މޫސުމް ގޯސްވެގެން ފަސްކޮށްފައިވާ ދިވެހިރާއްޖެއާ ލަންކާ ވާދަކުރާ، މެޗު މިއަދު ހަވީރު ކުޅެން ސްރީ ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަނުން ނިންމައިފިއެވެ.
ސްރީ ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އިއުލާންކޮށްފައިވާ ގޮތުގައި ރާއްޖެއާ ލަންކާ ވާދަކުރާ މެޗު ކުޅުމަށް މިހާރު ނިންމާފައިވަނީ އަންގާރަ ދުވަހު ހަވީރުއެވެ. މެޗު ފެށޭނެ ގަޑިއެއް ކަމަށް މިހާރު އިއުލާންކޮށްފައިވަނީ ލަންކާ ގަޑިން މިއަދު ހަވީރު ތިންގަޑި ފަނަރާގައެވެ.
ލަންކާ އާއި ރާއްޖެ މެޗް ފަސްކޮށްފައިވާއިރު، މިމެޗް ޝަރަފުވެރިކޮށް ދެއްވުމަށްޓަކައި ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހު ވަނީ ލަންކާއަށް ވަޑައިގެންފައެވެ. ލަންކާގެ މޫސުން ގޯސްވެ އެގައުމަށް ބޯކޮށް ވާރޭ ވެހޭތާ މިހާރު ވަނީ ހަފްތާއަކަށް ވުރެއް ގިނަ ދުވަސްވެފައެވެ. އަދި އެގައުމަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބައެއް ސަރަހައްދުތަކުގައި ވަނީ ފެންބޮޑުވެފައިވެއެވެ.
މިމުބާރާތުގައި ރާއްޖޭގެ އިތުރުން ވާދަކުރަނީ ސްރީލަންކާ، ބަންގްލަދޭޝް އަދި ސީޝެލްސްއެވެ. މާލޭގައި ނިމިގެންދިޔަ އުރީދޫ ސާފް ޗެންޕިއަންޝިޕްގައި ރާއްޖެއިން ވަނީ ލަންކާގެ އިތުރުން ބަންގްލަދޭޝްވެސް ބަލިކޮށްފައެވެ.