ފުލުހުން މިމަހުގެ 13 ވަނަ ދުވަހު ހިންގި ޑްރަގް އޮޕަރޭޝަނެއްގެ ތެރެއިން 100 ކިލޯ މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރި މީހުންގެ ތެރެއިން އިތުރު ދެ މީހަކު ދޫކޮށްލައިފިއެވެ.
މި މައްސަލައިގައި ހައްޔަރުކުރި ގއ. ކޮލަމާފުށި ސޯސަންގެ އިބްރާހިމް ޒައިދު ހަބީބްއާއި، ހދ. މަކުނުދޫ ޑިއާފްރެންޑް އިބްރާހިމް ޝިނާނު ވެސް ކްރިމިނަލް ކޯޓުން މިހާރު ވަނީ ދޫކޮށްލާފައެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރި 10 މީހުންގެ ތެރެއިންމިހާރު ބަންދުގައި ތިބީ، ނ. ވެލިދޫ ބީޗްހެވަން ޖުމާން މުސްތަފާ، ލ. ކަލައިދޫ ޖަނަވަރީމާގެ މުޙައްމަދު އަހުމަދާއި، ދ. ބަނޑިދޫ ޕޮލަރިސް މުޙައްމަދު ހުސައިންގެ އިތުރުން، ބަންގްލަދޭޝްގެ 2 މީހުން ވެސް ހިމެނެއެވެ.
100 ކިލޯގެ މަސްތުވާތަކެތީގައި މައްސަލާގައި ފުލުހުން ޖުމްލަ 10 މީހަކު ހައްޔަރުކުރިއެވެ. އެ މީހުންގެ ބަންދާ މެދު އެންމެ ފުރަތަމަ ގޮތެއް ނިންމުމަށް މިމަހުގެ 14 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން އެ ދުވަހު ކޯޓުން ވަނީ ދެ މީހަކު ދޫކޮށްލާފައެވެ. އެހެންވެ އެ ދެ މީހުންގެ މައުލޫމާތު ފުލުހުން މިއަދާ ހަމައަށް ވެސް ހާމަކޮށްފައެއް ނުވެއެވެ. އެކަމަކު ފުލުހުން ބުނާ ގޮތުން ކޯޓުން އެ ދުވަހު ދޫކޮށްލި ދެ މީހުންނަކީ 100 ކިލޯ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އެންމެ އިސްކޮށް އުޅުނު ދެ މީހުންނެވެ.
އެ މީހުން ދޫކޮށްލި މައްސަލަ އިސްތިއުނާފް ކުރުމަށް ފުލުހުންގެ ފަރާތުން ޕީޖީގައި އެދުނު ނަމަވެސް މައްސަލަ އިސްތިއުނާފް ނުކުރުމަށް ޕީޖީ ވަނީ ނިންމާފައެވެ. އޭގެފަހުން މިމަހުގެ 26 ވަނަ ދުވަހު ވެސް ކްރިމިނަލް ކޯޓުން ވަނީ މިމައްސަލާގައި ހިމެނޭ މީހެއްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދޫކޮށްލާފައެވެ. އެ ދުވަހު ކޯޓުން ދޫކޮށްލީ ގއ. ދެއްވަދޫ، ދޭލިޔާގެ މިދުހަތު އިބްރާހީމް (26އ) އެވެ.
މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން ފުލުހުން ވަނަވަރު އާއްމުކުރީ 8 މީހެއްގެއެވެ.
މި މީހުން ހައްޔަރުކުރި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ، އޮކްޓޯބަރ މަހުގެ 13 ވަނަ ދުވަހުއެވެ. އެ އޮޕަރޭޝަންގައި ރާއްޖޭގެ ބައެއް ފަޅު ރަށްތަކާއި، ހުޅުމާލެއާއި މާލެ އާއި މާލޭގެ ބައެއް ގޭގޭގެ އިތުރުން ސަފާރީއަކާއި ލޯންޗެއް ބަލައި ފާސްކުރިއެވެ. 100 ކިލޯއަށްވުރެގިނަ މަސްތުވާތަކެތި ހޯދާފައިވަނީ ފަޅުރަށެއް ކަމަށްވާ އދ. ބޮޑުކާށިހުރާއިންނެވެ.
މި އޮޕަރޭޝަނާ ދާދި އެކު އެކީގަހެން ހިންގުނު އިތުރު އޮޕަރޭޝަނެއްގައި ވެސް ފުލުހުން ވަނީ 215 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ ދެ މީހަކު ހައްޔަރުކޮށްފައެވެ. އެ ދެ މީހުން އަދިވެސް ތިބީ ފުލުހުންގެ ބަންދުގައެވެ.