އާރާއިބާރުލިބި ބޮޑެތި މަޤާމުތައް ލިބުމުން މާޒީގައި ކަންކަން ވީގޮތުން ހަނދާން ނައްތާލުމަކީ އޭގެ ސަބަބުން ހީނުކުރާވަރުގެ ގެއްލުން ވެދާނެ ކަމެއް ކަމުގައި މޯލްޑިވްސް ޓްރޭޑް ޔޫނިއަންގެ ނާއިބު ރައީސް ސަައުދުﷲ އަހުމަދު ވިދާޅު ވެއްޖެއެވެ.
ސައުދު މިހެން ވިދާޅުވީ ކޯލިޝަން ސަރުކާރުގެ ސަބަބުން ރާއްޖޭގެ ރައްޔިތުން އުއްމީދުކުރި ފުރިހަމަ ހެޔޮބަދަލު ފެނިގެން ނުދާކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު ރާޢީ ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ. ސައުދު ވިދާޅުވީ ނިމިދިޔަ ރައީސް ޔާމީންގެ ވެރިކަމުގައާއި، ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ކަންކަން ވެގެންދިޔަގޮތް ރާއީއަށް ނުފެނުމަކީ އަޖައިބެއްކަމަށެވެ. އެތައްބަޔަކު ކުރި މަސައްކަތުން މިއަދު ވެރިކަމާއި ޖާހަތާއި އާރާއި ބާރު ލިބުމުން ކުއްލިއަކަށް މާޒީ މަތިން ހަދާން ނައްތާލައި ބޮޑާ ވުމަކީ އޭގެ ނަތީޖާ ގޯސްވެދާނެ ކަމެއްކަމަށް ސައުދު ވިދާޅުވިއެވެ.
ރައީސް ޔާމީން ވެރިކަމުގަ އަދި ރިޔާސީ އިންތިޚާބުގައި މަނިކުފާނު އުޅުއްވީ ކޮން ޤައުމަކުތޯ؟ އާރާއި ބާރު ލިބުނީމަ ހަނދާން ނެތުމަކީ އޭގެ ސަބަބުން ހީނުކުރާވަރުގެ ގެއްލުން ވެދާނެ ކަމެއް.
– ސައުދު ވިދާޅުވިއެވެ.
ރާއީ ގެންދަވަނީ އެމްޑީޕީ ހިމެނޭ މި ސަރުކާރު ކޯލިޝަނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. ޚާއްޞަކޮށް ކޯލިޝަންގައި ހިމެނޭ އަދާލަތުޕާޓީއާއި އެޕާޓިގެ ރައީސް ޝައިޚް އިމްރާން ޢަބްދުﷲއަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވައެވެ. ސަރުކާރު ކޯލިޝަންގައި ދެން ހިމެނެނީ ޖުމްހޫރީ ޕާޓީއެވެ.
ކޯލިޝަން ސަރުކާރަށް ފާޑުވިދާޅުވެ މެންބަރު ރާޢީ ވިދާޅުވީ، ކޯލިޝަން ސަރުކާރުގެ ސަބަބުން ރާއްޖޭގެ ރައްޔިތުން އުއްމީދުކުރި ފުރިހަމަ ހެޔޮބަދަލު ފެންނަމުން ނުދާކަމަށެވެ. އޭނާ ވިދާޅުވީ އަބަސްވެސް ރައްޔިތުންގެ އުއްމީދަކީ ހަމައެކަނި އެމްޑީޕީ ސަރުކާރުން ރައްޔިތުން އެދޭ ހެޔޮ ބަދަލު ގެނައުންކަމަށެވެ.
ކޯލިޝަންގެ އެންމެ ބޮޑު ޕާޓީއެއްގެ ގޮތުގައި އަދިވެސް އޮތް އެމްޑީޕީގެ ލީޑަރޝިޕްގެ އިސް ބޭފުޅުންނާއި އަދި މަޖިލިސް ރައީސް ނަޝީދުގެ ފާޑުކިއުން މެދުކެޑުމެއްނެތި އަދާލަތު ޕާޓީއަށް އަމާޒުވަމުން ދާއިރު، އަދިވެސް އެޕާޓީ އޮތީ ކޯލިޝަންގެ މުހިންމު ޕާޓްނަރެއްގެ ގޮތުގައެވެ. އެހެންނަމަވެސް، މަޖިލިސް ރައީސް ތުހުމަތު ކުރައްވަމުން ގެންދަވަނީ ރައީސް އިބުރާހިމް މުހައްމަދު ސޯލިހު ހުންނެވީ ހަރުކަށި ފިކުރުގެ މީހުންގެ މެދުގައި ތާށިވެފައިކަމުގައެވެ. އަދި އެއަށްފަހު ވިދާޅުވަމުން ގެންދަވަނީ، އަދާލަތުޕާޓީން ރައީސް އިބުރާހިމް މުހައްމަދު ސޯލިހުގެ ނިންމެވުންތަކަށް ނުފޫޒު ފޯރުވަމުން ގެންދަވާ ކަމަށެވެ.