ތ. މަޑިފުށިން ފުރައިގެން ދަތުރުކުރަނިކޮށް އަޑިއަށްދިޔަ "ފްރެންޑް 4″ ދޯނިން ގެއްލުނު ތިން މީހުން ހޯދުމަށް މިހާތަނަށް 7،482 އަކަ ނޯޓިކަލް މޭލުގެ ސަރަޙައްދެއް ބަލައި ފާސްކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
ހިލަ އާއި ހިލަވެލި ބަރުކޮށްގެން ޅ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ހަނޑަހަށް ދަތުރުކުރި މި ދޯނި ބަންޑުން ޖަހާލާފައިވަނީ ގއ. ކުޑަލަފަރީގެ 4.1 ނޯޓިކަލް މޭލު ބޭރުންނެވެ. އެ ސަރަޙައްދުގެ ފުންމިނުގައި ގާތްގަނޑަކަށް 1،645 މީޓަރު (5،489 ފޫޓު) ހުންނާނެ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ފުލުހުން ބުނާ ގޮތުގައި ދޯނި އަޑިއަށްދާ ކަމުގެ މައުލޫމާތު ލިބުނީ އެރޭ 22:40 ހާއިރުއެވެ. ސިފައިންނާއި ފުލުހުން ގުޅިގެން ދޯނި ސަލާމަތްކުރުމުގެ މަސައްކަތް ފެށި ނަމަވެސް، އެ ދޯނި މުޅިން އަޑިއަށް ގޮސްފައިވަނީ ފަތިހު 3:25 ހާއިރުއެވެ.
އެމްއެންޑީއެފުން ރޭ އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، ވައިގެ މަގުން 6،112 އަކަ ނޯޓިކަލް މޭލާއި، ކަނޑުމަގުން 1،370.10 އަކަ ނޯޓިކަލް މޭލުގެ ސަރަޙައްދެއް މިހާތަނަށް ވަނީ ބަލައި ފާސްކޮށްފައެވެ. ނަމަވެސް ދޯނީގެ ވެސް، އަދި ގެއްލުނު އެއްވެސް މީހެއްގެ ނިޝާނެއް އަދި ފެނިފައެއް ނުވެއެވެ.
ސާޗް އޮޕަރޭޝަނުގައި ވައިގެ މަގުން ޔޫއޭވީ އާއި މޯލްޑިވިއަންގެ ފްލައިޓެއް ދަނީ ބޭނުންކުރަމުންނެވެ. އަދި ކަނޑުމަގުން އެމްއެންޑީއެފް ކޯސްޓްގާޑާއި ފުލުހުންގެ އުޅަނދުފަހަރު ދަނީ މެދުނުކެނޑި ހަރަކާތްތެރިވަމުންނެވެ.
މި ހާދިސާގައި ގެއްލިފައިވަނީ ފުލުހުންގެ ޚިދުމަތުގެ 33 އަހަރުގެ ޕޮލިސް ސާޖަންޓް ޢަލީ ނާފިޢު އާއި، އެމްއެންޑީއެފްގެ 39 އަހަރުގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދުގެ އިތުރުން، ދޯނީގެ ކެޕްޓަން، ތ. މަޑިފުށި، ދޮންވެލި، 35 އަހަރުގެ މުޙައްމަދު ޙަމްދޫނެވެ.
ސަލާމަތީ ބާރުތަކުން ބުނީ ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރިއަށް ގެންދާނެ ކަމަށެވެ.
ކޮމެންޓު ފޮނުވާ