ޣައްޒާ ސިޓީގެ ހުޅަނގުގައި ހުރި "ކަރަމް" އިމާރާތުގެ ކުނިބުނިތަކުގެ ދަށުން، ހަތަރު ދުވަހުގެ ސާޗް އޮޕަރޭޝަނަކަށްފަހު އިތުރު 19 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް ޣައްޒާގެ ސިވިލް ޑިފެންސުން ބުނެފިއެވެ.
ސިވިލް ޑިފެންސުން ބުނި ގޮތުގައި، މި ފަހަރު ފެނުނު ހަށިގަނޑުތަކުގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. ސާޗް އޮޕަރޭޝަން ލަސްވަމުންދާ މައިގަނޑު ސަބަބެއްގެ ގޮތުގައި އެ އިދާރާއިން ފާހަގަކުރީ ހަލާކުވެފައިވާ ސިމެންތި ބެރިތަކާއި ބިޔަ ގާކުނޑިތައް ނެގުމަށް ބޭނުންވާ ބަރު މެޝިނަރީ ނެތުމެވެ. އެހެންކަމުން، ޓީމުތަކުން މަސައްކަތް ކުރަން ޖެހިފައިވަނީ ވަރަށް އާދައިގެ ކުދި އާލާތްތައް ބޭނުންކޮށްގެން، އަތުންނެވެ.
ސިވިލް ޑިފެންސްގެ އޮފިޝަލް މުހައްމަދު އަބޫ ދާން ވިދާޅުވި ގޮތުގައި، މި އޮޕަރޭޝަން ނިންމާލުމަށްފަހު ސިވިލް ޑިފެންސް ކްރޫތަކާއި ހާއްސަ މެޑިކަލް ޓީމުތަކުން މިހާރު ތައްޔާރުވަމުންދަނީ ޣައްޒާ ސިޓީގެ އެހެން ސަރަހައްދެއްގައި މީހުން ހޯދުމުގެ މަސައްކަތް ފެށުމަށެވެ. ކުނިބުނިތަކުގެ ދަށުގައި ތިބި މީހުން ހޯދުމުގެ މަސައްކަތް ހުއްޓައިނުލައި ކުރިއަށްގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން، އިސްރާއީލުގެ ހަމަލާތަކުގައި ހަލާކުވެފައިވާ އިމާރާތްތަކުގެ ދަށުގައި އަދިވެސް 8،000 އަށްވުރެ ގިނަ މީހުން ވީނުވީއެއް ނޭނގި ޝަހީދުވެފައި ވާ ކަމަށް ބެލެވެއެވެ. މީގެ ހަފުތާއެއްހާ ދުވަސް ކުރިން، 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ދިން ހަމަލާއެއްގައި ހަލާކުވި ސަބްރާ އަވަށުގެ އިމާރާތެއްގެ ދަށުން، އަބޫ ޝަރީއާ އަދި އަލްހަސައިނާ އާއިލާއަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ފެނި، ޖަނާޒާ ބާއްވައިފައިވެއެވެ.
ފާއިތުވި އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހު ދެ ފަރާތުގެ ދެމެދުގައި ހަމަލާތައް ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވެފައި އޮތް ނަމަވެސް، އޭގެ ފަހުން މިހާތަނަށް 1،254 އަށްވުރެ ގިނަ މީހުން ޝަހީދުވެ، 4،121 މީހުން ވަނީ ޒަޚަމްވެފައެވެ. 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިއަދާ ހަމައަށް، އިސްރާއީލުގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ ޖުމްލަ އަދަދު 73،300 އިން މައްޗަށް އަރައި، ޒަޚަމްވި މީހުންގެ އަދަދު ވަނީ 174،000 އިން މައްޗަށް ގޮސްފައެވެ. ޣައްޒާގެ ސިއްހީ ނިޒާމު މުޅިންހެން ހަލާކުވެފައި ވާއިރު، އާބާދީގެ ބޮޑު ބައެއް ދިރިއުޅެމުންދަނީ ގެދޮރުގެއްލި، ވަގުތީ ފޭލިގެތަކާއި މީހުން އުޅޭ މަރުކަޒުތަކުގައެވެ.
ކޮމެންޓު ފޮނުވާ