މާލެ ސަރަހައްދުގައި ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 7 އެކްސިޑެންޓް ހިނގާ ކަމަށާއި، މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި 1،355 އެކްސިޑެންޓް ރެކޯޑު ކުރެވިފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަފާސްހިސާބުތަކުން ދައްކައެވެ.
އާބާދީގެ ތޮއްޖެހުމާއި، އެއްގަމު އުޅަނދުފަހަރު އިތުރުވަމުންދާ މާލެ ސަރަހައްދުގެ ހަނި މަގުތަކާއި ކުދި ގޯޅިތައް، ބުރިޖު އަދި ހައިވޭ ސަރަހައްދު ވެފައިވަނީ ނުރައްކާތެރި ހާދިސާތަކުގެ މައި މަރުކަޒަކަށެވެ. ފުލުހުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ރެކޯޑު ކުރެވުނު ޖުމްލަ އެކްސިޑެންޓުތަކުގެ 83.25 އިންސައްތަ ހިނގާފައިވަނީ މާލޭގެ އެތެރޭގެ މަގުތަކުގައި ކަމަށާއި، ބްރިޖު އަދި ހައިވޭ ސަރަހައްދުގައި ހިނގާފައިވަނީ 16.75 އިންސައްތަ ކަމަށެވެ. މާނައަކީ، ކޮންމެ ފަސް އެކްސިޑެންޓަކުން ހަތަރަކަށްވުރެ ގިނަ އެކްސިޑެންޓް ހިނގަނީ މާލޭގެ އެތެރޭގައި ކަމެވެ.
މަހުން މަހަށް ބަލާއިރު، އެންމެ ގިނައިން އެކްސިޑެންޓް ހިނގާފައިވަނީ ޖަނަވަރީ މަހުއެވެ. އެއީ 253 އެކްސިޑެންޓެވެ. ފެބުރުއަރީ މަހު 191 އަށް އަދަދު ދަށަށް ދިޔުމަށްފަހު، މާރިޗު މަހު 23.56 އިންސައްތަ އިތުރުވެ 236 އެކްސިޑެންޓް ހިނގާފައިވެއެވެ. އަދި އޭޕްރީލް މަހު 232، މެއި މަހު 238، އަދި ޖޫން މަހު 205 އެކްސިޑެންޓް ރެކޯޑު ކުރެވިފައިވެއެވެ. ފާހަގަކުރެވޭ ކަމަކީ، ހިނގި އެކްސިޑެންޓުތަކުގެ 66.49 އިންސައްތަ ހިނގާފައިވަނީ ދުވާލުގެ ވަގުތުތަކުގައި ކަމަށްވުމުން، ރޭގަނޑަށްވުރެ ދުވާލު އެކްސިޑެންޓް ހިނގާ ނިސްބަތް ދެގުނަ އިތުރު ކަމެވެ.
މި ހާދިސާތަކުގައި 1،322 ފަރާތަކަށް ކުދި އަނިޔާތައް ލިބިފައިވާއިރު، 31 ފަރާތަކަށް ސީރިއަސް އަނިޔާތައް ލިބިފައިވެއެވެ. އަދި ހިތާމަވެރި ކަމަކީ، ފުރާނަ ގެއްލުނު ދެ ފަރާތެއްވެސް މީގެ ތެރޭގައި ހިމެނޭ ކަމެވެ. ހަމައެއާއެކު، 1،482 އުޅަނދަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށްވެސް ފުލުހުންގެ ރިޕޯޓުގައި ފާހަގަކުރެއެވެ.
މި ތަފާސްހިސާބުތައް ދޭ މެސެޖު ސާފެވެ. މާލޭގެ މަގުމަތި ދުވަހެއް ދުވަހަކަށް ނުރައްކާތެރި ވަމުންދާއިރު، މި ހާލަތު ބަދަލު ކުރެވޭނީ ހަމައެކަނި ކަމާބެހޭ ފަރާތްތަކުގެ މަސައްކަތުން ނޫނެވެ. ޓްރެފިކް ޤަވާއިދުތަކަށް ފުރިހަމައަށް ބޯލެނބުމާއި، ދުއްވާއިރު ސަމާލުކަން އިތުރު ކުރުމަކީ، މަގުމަތި ބޭނުންކުރާ ކޮންމެ ފަރާތެއްގެވެސް ޒިންމާއެކެވެ. އަމިއްލަ ފުރާނައާއި، އަނެކުންގެ ސަލާމަތަށްޓަކައި ޒިންމާދާރު ޑްރައިވަރަކަށްވުމަކީ، މިއަދު ކޮންމެހެންވެސް ކުރަންޖެހިފައިވާ ކަމެކެވެ.
ކޮމެންޓު ފޮނުވާ