އިޓަލީގައި ގޭގައި ބަންދު ކޮށްފައިހުރި ކުށްވެރިއަކު، ފުލުހުސް އޮފީަހަށް އަމިއްލައަށް ހާޒިރު، ގޭ ބަންދުގައި ހުންނަ ހުރުމުގައި، އޭނާގެ އަންހެނުންނާއެކު ދިރިއުޅުން ތަހައްމަލް ނުކުރެވޭ ވަރުގެ ވޭނަކަށް ވެފައިވާ ކަމަށްބުނެ، އޭނާ ޖަލަށް ލައިދޭން ފުލުހުންގެ ކިބައިން އެދިފައިވާ ކަމަށް އިޓަލީގެ ފުލުހުން ހާމަ ކޮށްފިއެވެ.
އިޓަލީގެ އަވަށެއް ކަމުގައިވާ ޓިވޮލީގެ ކަރަބިނިއެރިގެ ފުލުހުންގެ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އިޓަލީގެ ވެރިރަށް ރޯމުގެ ރަށްބޭރުގައި އޮން އަވަށެއްކަމުގައިވާ ގުއިޑޯނިއޯ މޮންޓެސޮލޯގައި ދިރިއުޅެމުންދާ، އުމުރުން 30 އަހަރުގެ، އަލްބޭނިއާގެ ރައްޔިތެއް ކަމުގައިވާ މިމީހާ ވަނީ، "އޭނާގެ އަންހެނުންނާއެކީ އެއްތަނެއްގައި ދިރިއުޅެން މަޖުބޫރުވެފައިވުން މިހާރު އޭނާއަށް ތަހައްމަލް ކުރެވެން ނެތް" ކަމެއްކަން ފުލުހުންނަށް އަންގާފައިވާ ކަމަށް ބުނެފައެވެ.
"އަންހެނުންނާއެކު ދިރިއުޅުން އޭނާއަށް އުދަގުލަކަށްވެ، އެކަމުގެ ހިންހަމަ ނުޖެހުން ފާޅުކޮށް، އޭނާވަނީ ކަރަބިނިއެރިގެ ފުލުހުން އޭނާއާ ހަވާލުވުމަށް އަމިއްލައަށް އެދިފަ، އަދި އަންހެނުންގެ ކިބައިން ސަލާމަތްވާން ބޭނުންވެފައިވާ ކަމަށް ވަނީ ބުނެފައި، އަދި އޭނާގެ ހުކުމުގެ ބާކީ އޮތްބައި ޖަލުގެ ތޭރިތަކުގެ ފަހަތުގައި ތަންފީޒު ކުރަން އޭނާ ވަނީ އެދިފަ،" ފުލުހުންގެ ބަޔާނުގައި ބުނެފައި ވެއެވެ.
އިޓަލީގެ ކަރަބިނިއެރިގެ ފުލުހުންގެ ކެޕްޓަން ފްރާންސެސްކޯ ގައިކޯމޯ ފެރާންޓޭ ވިދާޅުވެފައި ވަނީ މި މީހާ ގޭގައި ބަންދު ކުރެވިފައިވަނީ، ޑްރަގާއި ގުޅުންހުރި ކުށެއްގައި ކަމަށެވެ. އަދި އޭނާ ގޭ ބަންދުގައި ހުންނަތާ އެތައް މަހެއް ވެގެން ގޮސްފައިވާއިރު، އޭނާ ހުކުމުގައި ބާކީ އަދިވެސް އަހަރުތަކެއް އެބައޮތެވެ.
"އޭނާ ގޭގައި ދިރިއުޅެމުން އަންނަނީ، އޭނާގެ އަންހެނުންނާ އަދި ދަރިންނާވެސް އެކީގައި. އެހެންނަމަވެސް، އެ ދިރިއުޅުން އެހާ ހަމަޖެހޭ ދިރިއުޅުމަކަށް ނުވޭ،" ފެރާންޓޭ ވިދާޅުވެފައި ވެއެވެ.
"އޭނާ ބުނެފައިވަނީ، އޭނާގެ އަމިއްލަ ގޭގެ ދިރިއުޅުން ނަރަކައަކަށް ވެފައިވާ ކަމަށް، އެދިރިއުޅުން އޭނާ ބޭނުން ނުވާކަމަށް، ދާން ބޭނުމީ ޖަލަށް ކަމަށް."
އިޓަލީގެ ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އޭނާ ގޭބަންދު ކުރުމަށް ކޮށްފައިވާ ހުކުމާ ޚިލާފުވެ، ގެއިން ބޭރުގައި އުޅެނިކޮށް ހައްޔަރު ކުރުމާއި ގުޅިގެން، ފަނޑިޔާރުން މިހާރުވަނީ އޭނާ ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ.
ކޮމެންޓު ފޮނުވާ