ސިންގަޕޫރުގެ ޤައުމީ ދުވަހުގެ ތަހުނިޔާ ރައީސް މުޢިއްޒު ފޮނުއްވައިފި

ސިންގަޕޫރުގެ ޤައުމީ ދުވަހުގެ ތަހުނިޔާ ރައީސް މުޢިއްޒު ފޮނުއްވައިފި

Author
އަހުމަދު
09 އޮގަސްޓް 2026 08:18
0

ސިންގަޕޫރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި، އެ ޤައުމުގެ ރައީސާއި ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައިވަނީ، ސިންގަޕޫރުގެ ރައީސް ތަރުމަން ޝަންމުގަރަތުނަމް އަދި ބޮޑުވަޒީރު ލޯރެންސް ވޮންގާއި، އެ ޤައުމުގެ ރައްޔިތުންނަށް އިޚްލާޞްތެރި ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ. އަދި ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު އޮތް ވަރުގަދަ ރަޙުމަތްތެރި ގުޅުމަކީ، ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ އިތުބާރާއި އިޙްތިރާމުގެ މައްޗަށް ބިނާވެފައިވާ، ސަރަޙައްދުގެ ސުލްޙަ މަސަލަސްކަމާއި ކުރިއެރުމަށް އެދޭ ގުޅުމެއް ކަމުގައި ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، ސިންގަޕޫރުގެ ތަރައްޤީއަށާއި، އެއްބައިވަންތަކަމާއި ކާމިޔާބީއަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

ސިންގަޕޫރާއި ދިވެހިރާއްޖެއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ 1975 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 20 ވަނަ ދުވަހުއެވެ. ދެ ޤައުމުގެ ދެމެދުގައި ގާތް ގުޅުމެއް އޮތްއިރު، މިދިޔަ އަހަރު ސިންގަޕޫރުގެ ރައީސް ތަރުމަން ޝަންމުގަރަތުނަމްގެ ދަޢުވަތަކަށް ރައީސް ޑރ. މުޢިއްޒު ވަނީ އެ ޤައުމަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވާފައެވެ. މި ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން، މަތީ ފަންތީގެ ގިނަ މަޝްވަރާތަކެއް ކުރިއަށް ގެންދިޔައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އެ ދަތުރުފުޅުގައި، ޤާބިލުކަން އިތުރުކުރުމާއި، ތަޢުލީމީ ދާއިރާއާއި، ތިމާވެށީގެ ދާއިރާ ހިމެނޭގޮތުން މުހިންމު ތިން ދާއިރާއަކުން ދެ ޤައުމުގެ ދެމެދުގައި އެއްބަސްވުންތައް ވަނީ އެކުލަވާލާފައެވެ. މީގެ އިތުރުން، ސިންގަޕޫރުގައި ކުރިއަށްގެންދިޔަ ރާއްޖެ-ސިންގަޕޫރު ބިޒްނަސް ފޯރަމްގައި ދެ ޤައުމުގެ 200 އަށްވުރެ ގިނަ ވިޔަފާރިވެރިން ބައިވެރިވިއެވެ. މި ފޯރަމުގައި ރާއްޖޭގައި ހުރި އިންވެސްޓްކުރުމުގެ ފުރުޞަތުތަކުގެ މަޢުލޫމާތު ވިޔަފާރިވެރިންނާ ޙިއްޞާކުރެއްވިއެވެ.

ސިންގަޕޫރުގެ ޤައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ، މެލޭޝިއާއިން ވަކިވެ، އެ ޤައުމު މިނިވަން ޤައުމަކަށްވި ދުވަހެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.