ދިވެހިރާއްޖޭގެ ކުޅިވަރާބެހޭ ޤާނޫނަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ހުށަހަޅުއްވާފައިވާ އިސްލާހުތަކާއި ދެކޮޅަށް 18 އެސޯސިއޭޝަނުން ތެދުވެއްޖެއެވެ. ރާއްޖޭގައި ހިންގާ ޤައުމީ ކުޅިވަރު ހުރިހާ އެސޯސިއޭޝަނަކުން ގުޅިގެން ނެރެފައިވާ މިބަޔާން މިނިސްޓަރ މަހުލޫފްވަނީ ޓްވީޓްކުރައްވާފައެވެ.
Kulhivaru qaanoonah husha’alhaafaivaa islaah thakaai gulhigen kanboduvun faalhukoh hurihaa Qaumee Kulhivaru Association thakun nerefaivaa bayaaneh alhugandah vanee libifa.
-Olympic Charter aai khilaaf / Olympic movement inn ?? suspend kuraanekan.
-Kulhivaru siyaasee nukuraakan. pic.twitter.com/joPjLtpurc
— Ahmed Mahloof (@AhmedMahloof) November 2, 2020
ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކާއިމެދު ކަންބޮޑުވުން ފާޅުކޮށް އެސޯސިއޭޝަންތަކުން ނެރެފައިވާ ގުޅިފައިވާ ބަޔާނުގައި ބުނެފައިވަނީ އެސޯސިއޭޝަނުންގެ ކަންބޮޑުވުން ހުރި މާއްދާތައް މި ބަޔާނުގައި ހިމަނާފައެވެ. ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނަށް އިސްލާހު ގެނައުމުގެ މަޝްވަރާއާއި މަސައްކަތްތައް، ކުޅިވަރާބެހޭ ވުޒާރާއާއި، ކުޅިވަރާބެހޭ ޤައުމީ މަޖިލީހާއި، އެންމެހައި ޤައުމީ ކުޅިވަރު އެސޯސިއޭޝަންތަކުން ގުޅިގެން ކުރަމުންދާ މިދަނޑިވަޅުގައި، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފް، ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނުގެ 51 ވަނަ މާއްދާގެ ފަހަތަށް އިތުރުކުރުމަށް ހުށައަޅާފައިވާ މާއްދާތަކާއި ގުޅޭގޮތުން އެސޯސިއޭޝަންތަކުން ފާހަގަ ކުރާކަންތައްތައް:
– ހުށައަޅާފައިވާ މިއިސްލާޙަކީ އިންޓަރނޭޝަލް އޮލިމްޕިކް ކޮމެޓީގެ، އޮލިމްޕިކް ޗާޓަރގެ 27.5 އަދި 27.6 މާއްދާއާއި ޚިލާފު އިސްލާހެއް.
– އެގޮތުން މިއިސްލާޙު ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނަށް ގެނައުން ވެގެންދާނީ، އޮލިމްޕިކް ޗާޓަރގެ 27.9 ވަނަ މާއްދާގައި ފާހަގަކޮށްފައިވާ ހާލަތު އުފެދޭން މެދުވެރިވާ ސަބަބަކަށް.
– މިކަމުގެ ނަތީޖާއެއްގެގޮތުން މިޗާޓަރގެ 59 ވަނަ މާއްދާއިން ކަނޑައަޅާފައިވާ، އޮލިމްޕިކް މޫވްމަންޓުން ދިވެހިރާއްޖެ ސަސްޕެންޑް ވެގެންދާނެކަން މިމާއްދާތަކުން ސާފުކޮށް އެގެން އޮތީތީ މި ކަންބޮޑުވުން ފާހަގަކުރަން.
– ދުނިޔޭގެ ކުޅިވަރުގެ ތާރީޚުގައި މިޒާތުގެ މައްސަލަތަކުގެ ސަބަބުން އެތައް ޤައުމެއް ސަސްޕެންޑް ވެފައިވާކަން ފެންނަންއޮތްއިރު، މިކަހަލަ ކަމެއްގެ ސަބަބުން ދިވެހިރާއްޖެ ސަސްޕެންޑް ވުމަކީ ދިވެހިރާއްޖޭގެ ކުޅިވަރު އާއިލާއާއި، ކުޅިވަރަށް ލޯބިކުރާ އެއްވެސް ދިވެހިރައްޔިތަކު އެދޭނެ ކަމެއް ނޫން.
– ކުޅިވަރު އެސޯސިއޭޝަންތަކުގެ އަސާސީ ގަވާއިދާއި، ހިންގާ ކޮމެޓީގެ މަސްއޫލިއްޔަތުތަކާއި، ކުޅުންތެރިން ވީއްލުމާއި، އިދާރީ ހިންގުމުގެ އުސޫލުތަކާއި ގުޅޭގޮތުން ހިމަނާފައިވާ ގިނަ އިސްލާހުތަކަކީ، ދިވެހިރާއްޖޭ ކުޅިވަރު ޤާނޫނުން ބާރުލިބިދީގެން ހަދާފައިވާ އެކިއެކި ގަވާއިދުތަކުގައި ހިމެނޭ ކަންތައްތަކެއް.
އެގޮތުން، ގަވާއިދުގައި (ދިވެހިރާއްޖޭގެ ކުޅިވަރު ޖަމްޢިއްޔާތައް ރަޖިސްޓަރީކޮށް ހިންގުމާބެހޭ ގަވާއިދު) އާއި ގަވާއިދުގެ (ކުޅުންތެރިންނާއި އޮފިޝަލުން ވީއްލުމާބެހޭ ގަވާއިދު) ގައި މިކަންކަން ފާހަގަކޮށް އެކަށަ އަޅާފައިވާކަން އެސޯސިއޭޝަންތަކުން ވަނީ ފާހަގަކޮށްފައެވެ.
މިއުސޫލާއި ގަވާއިދުގެ ތެރެއިން މިހާރުވެސް ކުރެވެމުންދާ އަދި ހުރިހާ އެސޯސިއޭޝަނަކުންމެ ކުރަމުން އަންނަ މިފަދަ ކަންކަން ނުކުރާކަމަށް ދޭހަވާ މޭރުމުން މިބިލުގައި ހިމަނާފައިވުމާއި، އަދި ކުޅިވަރު އެސޯސިއޭޝަންތަކަކީ އެއްވެސް އަސާސެއް އަދި އެސޫލެއްވެސްނެތި ހިންގަމުންދާ ތަންތަންކަމަށް ދިވެހި ރައްޔިތުންނަށް ދޭހަވާ ބީދައިން މި އިސްލާޙާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ގެންދަވާތީ، އެކަމާ ދިވެހި ކުޅިވަރުގެ އާއިލާއިން ކަންބޮޑުވާކަމާއި ހިތާމަކުރާކަމަށް މިބަޔާނުގައި ބުނެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ކުޅިވަރު ސިޔާސީ ނުކޮށް، ކުޅިވަރު އެސޯސިއޭޝަންތަކާ ގާތް ގުޅުމެއް ބާއްވައި، ކުޅިވަރަށް ބޮޑު ހޭދައެއްކޮށް، ސަރުކާރާއި ކުޅިވަރު އެސޯސިއޭޝަންތަކާއެކު ރޭވުންތެރިކަމާއެކު ކުރެވޭ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ބައިނަލްއަޤްވާމީ މުބާރާތްތަކުން ދިވެހި ޤައުމު ފަޚުރުވެރިވާފަދަ ރަގަޅު ކާމިޔާބީތަކެއް ދިވެހިރާއްޖޭގެ ކުޅުންތެރިން ހޯދަމުންދާކަން އެސޯސިއޭޝަންތަކުގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އެހެންކަމުން، ކުޅިވަރު ތަރައްޤީކޮށް ކުރިއެރުވުމަށް، ސަރުކާރުން ކުރައްވަމުން ގެންދަވާ މުހިއްމު މަސައްކަތްތަކުގައި ޤައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގައި އެސޯސިއޭޝަންތަކުން ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ