ހުޅުމާލެ ހޮސްޕިޓަލްގެ މުއައްޒަފަކާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތްކަމަށް އެ ހޮސްޕިޓަލުން މިރޭ ބުނެފިއެވެ.
ޑޮކްޓަރަށް ދެއްކުމަށް ހުޅުމާލެ ހޮސްޕިޓަލަށް ދިޔަ ބަލިމީހަކަށް މެޑިކަލް އޮފިސަރަކު ކަންތައްކުރި ގޮތް ކަމަށްބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކާ ގުޅިގެން އެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ވާހަކަތަކުގައި އެއްވެސް ކަހަލަ ހަގީގަތެއް ނެތްކަމަށާއި، އެ ހޮސްޕިޓަލުން ފޯރުކޮށްދޭ ހުރިހާ ޚިދުމަތްތަކަކީ ބަލިމީހުންގެ ރައްކާތެރިކަމާއި ކަރާމާތާއި އަމިއްލަ މިނިވަންކަމަށް އިސްކަންދީގެން ދެވޭ ޚިދުމަތްތަކެއް ކަމަށެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ބަލިމީހުން ހުށަހަޅާ ކޮންމެ މައްސަލައަކީވެސް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، ކަނޑައެޅިފައިވާ ސިޔާސަތުތަކާއި ފަންނީ މިންގަނޑުތަކާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށެވެ. އަދި ބަލިމީހުންނަށް ފަރުވާ ދިނުމުގައި ބަލިމީހާގެ ރުހުން ހޯދުމާއި ކްލިނިކަލް އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމަށް އެންމެހާ މުވައްޒަފުންނަށް އަބަދުވެސް ބާރުއަޅަމުން އަންނަ ކަމަށްވެސް ބުނެފައިވެއެވެ.
ދައުލަތުގެ ސިއްހީ ޚިދުމަތްދޭ މުއައްސަސާއެއްގެ ހައިސިއްޔަތުން ބަލިމީހުންނާއި މުވައްޒަފުންގެ އަމިއްލަ މައުލޫމާތާއި ސިއްރުތައް ހިފެހެއްޓުމަކީ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ކަށަވަރުކުރާނެ ކަމެއް ކަމަށްވެސް ހުޅުމާލެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ. މީގެ އިތުރުން، ޚިދުމަތްތައް ފޯރުކޮށްދިނުމަށް ދަތިވާނެ ފަދަ، ހަގީގަތާ ޚިލާފު މައުލޫމާތު ނުފެތުރުމަށްވެސް އެ ހޮސްޕިޓަލުން ވަނީ އެދިފައެވެ.
ކޮމެންޓު ފޮނުވާ