިއެވެ.
ބަހުސްގައި މެމްބަރުންގެ ފަރާތުން ފެނިގެންދިޔައީ އެމެމްބަރެއްގެ ދާއިރާއަށް ވެފައިވާ ވައުދުތައް ނުފުއްދި ލަސްވަކަމުގެ ޝަކުވާއެވެ. މަޖިލީހުގައި ހިމެނޭ ސަރުކާރަށް ނިސްބަތްވާ މައިޕާޓީ އެމްޑީޕީ މެމްބަރުންގެ އެންމެ ބޮޑު ޝަކުވާއަކަށްވެސް ވެފައިވަނީ ބަޖެޓުން ކަންކަން ކުރުމުގައި ތަފާތު ކުރުމެވެ. ވަކި ދާއިރާއަކަށް ވަކި ކަންތައްތަކެއްކޮށް، އެނެއްބައި ދާއިރާތަކަށް ކަންކަން ނުވާކަމުގެ ޝަކުވާ މެމްބަރުން ވަނީ ކޮށްފައެވެ.
އަންނަ 2022 އަހަރަށް ލަފާކޮށް ހުށައެޅި 36.9 ބިލިއަން ރުފިޔާގެ ބަޖެޓަށް ވާހަކަފުޅު ދެއްކެވުމަށް އެދިވަޑައިގެންނެވި ހުރިހާ މެންބަރުންނަށް ފުރުޞަތުދީ ބަހުސް މަރުހަލާ ނިންމާލާފައިވަނީ ރޭގެ ވަގުތެއްގައެވެ. ޖުމްލަ 87 މެންބަރުން ތިއްބަވާ މަޖިލީހުގައި ބަޖެޓަށް ވާހަކަފުޅު ދެއްކެވީ 70 މެންބަރުންނެވެ. އެހެންކަމުން ބަޖެޓަށް ވާހަކަފުޅު ނުދައްކަވާނީ 17 މެންބަރުންނެވެ. ބަޖެޓް ބަހުސްއަށް ޖުމްލަ 16 ގަޑިއިރާއި 12 މިނެޓް ހޭދަކޮށްފައިވެއެވެ. މިފަހަރު ބަޖެޓް ބަހުސް ފަށާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. އެގޮތުން އެންމެ ފުރަތަމަ ބަޖެޓަށް ވާހަކަފުޅު ދެއްކެވީ ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްޣަނީ އަބްދުލްޙަކީމް އެވެ. އަދި އެންމެ ފަހުން ވާހަކަފުޅު ދައްކަވާފައިވަނީ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު ޢާމިރުއެވެ.
މިބަޖެޓަށް ވާހަކަފުޅު ދެއްކެވި ގިނަ މެންބަރުން ވަނީ އަންނަ އަހަރުގެ ބަޖެޓަކީވެސް ކޯވިޑާއި އާއި ގުޅިގެން ކުރިމަތިވި އިޤްތިޞާދީ ހީނަރުކަމުން އަރައިގަތުމަށާއި، ރާއްޖޭގައި ޒަމާނުއްސުރެ ހައްލުނުވެ ހުރި ރައްޔިތުންނާއި ގުޅުހުން ހުރި އެކި އެކި ކަންކަމަށް ދާއިމީ ހަލެއްގެނެސްދިނުމަށް ހުށައަޅާފައިވާ ބޭނުންތެރި ގިނަ ކަންތައްތަކެއް ހުރިހާ ދާއިރާއަކުން ހިމަނާފައިވާ ބަޖެޓެއްކަން ފާހަގަކުރައްވާފައެވެ.
ބަޖެޓަށް މަޖިލީހުގައި ހިމެނޭ ހުރިހާ ސިޔާސީ ޕާޓީތަކުންވެސް ބަހުސްކޮށްފައިވާއިރު، އިދިކޮޅު މެންބަރުން ބުނަމުންދަނީ މިހާރުގެ ހާލަތައް މިއީ ދަރަނިބޮޑު ބަޖެޓެއްކަމަށާއި، ބަޖެޓް ކުޑަކުރަންޖެހޭކަމަށެވެ. އަދި ބައެއް ދާއިރާތަކަށް ބަޖެޓްގައި ހިމަނާފައިވާ އަދަދުތައް މަދުކަމުގެ ކަންބޮޑުވުން މެންބަރުން ވަނީ ފާޅުކުރައްވާފައެވެ.
ބަޖެޓް ބަހުސް ނިންމާލާފައިވާއިރު، ބަޖެޓް ދިރާސާކުރުމަށް ކަނޑައެޅި ކޮމިޓީން މިހާރުވެސްދަނީ ބަޖެޓް ދިރާސާކުރަމުންނެވެ. އެގޮތުން ބަޖެޓް ކޮމިޓީން ކުރިއަށްގެންދާ ދިރާސާކުރުމުގެ މަރުހަލާގައި، އެކި އެކި އިދާރާތަކާއި ކޮމެޓީންދަނީ ބައްދަލުކުރުމުންނެވެ. އެގޮތުން 17 މިނިވަން މުއައްސަސާއަކާއި، އެމްއެމްއޭގެ އިތުރުން އޮޑިޓަރ ޖެނަރަލްގެ އޮފީހާއެކުވަނީ މަޝްވަރާތައް ކުރައްވާފައެވެ. ނަމަވެސް ބަޖެޓް ހުށައަޅުއްވަމުން ފިނޭންސް މިނިސްޓަރ އަމީރުވަނީ މިފަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ޢަދަދުތަކަށްވުރެ އިތުރަށް އެއްވެސް މުއްސަސާއަކަށް އަދަދުތައް އިތުރުކޮށްދެވެންނެތްކަން ފާހަގަކުރައްވާފައެވެ.
ބަޖެޓް ކޮމިޓީގެ ދިރާސާއަށްފަހު އަންނަ ހަފްތާގައި ބަޖެތް ދިރާސާކުރި ގޮތުގެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް އަންނާނެކަމަށް ލަފާކުރެވޭކަމަށް މަޖިލީހުގެ ނާއިބުރައީސް ވަނީ ވިދާޅުވެފައެވެ. އެއާއެކު އެރިޕޯޓަށް ބަހުސްކުރުމަށް ކޮންމެ މެންބަރަކަށްވެސް 7 މިނެޓުގެ ވަގުތުދިނުމަށްވަނީ ހަމަޖެހިފައެވެ.
ކޮމެންޓު ފޮނުވާ