ސިޔާސީ ޕާޓީތަކާއި އެކު ފާއިތުވެދިޔަ ދެދުވަހެއްގައި މަޝްވަރާ ކުރައްވާފައިވަނީ ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރުމަށް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުހެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ފާއިތުވެދިޔަ ދެދުވަހެއްގައި ގިނަ ސިޔާސީ ޕާޓީތަކާއި މަޝްވަރާ ކުރައްވާފައިވާކަމަށެވެ. ސިޔާސީ ޕާޓީތަކާއި މަޝްވަރާ ކުރުމުގެ އެންމެ ބޮޑު މަޤުސަދަކީ ގިނަ ބަޔަކު ޤާނޫނޫ އަސާސީއަށް އިސްލާހު ގެނައުމަށް މަޖިލީހުގެ އިދާރާގައި އެދެމުންދާތީކަމަށެވެ.
އަދި ހަމަ މިއާއިއެކު ޖުޑިޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށްވެސް ހުށަހެޅިފައިވާކަމަށެވެ. ޤާނޫނު އަސަސީއަށް އިސްލަހު ގެނެވެންވާނީ ގިނަ ސިޔާސީ ޕާޓީތަކާއި، އާންމު ރައްޔިތުންގެވެސް ޚިޔާލާއި މަޝްވަރާ އެކުގައިކަމަށްވާއިރު އެކަން އެމަގުން ކުރެވުމަކީ އެންމެ ބޭނުންތެރި ގޮތްކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ޤާނޫނު އަސާސީއަށް އަމަލު ކުރަމުންދާތާ 14 އަހަރު ފާއިތުވަމުންދާއިރު، ސިޔާސީ މަސްރަހުގައި ހުރި ގޮންޖެހުންތަކަކީ ކޮބައިކަން ސާފުވާކަމަށެވެ. މިކަންކަމާއިއެކު ކުރިއަށްދެވޭނީ ސިޔާސީ ގޮތުން އޮތް ހައްލުތަކެއް ހޯދައިގެން ކަމަށާއި އެކަން ކުރެވޭނީ ޤާނޫނު އަސާސީއަށް އިސްލާހު ގެނެސް އެންމެން އެދޭ ހައްލެއް ލިބިގެންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ރައީސް ނަޝީދު ގެންދަވަނީ ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުންނެވެ. އެމަނިކުފާނު ވަނީ މިމަސައްކަތުގައި ރައީސް ޞާލިހާއިވެސް ބައްދަލު ކުރައްވާފައެވެ.